ދިރާގު 'ޕިޗް ފޯ ޕާޕަސް' ޕްރޮގްރާމް ކާމިޔާބުކުރި ޓީމްތައް އިއުލާންކޮށްފި

ދިރާގު 'ޕިޗް ފޯ ޕާޕަސް' ޕްރޮގްރާމް ކާމިޔާބުކުރި ޓީމްތައް އިއުލާންކޮށްފި --- ފޮޓޯ: ދިރާގު

ދިރާގުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން، މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ބައިވެރިވުމާއި އިސްނެގުން އިތުރުކުރުމުގެ މަގުސަދުގައި ތައާރަފުކުރި 'ޕިޗް ފޯ ޕާޕަސް' ޕްލެޓްފޯމްގެ ފުރަތަމަ އެޑިޝަން ކާމިޔާބުކުރި ޓީމްތައް އެ ކުންފުނިން އިއުލާންކޮށްފިއެވެ.

'ޕިޗް ފޯ ޕާޕަސް' އަކީ އިޖުތިމާއީ ޒިންމާ އަދާކުރުމުގައި މުވައްޒަފުންގެ ބައިވެރިވުން އިސްކޮށް، އެ މުވައްޒަފުންގެ ހިތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ އިޖުތިމާއީ ކަންކަން ދެނެގަނެ، އެ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދިރާގުގައި ފަރުމާކުރެވުނު މިފަދަ ފުރަތަމަ ސީއެސްއާރް ޕްރޮގްރާމެވެ.

ދިރާގުން ވަނީ އެ ޕްރޮގްރާމްގެ ފުރަތަމަ އެޑިޝަނަށް ދިރާގުގެ މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށް ބުނެފައެވެ. އެގޮތުން ޖުމްލަ 20 ޓީމަކުން ބައިވެރިވެ، 15 ޕްރޮޕޯޒަލެއް އެ ޕްރޮގްރާމަށް ހުށަހެޅި ކަމަށާއި ޕްރޮގްރާމްގެ ފައިނަލް ޕިޗް އިވެންޓް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، ޕްރޮގްރާމްގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ 3 ޕްރޮޖެކްޓް ހޮވާފައިވާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

އެގޮތުން ހޮވުނު ޕްރޮޖެކްޓްތަކަކީ:

  • އީއޯސީ ރިޕްލް އިފެކްޓް – ބ. ޑިޖިޓަލް އިންކްލޫޝަން އެންޑް ކޮންޓެންޓް ކްރިއޭޝަން: މިއީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން، ޑިޖިޓަލް އިންކްލޫޝަންއަށް އިސްކަންދީގެން ހިންގާ ޕްރޮގްރާމެކެވެ.
  • ރޯޑްވައިޒް ކޮމިއުނިޓީ ޓީމް – ކޮމިއުނިޓީ ރޯޑް ސޭފްޓީ އިނިޝިއޭޓިވް: މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، ޒިންމާދާރުކަމާއެކު މަގުމަތީގެ އާދަތައް ބެހެއްޓުމަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
  • އޮޑިސީ – ދަ ލިވިންގް ކެންވަސް އެންޑް ގްރޯތް ސްކޮޑް: މިއީ ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ތަފާތު އައު ގޮތްތަކަށް ތިމާވެށީގެ މައުލޫމާތު ފޯރުކޮށްދިނުމާއެކު، ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށް ރާވިފައިވާ ޕްރޮގްރާމެކެވެ.

ދިރާގުން ވަނީ މި ޕްރޮޖެކްޓްތައް ކާމިޔާބުކުރި ޓީމުތަކުން ކުރިއަށް އޮތް މަސްތަކުގައި އެ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ.

ކާމިޔާބުކަމާއެކު ބޭއްވުނު "ޕިޗް ފޯ ޕާޕަސް" ގެ ފުރަތަމަ އެޑިޝަނަކީ މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުމާއެކު އިޖުތިމާއީ ޒިންމާ އަދާކުރުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށާއި ޕްރޮގްރާމްގެ ސަބަބުން ކުންފުނީގެ އެކި ދާއިރާތަކުގެ މުވައްޒަފުން އެކުވެ، އެމީހުން އެންމެ ލޯބިކުރާ ކަންކަމަށް ވަކާލާތުކުރުމުގެ ފުރުސަތު ލިބި، މުޖުތަމައަށް ހެޔޮ ބަދަލުތައް ގެނައުމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް ބުނެފައެވެ.

"ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކެޓް ހާސިލުކޮށްފައިވާ ކުންފުންޏެއްގެ ހައިސިއްޔަތުން ދިރާގަކީ އަބަދުވެސް މުވައްޒަފުންގެ ބައިވެރިވުމާއި އެއްބައިވަންތަކަމަށް ބާރުއަޅާ ކުންފުންޏެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް