މިހާރު ކުރާ ގޮތަށް މަސައްކަތް ކުރެއްވިއްޖެނަމަ، އަންނަ އަހަރު ކުރީކޮޅު ބޭހުގެ މައްސަލައަށް ހައްލެއް ލިބޭނެ: ޝާހު

ސްޓޭޓްފާމާގެ ބޭސް ރައްކާ ކުރާ ގުދަނުގައި އެ ތަނުގެ މުވައްޒަފަކު ބޭސް ބަންދު ކުރުމުގެ މަސައްކަތް ކުރަނީ: ޝާހު ވިދާޅުވި ގޮތުގައި، މަސައްކަތް ކުރެއްވިއްޖެނަމަ، އަންނަ އަހަރު ކުރީކޮޅު ބޭހުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ބޭސް ކުންފުނި ނުވަތަ ސްޓޭޓްފާމާއިން މިހާރު ކުރާ ގޮތަށް، މަސައްކަތްކުރެއްވިއްޖެނަމަ، އަންނަ އަހަރުގެ ކުރީކޮޅު ބޭހުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ބޭހުގެ ދަތިކަން ރާއްޖެއަށް ދިމާވެ، އެ ކަމުގެ ޝަކުވާތައް އާންމުން ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. ދުވަހެއް ދުވަހަކަށް އެ ޝަކުވާ ބޮޑުވަމުން އަންނައިރު، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ބޭސް ކުންފުންޏެއް ހަދާފައެވެ. އަދި، އެސްޓީއޯއިން އަދާ ކުރަމުން އައި ބޭސް ފޯރުކޮށްދިނުމުގެ ޒިންމާތައް އެ ކުންފުންޏާ ހަވާލުކުރިއެވެ.

ސްޓޭޓްފާމާގެ ބޭސް ރައްކާ ކުރާ ގުދަނުގައި ހުންނަވައި، މިދިޔަ އަންގާރަ ދުވަހު ޑރ. ޝާހު ވިދާޅުވީ، ބޭހުގެ މައްސަލަ ގޯސްވީ، ސަޕްލައިއަށް ދޭން ޖެހޭ މުހިންމުކަން ޒަމާނުއްސުރެ ނުދެވި އޮތުމުން ކަމަށެވެ. އެހެންވެ، މިދިޔަ އޮގަސްޓު މަހު ކުންފުންޏާ ހަވާލުވުމަށް ފަހު، ސަޕްލައިޗެއިން ޒަމާނީ ކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި ވަސީލަތްތައް ގާއިމުކުރީ ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު މާހިރު ސްޓޭޓްފާމާގެ ބޭސް ރައްކާ ކުރާ ގުދަނުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އޭގެތެރޭގައި، ސިސްޓަމް މެނޭޖުކުރުމަށް ބޭނުންކުރާ ސޮފްޓްވެއާއެއް ކަމަށްވާ އީއާރުޕީއާއި މުޅި ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި މިންވަރާއި ބާވަތްތައް ވަގުތުން ބަލައިލެވޭ ނިޒާމެއް ހިމެނެއެވެ. ޝާހު ވިދާޅުވި ގޮތުގައި، އެ ކަމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ބޭސް ދުރިއާލާ ދެނެގަނެ، އޯޑަރު ކުރެވެއެވެ.

އޭނާ ކިޔައިދެއްވި ގޮތުގައި، ބޭހަކީ އެހެން މުދާ ހެން އޯޑަރު ޖަހާއިރަށް، ގެނެވޭ އެއްޗެއް ނޫނެވެ. މިގޮތުން، ބޭހަކީ ވަރަށް ބޮޑަށް ރެގިއުލޭޓުކޮށް، ވަކި ފިނި ހޫނު މިނެއްގައި އެތެރެކުރެވޭ އެއްޗެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަނެއްކާ އެ ބޭސް އުފައްދާ ތަންތަނުގައި ވެސް އާންމުކޮށް ގައުމަކަށް ބޭނުންވާ ސްޓޮކު އަބަދު އުފައްދާފައެއް ނުހުންނާނެ. ގިނަ ފަހަރަށް ބޮޑު ސްޓޮކެއް ވެއްޖިއްޔާ އުފައްދައިގެން މި ގެންނަނީ. އެއާ ހެދި، ބޭހަށް ބޭނުންވާނެ ލީޑް ޓައިމެއް ވެސް" ޝާހު އިތުރަށް ތަފުސީލުކޮށްދެއްވިއެވެ.

މިހާރު ސްޓޭޓްފާމާއިން ކުރަނީ އަންނަ އަހަރަށް ބޭސްތައް ގެނައުމުގެ މަސައްކަތް ކަމަށްވާއިރު، 5،000އަށް ވުރެ ގިނަ ވައްތަރުގެ ބޭސް އެ ކުންފުނިން އެތެރެކުރެއެވެ. އޭގެތެރޭގައި އެތައް ވައްތަރެއްގެ ބޭސްތައް ހުންނައިރު، މުއްދަތު ހަމަވަނީ ވެސް އެކި ތާރީޚުތަކުގައެވެ. އެހެންވެ، ބޭހުގެ އޯޑަރުތައް ޖެހުމުގައި ވެސް ދަތިތައް ދިމާވާކަން ފާހަގަކުރައްވަމުން ޝާހު ވިދާޅުވީ، މިހާރު ކުރަނީ ބޭނުންވާ އާންމު ބޭސްތައް ހަމަ ކުރުމުގެ މަސައްކަތް ކަމަށެވެ.

ސްޓޭޓްފާމާގެ ގުދަނުގައި ބޭސްތަކެއް ގުދަންކޮށްފައި ---- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެ މަސައްކަތުގެ ތެރެއިން، މިދިޔަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި 600އަށް ވުރެ ގިނަ ބޭސް އެތެރެކޮށްފައިވާ ކަމަށާއި އެ ވަރަކުން ނުފުދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، މިހާރު އަނެއްކާވެސް ހުސްވާ ބޭސްތަކުގެ ސްޓޮކް އާ ކުރަން ޖެހި، އެ މަސައްކަތް ކުރަމުންދާކަން ޝާހު ފާހަގަކުރެއްވިއެވެ.

މި އަންނަ އަހަރު ކުރީކޮޅު އަޅުގަނޑުމެނަށް ޕަބްލިކަށް އިމްޕެކްޓެއް ގެނެވޭ ފެންވަރަށް މި މަސައްކަތް ގެންދެވޭނެ މި ދާ ސްޕީޑުގައި ދަންޏާ. އުއްމީދަކީ ރައްޔިތުންނަށް ބޭނުންވާ ބޭސްތައް ބަރާބަރަށް ލިބެން ހުރުންސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު

ފާހަގަކުރެވޭ ގޮތުގައި، ބޭސް ނުލިބުމުގެ ޝަކުވާއަކީ ވަރަށް ބޮޑަށް އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ. އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ބޭހެއް ނުލިބިގެން ހިނގަންޖެހޭ ޖެހުމާއި އާސަންދަ ކަވަރުނުކުރާނަމަ ބޭހެއް ގަންނަން އެތައް ގުނައެއް އިތުރަށް ޖީބުން ޚަރަދުކުރަން ޖެހޭތީ ވެސް އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނައެވެ.

comment ކޮމެންޓް