ގްރޭންޑް ތެފްޓް އޮޓޯ 6 (ޖީޓީއޭ 6) އިއްޔެ ނެރުމާއެކު، މުނިފޫހިފިލުވުމުގެ ދާއިރާގެ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އުފެއްދުމުގެ ރެކޯޑު ގާއިމުކޮށްފިއެވެ.
ތަފާސްހިސާބުތައް ދިރާސާކުރާ މަންސައެއް ކަމަށްވާ ސެންސާ ޓަވާއިން ބުނި ގޮތުގައި، 13 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ނެރުނު މި ވީޑިއޯ ގޭމުގެ ޕްރީ-އޯޑަރުތަކާއި ފުރަތަމަ ދުވަހުގެ ވިޔަފާރިން އެކަނިވެސް 24.5 މިލިއަނަށް ވުރެ ގިނަ ޔުނިޓު ވަނީ ވިކިފައެވެ. އަދި މިއީ ގާތްގަނޑަކަށް 2.36 ބިލިއަން ޑޮލަރު (1.8 ބިލިއަން ޕައުންޑް) ގެ އާމްދަނީއެއް ކަމަށް އެ ފަރާތުން ލަފާކޮށްފައިވެއެވެ.
މި ގޭމު އުފެއްދި ކުންފުނި ކަމަށްވާ ރޮކްސްޓާ ގޭމްސް (ރޮކްސްޓާ) އާއި އެ ކުންފުނީގެ ބެލެނިވެރި ކުންފުނި ޓޭކް-ޓޫ އިންޓަރެކްޓިވް (ޓޭކް-ޓޫ) އިން ވިޔަފާރީގެ ރަސްމީ ތަފާސްހިސާބުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ގޭމަށް ކުރިން ދުވަހަކުވެސް ނުލިބޭ ފަދަ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ދެ ކުންފުނިން ބުންޏެވެ.
ސެންސާ ޓަވާއިން ބުނީ އެ އިދާރާގެ އަންދާޒާތައް ބިނާކޮށްފައިވަނީ ދުވާލަކު އެތައް މިލިއަން ބައެއްގެ މައުލޫމާތު ދިރާސާކުރާ އީމެއިލް ރަސީދުތަކަށާއި، ޕްލޭސްޓޭޝަން އަދި އެކްސްބޮކްސް ފަދަ ގޭމު ކުޅޭ މަންސަތަކުގެ އާންމު ޕްރޮފައިލްތަކަށް ކަމަށެވެ. އެގޮތުން، ޖީޓީއޭ 6 ގެ ވިޔަފާރީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ ޕްލޭސްޓޭޝަން 5 ކަމަށާއި، ބާކީ ބައި ހިއްސާކުރަނީ އެކްސްބޮކްސް ކަމަށް އެ ފަރާތުން ފާހަގަކުރިއެވެ.
މީގެ އިތުރުން، ގޭމިން މާކެޓް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ނިކޯ ޕާޓްނާސްއިން ބުނި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖީޓީއޭ 6 އަށް 3 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އަޅައިބަލާއިރު، ސިނަމާތަކުގައި އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ އަށް މުޅި މުއްދަތުގައި ލިބިފައިވަނީ 2.5 ބިލިއަން ޑޮލަރެވެ. ނިކޯ ޕާޓްނާސްއިން ބުނީ 3 ބިލިއަން ޑޮލަރުގެ އާމްދަނީއާއެކު ތާރީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި މުނިފޫހިފިލުވުމުގެ އުފެއްދުންތަކުގެ ތެރޭގައި ޖީޓީއޭ 6 ހިމެނޭނެ ކަމަށާއި، ނަމަވެސް ފައިސާގެ އަގަށް އައި ބަދަލުތަކަށް ބަލާއިރު 4.5 ބިލިއަން ޑޮލަރު ހޯދާފައިވާ 1939 ވަނަ އަހަރުގެ ފިލްމު ގޯން ވިތު ދަ ވިންޑް އާ ހަމައަށް ވާސިލުވުމަށް އަދިވެސް އިތުރު އާމްދަނީ ބޭނުންވާނެ ކަމަށެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖީޓީއޭ 6 އަކީ ރޮކްސްޓާގެ 30 އަހަރު ވީ މަގުބޫލު ގޭމު ސިލްސިލާގެ އެންމެ ފަހުގެ ބައެވެ. އެމެރިކާގެ ފްލޮރިޑާ އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ލިއޮނިޑާ ސްޓޭޓުގައި ކުށްވެރިންގެ ދިރިއުޅުން ދައްކުވައިދޭ މި ގޭމުގެ މައިގަނޑު ކެރެކްޓަރުންނަކީ ލޫސިއާ އަދި އޭނާގެ ބައިވެރިޔާ ޖޭސަންއެވެ. މި ގޭމު އުފެއްދުމަށް އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއް ހިނގާފައިވާ ކަމަށް ލަފާކުރެވޭއިރު، މިއީ ތާރީހުގައި އުފެއްދި އެންމެ އަގުބޮޑު ވީޑިއޯ ގޭމަށް ވާނެ ކަމަށް އެ ނޫހުން ބުންޏެވެ.
މި ގޭމުގެ މަގުބޫލުކަން ބޮޑުވުމުގެ ސަބަބުން، އެކަނި ކުޅޭ އެހެން ގޭމުތަކަށް ކުޅުންތެރިން ހޭދަކުރާ ވަގުތު 10 އިންސައްތަ ދަށްވާނެ ކަމަށް ސެންސާ ޓަވާއިން ވަނީ ބުނެފައެވެ. އަދި ކޮންސޯލްތަކަށް މި ގޭމުގެ 212 ޖީބީގެ ބޮޑު ފައިލް އިންސްޓޯލްކުރުމަށް ގިނަ ބަޔަކު އެއްފަހަރާ މަސައްކަތްކުރުމުން، ވާޖިން މީޑިއާ އޯ2 ގެ ރޭގަނޑުގެ އިންޓަނެޓް ޓްރެފިކް ރެކޯޑު މުގުރާލާފައިވާ ކަމަށް ބީބީސީން ބުންޏެވެ. މީގެ އިތުރުން، ގޭމުގައި ހިމެނޭ މަންޒަރުތަކުގެ ސަބަބުން ޖަޕާނުގައި ބައެއް ބައިތައް ސެންސަރުކޮށްފައިވާއިރު، ކުރީގެ ބައިތަކެކޭ އެއްފަދައިން ޗައިނާގައި މި ގޭމު ވިއްކުމުގެ ހުއްދަ ދީފައެއް ނުވެއެވެ.
ތަކުރާރުކޮށް ލަސްވުންތަކެއް ކުރިމަތިވެ، 13 އަހަރުގެ އިންތިޒާރަކަށް ފަހު އިއްޔެ މެންދަމު އެކި ގަޑިތަކުގައި މި ގޭމު ނެރުމާއެކު، ގިނަ ކުޅުންތެރިންތަކެއް ހޭލާ ތިބެ އަދި ބައެއް މީހުން ޖެހިގެން އައި ދުވަހު ޗުއްޓީ ނަގައިގެން ގޭމު ކުޅެފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.
މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ އައިޖީއެންއިން މި ގޭމު ސިފަކޮށްފައިވަނީ އެއްވެސް އުނިކަމެއް ނެތް ފުރިހަމަ އުފެއްދުމެއްގެ ގޮތުގައެވެ.
ނިއުޔޯކުގައި ގާއިމުވެފައިވާ ރޮކްސްޓާއަށް ކުރިއަށް އޮތް އަހަރުތަކުގައި މި ގޭމުން އިތުރު އާމްދަނީ ލިބޭނެ ކަމަށް ބީބީސީން ލަފާކުރާއިރު، ކޮމްޕިއުޓަރުތަކަށް މި ގޭމު ނެރޭނެ ތާރީހަކާއި އިންޓަނެޓް މެދުވެރިކޮށް އެކުގައި ކުޅެވޭ މަލްޓިޕްލޭޔާ ބައި ނެރޭނެ ތާރީހެއް އެ ކުންފުނިން އަދި އިއުލާންކޮށްފައެއް ނުވެއެވެ.