ގައުމާއި ވަތަނުގެ ދިފާއުގައި އަމަލުތައް ސީދާކުރަންޖެހޭނެ ކަމަށާއި ގައުމުގެ ކުރިއެރުމުން ހަޔާތަށް ޖާގަ ހޯދަން ޖެހޭނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ ނަސީބުވެރި ގައުމެއް ކަމަށާއި ރާއްޖޭގެ 4،000 އަހަރުވީ ތާރީޚާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ތާރީޚާ މެދު ވިސްނައިލުމުން އެކަން ރަނގަޅަށް އިހުސާސްކުރެވޭނެ ކަމަށެވެ.
މަދު އާބާދީއެއްގެ ބަޔަކު މިނިވަންކަންމަތީ ތިބެން މާތް ﷲ މެދުވެރިކުރެއްވުމަކީ ބޮޑު ނިއުމަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ގައުމާއި ވަތަނުގެ ދިފާއުގައި ފިކުރާއި އަމަލުތައް ސީދާކުރަން ޖެހޭނެ، އަޅުގަނޑުމެންގެ ކުރިއެރުމާއި މަދަނީ ތަހުޒީބީ ހަޔާތަށް ޖާގަ ހޯދަން ޖެހޭނެ،" ރައީސް ވިދާޅުވިއެވެ.
ކާބަފައިން އެއް ޖީލުން އަނެއް ޖީލަށް ގައުމު ވާރުތަކުރީ އެ ވިސްނުން ދަމަހައްޓަމުން ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ބެލިކަމުގައިވިޔަސް އެކަން އޮތީ އެހެން ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ ފުރަތަމަ ގާނޫނުއަސާސީއަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ލިޔެވުނު އެންމެ ފުރިހަމަ އެއް ގާނޫނުއަސާސީކަމަށާއި އެ ގާނޫނުއަސާސީން އޭރު ވެސް އެތައް ހައްގުތަކެއް ދިވެހީންނަށް ކަށަވަރުކޮށްދިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކުން ވެރިން އިންތިޚާބުކުރާ ނިޒާމަކަށް ބަދަލުވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިގޮތުގައި ދިވެހީން ވަނީ ވެރިކަމުގެ ޒަމާނީ ޑިމޮކްރަޓިކް އުސޫލު ގަބޫލުކޮށްފައެވެ.
"އެހެންވީމާ މި ކަންކަމުން މި އެނގެނީ ދިވެހީންނަކީ ދިވެހި ރައްޔިތުންނަކީ ދިވެހި ދައުލަތަށް އެންމެ ފައިދާހުރި، ދިވެހި ގައުމަށް އެންމެ ލާބަހުރި، އަދި ދިވެހިރާއްޖެއަށް ކުރިއެރުމާއި ތަރައްގީ ލިބިދޭނެ އެންމެހައި މަގުތައް ހޯދައި އެ މަގުތަކުން ކުރިއަށް ދިއުމުގައި ލާމަސީލު ނަމޫނާ ރައްޔިތުންތަކެއްކަން،" ރައީސް ވިދާޅުވިއެވެ.
އެއަށްފަހު ކުރީގެ ދެ ރައީސުންކަމަށްވާ އަލްމަރްޙޫމް މުޙައްމަދު އަމީން ދީދީއާއި އަލްމަރްޙޫމް އިބްރާހީމް ނާޞިރުގެ ވެރިކަންތަކަށް ވެސް ރައީސް އަލިއަޅުވައިލެއްވިއެވެ.
އެގޮތުން އަންހެނުން ތައުލީމް އުނގެނުމަށް ފަހިކޮށްދިނުމަށް އަމީން މަސައްކަތްކުރެއްވިއިރު އެކަމާ ދެކޮޅަށް ބައެއް މީހުން ތެދުވެ އެއީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރު ނޫން ކަމެއް ކަމަށް ވިސްނައިދިނުމަށް މަސައްކަތްކުރި ކަމަށް ރައީސް ވިދާޅުވިއެވެ.
"އަންހެން ކުދިންނަށް ތައުލީމު ދިނުމުން ގައުމާއި ދީނަށް ލިބުނީ ގެއްލުންތޯ ނުވަތަ ފައިދާތޯ؟"
އެކަމަކު ވެސް އާޚިރުގައި ހުރިހާ މޮޅެއްވީ ދިވެހީންނަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަ އެހެންމެ ނާޞިރުގެ ވެރިކަމުގައި މަސްދޯނިފަހަރުގައި އިންޖީނު އެޅުން ތައާރަފުކުރަން އުޅުމުން ބަޔަކު އެކަމާ ދެކޮޅު ހެދިކަމާއި، ނަމަވެސް އެތައް ބަޔަކު އޮޑިދޯނިފަހަރުގައި ފަހުން އިންޖީނު އަޅަން ފެށްޓިކަން ރައީސް ފާހަގަކުރެއްވިއެވެ.
ޒަމާނަށް އަންނަ ބަދަލުތަކަށް ދިވެހީން ހޭލުންތެރިވެފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދިވެހި ރައްޔިތުން ބޭނުންވަނީ ހޭލުންތެރި ދިވެހި ގައުމެއް، ދިވެހި ރައްޔިތުން ބޭނުންވަނީ މަދަނިއްޔަތެއް ލިބިފައިވާ ދިވެހިރާއްޖެއެއް،" ރައީސް ވިދާޅުވިއެވެ.