ޖުމްހޫރީ ވެރިކަމެއްގެ ބިންގަލަކީ ރައްޔިތުން ކަމަށާއި ރައްޔިތުންނަކީ އަޚުލާގު ރަނގަޅު، މުރުއްވަތްތެރި، އަދި މީހުންނަށް އިހުތިރާމުކުރާ ބަޔަކަށް ވާންޖެހޭ ކަމަށް، ސަގާފަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ހީނާ ވަލީދު މިރޭ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ހީނާ ވަލީދު ވިދާޅުވީ ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ އަމިއްލަވަންތަކަމާއި ކަރާމާތާއި މިނިވަންކަމާއެކު ބަސް ބުނުމުގެ ހައްގު ޔަގީންކޮށްދީ ކޮންމެ މީހެއްގެ އަބުރާއި ކަރާމާތް ރައްކާތެރިކުރެވިގެން ވެރިކަމުގައި ރައްޔިތުން ބައިވެރި ކުރެވޭ ނިޒާމެއް ކަމަށެވެ.
ހަމައެއާއެކު ޖުމްހޫރީ ވެރިކަމެއްގެ އެންމެ ބޮޑު ފައިދާއަކީ ނުސީދާ ގޮތުންނާއި ސީދާ ގޮތުން ރައްޔިތުންނަށް ބައިވެރިވެވޭތީ ކަމަށް ހީނާ ވިދާޅުވިއެވެ.
ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ސަގާފަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ހީނާ ވަލީދު -- ފޮޓޯ: ރައީސް އޮފީސްތާރީޚަށް އަލިއަޅުވައިލައްވައި ހީނާ ވިދާޅުވީ ދިވެހީންނަކީ ހައިބަވަންތަ ވެރިކަމެއްގެ މަތީގައި ތިބި ބައެއް ކަމަށެވެ. އަދި ގަދީމީ ޒަމާންތަކުން ފެށިގެން 1953ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އޮތީ ރަސްކަމެއްކަން ހީނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޖުމްހޫރީ ފިކުރަކީ ދިވެހީންގެ ތެރެއަށް ވަރަށް ފަހުގެ ތާރީޚެއްގައި ތައާރަފުވި ފިކުރަކަށް ވިޔަސް ދިވެހީންގެ ތެރޭ އޮތް ވެރިކަމަކީ ޖުމްހޫރީ އެތައް ސިފައެއް އޮތް ވެރިކަމެކެވެ.
"ޖުމްހޫރީ ވެރިކަމެއްގެ ބިންގަލަކީ ރައްޔިތުން ކަމުގައި ވީހިނދު އޭގެ ތަރަހައަކީ ވެސް ހަަމަ ތިޔަ ލޮބުވެތި ރައްޔިތުން ކަމުގައި ވީހިނދު، އަޅުގަނޑުމެންނަކީ މުރުއްވަތްތެރި އަޚްލާގެއްގެ ވެރި ބަޔަކަށް ވާންޖެހޭ. ކާބަފައިން ވަނީ މިކަމަށް ވަރަށް ފުރިހަމައަށް އިލްތިމާސްކުރައްވައިފައި. އަނެކުންނާ ރީތިކޮށް މުއާމަލާތުކޮށް އުޅޭ، އަނެކާގެ ގަދަރާއި އިހުތިރާމަށް ވިސްނަން ދަންނަ ބަޔަކަށް ވެސް ވާންޖެހޭ ކަމުގައާއި ގައުމަށް ހުރުމަތްތެރިކޮށް ހިތުމަށާއި އިޚްލާސްތެރިކަން އިސްކުރުމަށް ވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަށް ގޮވާލާފައި،" ހީނާ ވިދާޅުވިއެވެ.
އެހެންކަމުން ކާބަފައިން ދެއްވައިފައިވާ އެފަދަ އިލްތިމާސްތަކާ މެދު ވިސްނައިލުން މުހިންމު ކަމަށް ހީނާ ވިދާޅުވިއެވެ.