ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާ ވެރިކަންތަކަކީ ހަގީގީ މާނައިގައި ރައްޔިތުންގެ ބާރު ހިނގާ ޖުމްހޫރީ ވެރިކަންތަކެއް ނޫން ކަމަށާއި، ރައްޔިތުންގެ ބާރު އޮންނަނީ ހަމައެކަނި ވޯޓުލާ ދުވަހު ކަމަށް އާންމުންގެ ބޮޑު އަޣުލަބިއްޔަތަކުން ދެކޭކަން ސަން އޮންލައިންގެ ޚިޔާލު ހޯދުމުގެ ޕޯލުން ދައްކައިފިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ރައްޔިތުންގެ ހަގީގީ ބާރުވެރިކަން އޮތް މިންވަރާ ގުޅޭގޮތުން ނެގި ޕޯލްގެ ނަތީޖާއިން ދައްކާ ގޮތުގައި، ވޯޓުލީ މީހުންގެ 82.4 އިންސައްތަ މީހުން ގަބޫލުކުރަނީ ރައްޔިތުންގެ ބާރު ވޯޓުލާ ދުވަހުން ނިމޭ ކަމަށެވެ. އަދި އޭގެ ފަހުން ހުރިހާ ބާރެއް ހިނގަނީ ސިޔާސީ ވެރިންނާއި ސިޔާސީ ޕާޓީތަކުގެ މައްޗަށް ކަމަށް އެ ފަރާތްތަކުން ދެކެއެވެ. މީގެ އިތުރުން، ބައެއް ކަންކަމުގައި ރައްޔިތުންގެ ބަސް ވިކުނު ނަމަވެސް، ފުރިހަމަ ޖުމްހޫރީ ވެރިކަމަކަށް ވާން އަދި ވަރަށް ގިނަ އިސްލާހުތައް ބޭނުންވާ ކަމަށް 9.5 އިންސައްތަ މީހުން ވޯޓު ދީފައިވެއެވެ. މިނިވަން އިންތިޚާބުތަކާއި މުއައްސަސާތަކުގެ ތެރެއިން ރައްޔިތުންގެ ބާރު ފުރިހަމައަށް ހިނގާ ކަމަށް ގަބޫލުކުރީ ވޯޓުގައި ބައިވެރިވި މީހުންގެ އެންމެ 8.1 އިންސައްތައެވެ.
ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ 11 ނޮވެންބަރު 1968 ގައި އިއުލާނުކޮށް، އަދި 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނުއަސާސީގެ ދަށުން ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސިއްރު ވޯޓަކުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމުގެ ފުރުސަތު ދިވެހިންނަށް ލިބެއެވެ. ނަމަވެސް، ގާނޫނުއަސާސީގައި ޖުމްހޫރީ ވެރިކަމެއްގެ ހުރިހާ އަސާސީ ސިފަތަކެއް ބަޔާންކޮށްފައި އޮތް ނަމަވެސް، އަމަލީ ގޮތުން އެ ނިޒާމު ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން މިދިޔަ ހަފުތާގެ ސަން އޮންލައިންގެ އެޑިޓަރުންގެ ވަށްމޭޒު ޕްރޮގްރާމުގައި ވެސް ވަނީ ފާހަގަކޮށްފައެވެ.
އެޑިޓަރުން ފާހަގަކުރެއްވި ގޮތުގައި، ގާނޫނީ ގޮތުން ދައުލަތުގެ ތިން ބާރު ވަކިކޮށް، އިލެކްޝަންސް ކޮމިޝަނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އެޗްއާރުސީއެމް ފަދަ މުސްތަގިއްލު މުއައްސަސާތައް އުފައްދާފައިވީ ނަމަވެސް، އަމަލީ މައިދާނުގައި ހުރިހާ ވެރިކަމެއްގައިވެސް ފެންނަނީ ބާރުތައް އެއްކޮށްގެން ވެރިކަން ކުރާތަނެވެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ލިބުމުން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ބަލިކަށިވެ، ޝަރުއީ ދާއިރާއަށާއި މިނިވަން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ވަންނަކަން އެޑިޓަރުން ފާހަގަކުރިއެވެ.
ފުރިހަމަ ޖުމްހޫރިއްޔަތެއްގެ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި މުހިންމު އިސްލާހީ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އެޑިޓަރުންގެ މަޝްވަރާތަކުގައި ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކޮށް ސިޔާސީ ނުފޫޒުން އެއްކިބާކުރުމާއި، މިނިވަން މުއައްސަސާތަކަށް ނަޒާހަތްތެރި ބޭފުޅުން އައްޔަންކޮށް މާލީ ބާރުވެރިކަން ދިނުން ހިމެނެއެވެ. މީގެ އިތުރުން ކައުންސިލްތަކަށް މާލީ އަދި އިދާރީ ބާރުވެރިކަން ދީގެން ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ތަންފީޛުކުރުމާއި، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކޮށް، މިނިވަން ނޫސްވެރިކަމާއި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާކުރުމަކީ ރައްޔިތުންގެ ހަގީގީ ބާރުވެރިކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަންކަން ކަމުގައި ފާހަގަކޮށްފައިވެއެވެ.
ޕޯލްގެ ނަތީޖާއިން ސާފުވަނީ، ފަސް އަހަރުން އެއްފަހަރު ވޯޓުލާން ލިބޭ ފުރުސަތަކުން އެކަނި ޖުމްހޫރީ ވެރިކަމެއްގެ ފުރިހަމަ އިހްސާސް ރައްޔިތުންނަށް ނުކުރެވޭ ކަމެވެ. އަދި ދައުލަތް ހިންގުމުގައި ދެފުށް ފެންނަ، ރައްޔިތުންނަށް ޖަވާބުދާރީވާ ނިޒާމެއް ގާއިމުކުރުމަށް ރައްޔިތުންގެ ބޮޑު އެދުމެއް އޮތް ކަމެވެ.