ބައެއް ބިލުތަކުގެ މަސައްކަތްތައް ނުނިމެނީ ކަމާ ގުޅުންހުރި ބައެއް އިދާރާތަކުން ޖަވާބު ލިބުން ލަސްވާތީ ކަމަށް ވިދާޅުވެ، ހޮޅުދޫ ދާއިރާގެ މެންބަރު އަދި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު ޢަބްދުއްސައްތާރު މުޙައްމަދު (ސަޓޯ) މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ، ސަރުކާރު ފަރާތުން ހުށަހެޅި މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާ ބެހޭ ބިލާއި ނަމާއި އަބުރު ރައްކައުތެރިކުރުމުގެ ހައްގުގެ ބިލުގެ ސުންގަޑިއަކީ އަންނަ މަހުގެ 20ވަނަ ދުވަސް ކަމަށް ނިންމައިފައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ ދެ ބިލުގެ ސުންގަޑިއަކީ އަންނަ ފެބްރުވަރީ މަހުގެ 15 ކަމަށް ނިންމުމަށް ހުށަހަޅުއްވައިފައެވެ.
ނަމަވެސް ނާޒިލް ހުށަހެޅުއްވި ހުށަހެޅުއްވުމުގެ ކުރިން ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާޢީލް ނިޒާރު ވަނީ ދެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ ނިޔަލަށް ކަމަށް ނިންމުމަށާއި ބިލު ދިރާސާކުރުމުގެ މަސައްކަތުގެ ސުންގަޑިއަކީ އަންނަ މަހުގެ 20ވަނަ ދުވަސް ކަމަށް ނިންމުމަށް ހުށަހަޅުއްވައިފައެވެ. އެހެންވެ ވޯޓަށް އެހީ އެ ހުށަހެޅުމަށެވެ.
އެ ހުށަހެޅުން ފާސްވީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ދެ ބިލުގެ ސުންގަޑި ކަނޑައެޅުމަށް ނެގި ވޯޓުގެ ކުރިން ޢަބްދުއްސައްތާރު ވިދާޅުވީ ބިލުތަކުގެ މަސައްކަތް އަވަހަށް ނިންމޭނީ ކަމާގުޅުންހުރި އިދާރާތަކުން ބިލުތަކާ ގުޅޭ ގޮތުން ދޭން ޖެހޭ ޚިޔާލު އަވަހަށް ދީ ނިމުމުން ކަމަށެވެ.
"ދެން މިހާރު ވެސް ބައެއް ބިލުތައް ލަސްވެފަ މި އޮންނަނީކީ އިއްޒަތްތެރި މެންބަރުން އެއްބާރުލުން ނުދެއްވައި ކޮމިޓީ ނުބޭއްވޭތީކީއެއް ނޫން، ބައެއް ދިމަދިމާއިން އަންނަންޖެހޭ ކޮމެންޓުތަކާއި، ޚާއްސަކޮށް ސަރުކާރުގެ މުއައްސަސާތަކުން ލިއުމުން ލިބެންޖެހޭ ކޮމެންޓުތައް ނާންނާތީ ހަގީގަތުގައި ލަސްވެގެން މި ދަނީ،" ޢަބްދުއްސައްތާރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ބައެއް ބިލުތަކުގެ މަސައްކަތް މަޑުޖެހި ލަސްވާ ލަސްވުމަކީ އިދިކޮޅު މެންބަރުންގެ އިތުރުން ބައެއް އާންމުންގެ ވެސް ކަންބޮޑުވުމެކެވެ. އެގޮތުން ބައެއް ބިލުތަކުގެ މަސައްކަތްތައް ކޮމިޓީ މަރުހަލާގައި ތާށިވެ، ނުނިމި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެސް ފާއިތުވެފައިވެއެވެ.