ރައީސް މުޢިއްޒުގެ 'ފުރަތަމަ ރާއްޖެ' ސިޔާސަތަކީ ގައުމުތަކުން ބަލައިގަންނަ ސިޔާސަތެއް: އިރުތިޝާމް

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް: ވިދާޅުވީ ރައީސް މުޢިއްޒުގެ 'ފުރަތަމަ ރާއްޖެ' ސިޔާސަތަކީ ގައުމުތަކުން ބަލައިގަންނަ ސިޔާސަތެއްކަމަށް -- ފޮޓޯ: ރައީސް އޮފީސް

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާފައިވާ 'ފުރަތަމަ ރާއްޖެ' ސިޔާސަތަކީ، ބައިނަލްއަޤުވާމީ މައިދާނުގައި ޤައުމުތަކުން ވަރަށް ބޮޑަށް ބަލައިގަންނަ ސިޔާސަތެއް ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖެއިން ދަނީ ބައިނަލްއަގުވާމީ އިންސާފު ގާއިމުކުރުމުގައި ވެސް ނަމޫނާ ދައްކަމުންނެވެ. އެގޮތުން މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ގަތުލުޢާންމާ ދެކޮޅަށް ބަސްބުނުމާއި، ފަލަސްތީނުގެ ޙައްގުގައި ވަކާލާތު ކުރުމުގައި ރާއްޖެއިން އަދާކުރާ އިސް ދައުރު ދޭދޭ ގައުމުތަކުން ބަލައިގަނެފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖެއިން ސާބިތުކަމާއެކު ޤައުމުގެ ކަންކަމުގައި ބަސްބުނުމަކީ ޤައުމުތަކުން އިޙްތިރާމާއެކު ބަލައިގަތް ކަމެއް ކަމަށާއި، އެއްވެސް ޤައުމެއް ތަފާތު ނުކުރައްވައި ގުޅުން ބަދަހިކުރެއްވުމުގެ ސަބަބުން ކުރިއަށްވުރެ ހަރުދަނާ ގުޅުމެއް ޤާއިމުވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތުރުކީ، ޔޫއޭއީ، ސަޢޫދީ ޢަރަބިއްޔާ، އިންޑިއާ، އެމެރިކާ، އިނގިރޭސިވިލާތް، އެސްޓޯނިޔާ، މެލޭޝިޔާ، ސިންގަޕޫރު، ޖަރުމަންވިލާތް، ސްރީލަންކާ އަދި ޕާކިސްތާނު ފަދަ ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދާއި ވަސީލަތްތައް ކުރިއެރުވުމުގެ އިތުރުން މީހުން ބިނާކުރުމަށް މުހިންމު ފުރުޞަތުތަކެއް ފަހިވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އަވައްޓެރި އަދި ސަރަޙައްދީ ޤައުމުތަކުގެ އިތުރުން، އިޤްތިޞާދީ އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޤައުމުތަކާއެކު ބޭއްވި ގުޅުންތަކުގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ޙިމާޔަތްކުރުމާއެކު، ޚާރިޖީ ސިޔާސަތުގެ ދާއިރާއިން ރާއްޖެއަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އިސްރާއީލު ފިޔަވައި އެހެން ހުރިހާ ޤައުމަކާއެކު ރާއްޖެއިން ގުޅުން ބަދަހިކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

""ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށްގެން އެހެން ގައުމުތަކާ ގުޅުން ބަދަހިކުރަމުން ދަނީ. އިސްރާއީލު ނޫން ހުރިހާ ގައުމަކާ ރާއްޖެއިން ގުޅުން ބަދަހިކުރޭ އެބަ. ޚާރިޖީ ސިޔާސަތުގެ ދާއިރާއިން ރާއްޖެއަށް ލިބުނީ ކާމިޔާބު. ކުރިއަށްވުރެ ބޮޑަށް ރާއްޖެ ބަލައިގަނޭ މިހާރު." ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ބައިނަލްއަގުވާމީ މައިދާނުގައި މިއަދު ރާއްޖޭގެ ބަސް ވިކޭ މިންވަރު އިތުރުވެފައިވާ ކަމަށާއި، މި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ޚާރިޖީ ސިޔާސަތު ކަމަށް ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

comment ކޮމެންޓް