ސުޕްރީމް ކޯޓުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ޖުޑީޝަރީ ކޮމިޓީން މިއަދު ރުހުންދީފިއެވެ.
ސަމީރު ސުޕްރީމް ކޯޓަށް އައްޔަންކުރަން ފެންނަ ކަމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސެވެ. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ތާއީދުކުރެއްވި އެ ހުށަހެޅުން ފާސްވީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވަނީ މިހާރު އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަލީ ރަޝީދު ޙުސައިން އަންނަ މަހު ރިޓަޔާ ކުރައްވާތީއެވެ.
އެ ފުރުސަތުގައި މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައި ކުރިމަތިލެއްވީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ.
ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ސަމީރަކީ 2011ވަނަ އަހަރުން ފެށިގެން 2022ވަނަ އަހަރުގެ ނިޔަލަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް އޭނާ ކުރެއްވިއިރު، ހައި ކޯޓުން ވަކިވެވަޑައިގަތުމަށް ފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ވަނީ ފުރުއްވައިފައެވެ.