ފެހި ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން އައި އެއްވެސް ސަރުކާރަކުން ނުފަށާ ވަރަށް މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ފަށައިފައިވާ ކަމަށާއި، އެ މަޝްރޫއުތަކަށް 70 ބިލިއަން ރުފިޔާ ވެސް ބޭނުންވުން އެކަށީގެންވާ ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ބަހުސްކުރައްވަމުން ފަލާޙް ވިދާޅުވީ ،ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދުގެ ސަރުކާރުން ފެށިގެން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރާ ހަމައަށް އައި އެއްވެސް ސަރުކާރަކުން ތަރައްގީ މަޝްރޫއު ނުފަށާ ވަރަށް މި ސަރުކާރުން މަޝްރޫއުތައް ފަށައިފައިވާ ކަމަށެވެ.
ފަލާޙް ވަނީ، މިވަގުތު ރާއްޖޭގައި ފަށައިފައިހުރި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް 56 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިކަމަށް ބައެއް މެންބަރުން ވިދާޅުވިކަން ފާހަގަކުރައްވައިފައެވެ.
"މިހާރު ރާއްޖޭގައި މި ވަގުތު ތަރައްގީއަށް ފެށިފައި މިހިރަ މަޝްރޫއުތަކަކީ މިހާހިސާބަށް 2008ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި ވެސް އަދި ތަރައްގީގެ ގޮތުގައި ރަށްރަށާއި މާލެއާއި އަދި ސިޓީތަކާ މި ތަންތަން ތަރައްގީކުރުމަށްޓަކައި ސަރުކާރަކުން ނުފަށާ މިންވަރަށް ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ފަށައިފައި އެބަހުރި، އެހެންވީމާ 56 ބިލިއަނެއްނޫން 70 ބިލިއަން ވެސް އެ މަޝްރޫއުތައް ނިންމަން ބޭނުންވެދާނެ،" ފަލާޙް ވިދާޅުވިއެވެ.
ދުނިޔޭގެ އެއްވެސް ގައުމަކުން ވެސް އެ ގައުމަކުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތަފުސީލެއް އެ ގައުމުތަކުގެ ބަޖެޓުގައި ނުޖަހާ ކަމަށާއި އެ ވަރަށް ގިނަ ގައުމުތަކަށް އާމްދަނީ ނުލިބޭކަމަށް ފަލާޙް ވިދާޅުވިއެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ނެންގެވީ އެމެރިކާއެވެ.
ތަރައްގީގެ ގިނަ މަޝްރޫއުތައް ބޭރު ގައުމުތަކުން ހިންގަނީ ދިގު މުއްދަތަކަށް ބަހައިލައިގެން ކޮންޓްރެކްޓަރު ފައިނޭންސް އުސޫލުން ކަމަށާއި ރާއްޖޭގައި ވެސް ގިނަ މަޝްރޫއުތައް އަންނަ އަހަރު ހިންގާނީ އެ އުސޫލުން ކަމަށް ފަލާޙް ވިދާޅުވިއެވެ. ފަލާޙް ވިދާޅުވީ މަޝްރޫއުތައް ފަށާއިރު އަބަދު ވެސް އެޑްވާންސްކޮށް ފައިސާ ދޭ ކަމަށާއި މަޝްރޫއުތައް ކުރިއަށްދާ ވަރަކުން ފައިސާ ދައްކަމުން ގޮސް ނިމުމުން ފަސް އަހަރު ފަހުން ވެސް ބައެެއް ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި 2023ވަނަ އަހަރު ވެރިކަމުގެ ދެވަނަ ދައުރަކަށް އައުމަށްޓަކައި އެމްޑީޕީން މަޝްރޫއުތައް ފެށީ އެއްވެސް ރޭވުންތެރިކަމެއް ވެސް، ފައިސާއެއް ވެސް ނެތިއެވެ. އޭގެ އިތުރުން އާސަންދައާއި އެންސްޕާ މެދުވެރިކޮށް ކުރީ ސަރުކާރުން ދައްކަން ޖެހޭ 1.3 ބިލިއަން ޑޮލަރު ވެސް ދައްކަންޖެހުނު ކަމަށް ފަލާޙް ވިދާޅުވިއެވެ.
"މި އަހަރު އެކަނި މި ސަރުކާރުން މިދިޔަ ވެރިކަންތަކުގައި ސަރުކާރުތަކުން ނަގައިފައިހުރި ގާތްގަނޑަކަށް 1.3 ބިލިއަން އެމެރިކާ ޑޮލަރު ދައްކައިފި، މި ކިޔަނީ 1،300 މިލިއަން ޔޫއެސް ޑޮލަރުގެ ވާހަކަ، އެހެންވީމާ މި ބަޖެޓުތަކަށްވާ ގޮތް އެބަ އެނގެޔެއް ނޫންތޯ؟ ފަލާޙް ވިދާޅުވިއެވެ.
މި ސަރުކާރުން ބަޖެޓު އިސްރާފުނުކޮށް ވައްކަން ނުކުރާނެ ކަމުގެ ޔަގީންކަން ފަލާޙް ދެއްވިއެވެ.
"އެހެންވީމާ ހަގީގަތުގައި މި ބޭފުޅުން ކުރިއަށް އޮތް އެއްވެސް ސަރުކާރެއްގައި ރައީސް، ރަށްރަށުގައި ވަކި ޕްރޮޖެކްޓް ޖަހާފަކައެއް ބަޖެޓެއް ފާހެއް ނުކުރާނެ، ކޮޕީކުރާނީ ރައީސް މުޢިއްޒު މި ސަރުކާރުން ބަޖެޓު ތައްޔާރުކޮށްފަ އޮތް ބަޖެޓު،" ފަލާޙް ވިދާޅުވިއެވެ.