ސަލްޓަން ޕާކާއި އާޓިފިޝަލް ބީޗު ހިމެނޭހެން 14 ބިން ނެގުން މަޑުޖައްސާލަން އެދުނު އަމުރު ކޯޓުން ނުދިން

ސަލްޓަން ޕާކު: މަރާމާތު ގެތެރެއިން އިތުރު މަސައްކަތްތައް ކުރުމަށް، ވަކި ވަގުތުތަކެއްގައި އެ ޕާކު ބަންދުކުރާނެކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ވަނީ ބުނެފަ--/ފޮޓޯ، ހައުސިން މިނިސްޓްރީ

ސަލްޓަން ޕާކާއި އާޓިފިޝަލް ބީޗު ހިމެނޭހެން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މުހިންމު 14 ބިމެއް ސަރުކާރަށް ނެގުމަށް ނިންމި ނިންމުން ތަންފީޒުކުރުން މަޑުޖައްސައިލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

މި މައްސަލައަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ނެރުނު އިޢުލާނަކާ ގުޅިގެން، މާލޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ އެންމެ މުހިންމު 14 ސަރަޙައްދެއް ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކަމަށް ބުނެ ސަރުކާރަށް ނެގުމުން، އެކަމާ ދެކޮޅަށް މާލެ ސިޓީ ކައުންސިލުން ހުށަހެޅި މައްސަލައެކެވެ.

މައި ދަޢުވާގައި ކޯޓުން ގޮތެއް ނިންމަންދެން، ސަރުކާރުގެ ނިންމުމަށް ޢަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ކައުންސިލުން އެދުނެވެ. މި މައްސަލަގައި ސިވިލް ކޯޓުން މިއަދު ނެރުނު ނިންމުމުގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ ދަށުން ވަގުތީ އަމުރެއް ނެރެދިނުމުގައި ފުރިހަމަވާންޖެހޭ ޤާނޫނީ ރުކުންތައް މި ހާލަތުގައި ފުރިހަމަވެފައި ނުވާ ކަމަށެވެ.

ލާމަރުކަޒީ ޤާނޫނުގެ 56-2 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ ނިންމުމަކާއެކު ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލްގެ އިޚްތިޞާޞުން ބިން ވަކިކުރުމުގެ ބާރު ޤާނޫނުން ސަރުކާރަށް ލިބިދީފައިވާއިރު، އިޖުރާއާތުތައް ފުރިހަމަވެފައިވޭތޯ ބެލުމަކީ މައުޟޫޢީ ދަޢުވާގެ ތެރެއިން ގޮތެއް ކަނޑައަޅަންޖެހޭ ކަމެއް ކަމަށް ކޯޓުން ފާހަގަކުރިއެވެ.

އަދި އިއާދަނުކުރެވޭނެ ގެއްލުމެއް ލިބިދާނެކަމަށް ބަލައި ވަގުތީ އަމުރެއް ނުނެރެދީފިނަމަ، މާލީ ގޮތުން ނުވަތަ އެހެން ގޮތަކުން ވިޔަސް އަނބުރާ އިޢާދަނުކުރެވޭނެ ފަދަ ދާއިމީ ގެއްލުމެއް ކައުންސިލަށް ލިބިދާނެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ކޯޓުން ކަނޑައެޅިއެވެ.

މީގެ އިތުރުން، މަސްލަހަތު ބުރަވާ ކޮޅު، ސަރުކާރުން ބަޔާންކޮށްފައިވާ ޢާންމު މަޞްލަޙަތާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ހުރަސްއެޅިގެން ދިއުމާއި، ކައުންސިލުން ފާހަގަކުރާ ކަންކަމަށް ރިޢާޔަތްކުރާއިރު، މަޞްލަޙަތު ބުރަވަނީ ވަގުތީ އަމުރު ނުނެރުމުގެ ކޮޅަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަނުވާތީ، މާލެ ސިޓީ ކައުންސިލުން އެދިފައިވާ ފަދަ ވަގުތީ އަމުރެއް މިވަގުތު ނެރެދެވެން ނެތް ކަމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. ނަމަވެސް، މި މައްސަލައިގެ މައި ދަޢުވާ (މައުޟޫޢީ މައްސަލަ) ކޯޓުގައި ކުރިއަށްދާނެ ކަމަށް ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. މި ނިންމުން ނިންމެވީ ފަނޑިޔާރު ހާފިޒާ އަބްދުއްސައްތާރުއެވެ.

ސަރުކާރުން ކައުންސިލުގެ އިޚްތިޞާޞުން ވަކިކޮށް ދައުލަތަށް ނެގި 14 ބިމުގެ ތެރޭގައި ސަލްޓަން ޕާކާއި، އާޓިފިޝަލް ބީޗާއި، ރަސްފަންނާއި، މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓާއި، ކާނިވާ ސަރަޙައްދާއި، ތައިސޭ ކޮށި އަދި ބޮނޑިބަތް ޕާކު ފަދަ ޢާންމުން އެންމެ ގިނައިން ބޭނުންކުރާ ސަރަޙައްދުތައް ހިމެނެއެވެ. ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ މި ބިންތައް ކުއްލިއަކަށް އަތުލުމަކީ ލާމަރުކަޒީ ނިޒާމުގެ ރޫޙާ ޚިލާފު، ކައުންސިލުގެ ޚިދުމަތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމެއް ކަމަށެވެ.

comment ކޮމެންޓް