ދައުލަތުގެ ޚަރަދު 39.8 ބިލިއަނަށް އެރިއިރު، ސަބްސިޑީއަށް ކުރި ހޭދަ 51 ޕަސެންޓު އިތުރު

އޭޕްރީލް 12، 2021: ރޯދަ މަހަށް މާލޭގެ ބާޒާރުމަތި ހަލަބޮލިވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ ޚަރަދު 39.8 ބިލިއަނަަށް އެރިއިރު، މިދިޔަ އަހަރާ އަޅާ ބަލާއިރު، މި އަހަރުގެ މިހާތަނަށް ސަބްސިޑީއަށް ކުރި ހޭދަ 51 ޕަސެންޓު އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ހިނގި ޚަރަދާއި އާމްދަނީގެ ހިސާބުތައް އާންމުކޮށްފައެވެ. އެ ހިސާބުތަކުން އެނގޭ ގޮތުގައި، ސަބްސިޑީއަށް މި އަހަރު ކުރި ބަޖެޓު ވަނީ ހުސްވެފައެވެ.

އެގޮތުން، މި އަހަރު ސަބްސިޑީއަށް ބަޖެޓު ކޮށްފައި އޮތީ، 2.89 ބިލިއަން ރުފިޔާއެވެ. އެކަމަކު، އެ ބަޖެޓުގެ ބޭރުން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް، ޖުމުލަ 4.59 މިލިއަން ރުފިޔާ ވަނީ ސަބްސިޑީއަށް ޚަރަދުކޮށްފައެވެ. އެއީ، ބަޖެޓު ކުރި އަދަދާ ބަލާއިރު، 58.8 ޕަސެންޓުގެ އިތުރުމެކެވެ.

އޭގެއިތުރުން، މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ސަބްސިޑީއަށް ޚަރަދުކުރީ، 3.04 ބިލިއަން ރުފިޔާއެވެ. އެކަމަކު، މި އަހަރު އެ އަދަދު މި ވަނީ 4.59 ބިލިއަނަށް އިތުރުވެފައެވެ. އެހެންކަމުން، މިދިޔަ އަހަރާ އަޅާ ބަލާއިރު ވެސް ސަބްސިޑީއަށް ކުރި ހޭދަ ވަނީ، 51.2 ޕަސެންޓު އިތުރުވެފައެވެ.

ރާއްޖޭގައި ކަރަންޓާއި ކާޑުގެ ބާވަތްތައް ހިމެނޭހެން ބޮޑު ޚަރަދެއް ސަބްސިޑީއަށް ކުރެއެވެ. އެންމެ ބޭނުންވާ މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް ރިފޯމްކުރަން ބޭރުގެ މާލީ އިދާރާތަކުން ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އެކަމެއް ނުކުރެއެވެ.

ފިނޭންސްގެ ހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ދައުލަތުން ޖުމުލަ ކޮށްފައިވާ ޚަރަދު ވަނީ، 39.8 ބިލިއަނަށް އަރާފައެވެ. އެއީ، މިހާތަނަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު އިތުރުވުމެކެވެ. އެގޮތުން، އަހަރުގެ މިހާތަނަށް 35.9 ބިލިއަން ރުފިޔާ ސަރުކާރަށް ލިބިފައިވެއެވެ.

https://sun.mv/230336

މީގެ ތެރެއިން ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދު ވަނީ 15.4 އިންސައްތަ އިތުރުވެ، 34.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މިދިޔަ އަހަރާ އަޅާކިޔާއިރު، 12.3 އިންސައްތައިގެ އިތުރުވުމަކާއެކު ކެޕިޓަލް ޚަރަދުތަކަށް 5.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރެއިން ބިމާއި އިމާރާތްތަކަށް ކުރި ހޭދަ 40.7 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ހިސާބުތަކުން އެނގެއެވެ.

އެހެނިހެން ޚަރަދުތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތަކަށް ކުރި ހޭދަ 10.7 އިންސައްތަ އިތުރުވެ 13.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 20.9 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެމްއެމްއޭއާއި ބޭރުގެ އިދާރާތަކުން ވެސް މީގެ ކުރިން ވަނީ ރާއްޖޭގެ ސަބްސިޑީ ނިޒާމު އޮތީ ދެމެހެއްޓެނިވި ގޮތަކަށް ނޫން ކަމަށް ބުނެ، އެ ނިޒާމު އިސްލާހު ކުރުމަށް ލަފާދީފައެވެ.

އެ ލަފާގެ މަތިން، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި ފިޔަވަޅުތަކުގެ ތެރޭގައި، ކަރަންޓާއި ކާބޯތަކެތި އަގުހެޔޮ ކުރުމަށް އެންމެނަށް ދޭ ސަބްސިޑީ، އެހީ ބޭނުންވާ މީހުންނަށް ދިނުމަށް ނުވަތަ ޓާގެޓެޑް ގޮތެއްގައި ދިނުމަށް ހިމެނިއެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ ވަކި ހިސާބަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހުތައް ތަންފީޒު ނުކުރުމަށް ނިންމަވައިފައެވެ. އެއީ، ރައްޔިތުންނަށް ދެމުން އައި އެއްޗެއް އުނިނުކުރުމުގެ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓު މަޖިލީހުން މިހާރު ދިރާސާކުރަމުން އަންނައިރު، އެމްއެމްއޭއިން އަނެއްކާވެސް ވަނީ ކަރަންޓު ސަބްސިޑީއަށް ކުރާ ހޭދަ މަދުކުރުމަށް ޓާގެޓެޑް ސަބްސިޑީ ނިޒާމަކަށް ބަދަލުކުރުން ވަރަށް މުހިންމު ކަމަށް ބުނެފައެވެ.

comment ކޮމެންޓް