މިނިސްޓްރީން ސްޓޭޓްފާމާއަށް ދެ ޑްރޯންއެއް؛ ރަށްރަށަށް ޑްރޯނުން ބޭސް ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓް އަންނަ އަހަރު ފަށަނީ

17 ނޮވެމްބަރު 2026: ސްޓޭޓްފާމާއަށް ގެނައި ޑްރޯންތައް ދައްކައިލުމާ އެކު މީޑިއާއަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

ރާއްޖޭގެ އެކި ރަށްރަށަށް ބޭނުންވާ ޒަރޫރީ ބޭހާއި ލެބޯޓްރީ ސާމްޕަލްތައް އަވަހަށް ފޯރުކޮށްދިނުމަށް ޓަކައި، ޑްރޯން ބޭނުންކޮށްގެން ޑެލިވަރީ ކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ހެލްތާއި ސްޓޭޓް ފާމާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން، މި ޕްރޮޖެކްޓަށް ބޭނުންވާ ދެ ޑްރޯން މިހާރު ހެލްތު މިނިސްޓްރީން ވަނީ ސްޓޭޓް ފާމާއާ ޙަވާލުކޮށްފައެވެ.

މި މަސައްކަތާ ގުޅޭގޮތުން ޑރ. ޝާހު މާހިރު ވިދާޅުވީ، މިއީ ހެލްތު މިނިސްޓްރީއާ ގުޅިގެން ވަކި އަތޮޅެއް ކަނޑައަޅައިގެން ކުރިއަށްގެންދާ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށެވެ.

17 ނޮވެމްބަރު 2026: ސްޓޭޓްފާމާއަށް ގެނައި ޑްރޯންތައް -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

"މިއަށް ބޭނުންވާ ދެ ޑްރޯން މިހާރު އަޅުގަނޑުމެންނާ މިވަނީ ހެލްތު މިނިސްޓްރީން ހަވާލުކުރެވިފައި. އެހެންވީމާ އަޅުގަނޑުމެން މިއަށް ބޭނުންވާ އަޕްގްރޭޑާއި، އަނެއްކާ މި އޮޕަރޭޓް ކުރުމަށްޓަކައި ބޭނުންވާ ޓެކްނިކަލް އިންފޮމޭޝަން މި ސަޕްލައިކުރި ކުންފުންޏާ ގުޅިގެން އެ ތަމްރީނުތައް ދިނުމާއި އެކަންތައް ތައްޔާރުކުރުމުގެ މަސައްކަތް މިއަހަރު މިހާރު ފައްޓައިގެން މިއުޅެނީ،" ޑރ. ޝާހު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މި ޚިދުމަތް ޕައިލެޓް ކުރެވޭ ވަރަށް، ޑްރޯން ޖައްސާނެ ތަންތަނާއި ހަބުތައް ހަދާނެ ރަށްތައް ޕްލޭނެއްގެ ދަށުން މިހާރު ކަނޑައަޅަމުންދާ ކަމަށެވެ.

މި ޕްރޮޖެކްޓުގައި ބޭނުންކުރާ ޑްރޯންތަކުގެ ޤާބިލުކަމަށް އަލިއަޅުއްވާލައްވަމުން ޑރ. ޝާހު ވިދާޅުވީ، މީގެ އެއްޗެއްގައި ގާތްގަނޑަކަށް ފަސް ކިލޯގެ ޕޭލޯޑެއް ހިފަހައްޓާނެ ކަމަށެވެ.

17 ނޮވެމްބަރު 2026: ސްޓޭޓްފާމާއަށް ގެނައި ޑްރޯންތައް ދައްކައިލުމާ އެކު މީޑިއާއަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

"ފުދޭވަރެއްގެ ސާމްޕަލް، ދެން ބައްލަވާލެއްވީމަ ފެންނާނެ އެތެރޭގައި ކޮމްޕާޓްމަންޓެއް އެބައިނދޭ ބޭސް ރައްކާކޮށް ބެހެއްޓުމާ، ނުވަތަ ކޮންޒިއުމަބަލްއެއް ނުވަތަ ކުޑަކުޑަ އެއްޗެއް އެއް ރަށުން އަނެއް ރަށަށް، އެވެދާނެ ހަމަ ބްލަޑް ސާމްޕަލްއެއް ކަމަށްވެސް. އެހެންވީމާ ކައިރި ރަށްރަށަށް އަތޮޅެއްގައި ފަސޭހަކަމާއެއްކޮށް މި ހެލްތު ސެކްޓަރަށް ބޭނުންވާ ތަކެތި ފޮނުވާލެވުމަކީ ވަރަށް ފަސޭހަވެގެންދާނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މި ޚިދުމަތުގެ ސަބަބުން ދައުލަތުގެ ބަޖެޓުންނާއި ސިއްޙީ ދާއިރާއިން ބޮޑު ޚަރަދެއް ސަލާމަތްކުރެވޭނެކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.

17 ނޮވެމްބަރު 2026: ސްޓޭޓްފާމާއަށް ގެނައި ޑްރޯންތައް ދައްކައިލުމާ އެކު މީޑިއާއަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

"މިހާރު ރަށްރަށުން ބައެއް ހާލަތްތަކުގައި އެބަހުރޭ އިންޖެކްޝަނެއް ނުވަތަ ބޭނުންވާ ވަރަށް މުހިންމު ބޭހެއް އެއް ރަށުން އަނެއް ރަށަށް ވަރަށް އަވަހަށް ގެންދަންޖެހިފައި. ހަމަ ލޯންޗެއްގެ ހަރަދަށް އެކަނި ބަލާލިޔަސް ގާތްގަނޑަކަށް މިހާރު 3،000 ރުފިޔާއަށް ނޫނީ ދަތުރެއް އަޅައެއްނުލެވޭނެ. އެހެންކަމަށްވަންޏާ ސާމްޕަލެއް އެއްޗެއް ފޮނުވާލަންޖެހޭ ހާލަތެއްގައި ޑްރޯން ބޭނުންކުރަންޏާ ވަރަށް ކުޑަ ހަރަދެއްގައި، ވަރަށް އެފިޝަންޓްކޮށް މިކަން ކުރެވޭނެ. މިއީ އާންމުކޮށް ބެޓްރީ އޮޕަރޭޓެޑް އެއްޗެހި ވީމަ ވަރަށް އަގުހެޔޮކޮށް ކުރެވޭނީ،"

ޑރ. ޝާހު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަމުންދާ އުސޫލުން، ރާއްޖޭގައިވެސް މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދިއުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި ފުޅާ ދާއިރާއެއްގައި މި ނިޒާމު ޤާއިމުކުރެވިގެން ދިއުމަކީ ސިއްޙީ ދާއިރާގެ ލޮޖިސްޓިކްސް ކޮމްޕޯނަންޓަށް ހިނގާ ބޮޑު ޚަރަދެއް ސަލާމަތްވެގެންދާނެ ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް