ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިރު ދެކުނު އޭޝިއާ ސަރަހައްދުގެ ޑިރެކްޓަރު ކަމަށް ރާއްޖޭން، ޑރ. އަހުމަދު ޖަމްޝީދު މުހައްމަދުގެ ނަން ހުށަހަޅައިފިއެވެ.
އެ މަގާމު ހުސްވީ، މަކަރާއި ހީލަތުގެ ތުހުމަތުތަކާއެކު ޑަބްލިއުއެޗްއޯގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޑިރެކްޓަރު ކަމުން މިދިޔަ ސެޕްޓެމްބަރު ނުވައެއްގައި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ދަރިކަނބަލުން ސާއިމާ ވާޒިދު އިސްތިއުފާ ދެއްވުމުންނެވެ.
އެހެންވެ އެ މަގާމަށް އަލުން ބޭފުޅަކު އައްޔަނުކުރުމަށް އަންނަ ޖަނަވަރީ 27ގައި އިންތިޚާބެއް ބާއްވަން ޑަބްލިއުއެޗްއޯއިން ވަނީ ނިންމާފައެވެ. އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ ހުކުރު ދުވަހަށް ހަމަވިއިރު، ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުން ވަނީ ބޭފުޅުންގެ ނަން ހުށަހަޅުއްވާފައެވެ.
ޑަބްލިއުއެޗްއޯގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޑިރެކްޓަރު ކަމަށް ނަން ހުށަހެޅުއްވި، ޑރ. ޖަމްޝީދަކީ ބައިނަލްއަގުވާމީ ސިއްހީ ޑިޕްލޮމަސީއާއި ސިއްހީ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ދެހާސް ބާރައިން 2013އަށް ހެލްތު މިނިސްޓަރުކަން ކުރެއްވި ޑރ. ޖަމްޝީދު މިހާރު ހުންނެވީ، ބަންގްލަދޭޝަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ މަގާމުގައެވެ. އޭނާ ވަނީ، ޑަބްލިއުއެޗްގައި 12 އަހަރު ހޭދަކުރައްވާފައެވެ. މިގޮތުން، ނޯތު ކޮރެއާގައި ހުންނަވާ މަންދޫބުގެ މަގާމާއި ބަންގްލަދޭޝްގައި ހުންނަވާ މަންދޫބުގެ ނައިބުގެ މަގާމާއި ޑަބްލިއުއެޗްއޯ ސީރޯގެ ރީޖަނަލް އެޑްވައިޒަރެއްގެ މަގާމު އަދާކުރެއްވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ޑިރެކްޓަރު ކަމުގެ މަގާމަށް ދެން ބާއްވާ އިންތިޚާބެއްގައި ރާއްޖޭގެ ކެންޑިޑޭޓަށް ތާއީދުކުރަން ބަންގްލަދޭޝްއިން ވަނީ ނިންމާފައެވެ.