ފަނޑިޔާރުން ވަކިކުރަނީ ސުލޫކާ ޚިލާފުވެގެން، މަދަނީ މިންގަނޑުން ބަލައިގެން: މެންބަރު ޙުސްނީ

މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު: ވިދާޅުވީ ފަނޑިޔާރުން ވަކިކުރަނީ ސުލޫކާއި ޚިލާފުވެގެންކަަމށް -- ފޮޓޯ/ މަޖިލިސް

ފަނޑިޔާރުން މަގާމުން ވަކިކުރަނީ އެ ފަނޑިޔާރުން ސުލޫކީ މިންގަނޑާ ޚިލާފުވުމުން ކަމަށާއި، އެފަދަ މައްސަލަތައް ބަލަނީ މަދަނީ މިންގަނޑުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ޙުސްނީ ވިދާޅުވީ، ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމަކީ ޖިނާއީ ދައުވާއެއް ސާބިތުވުމުގެ މައްޗަށް ބިނާވެގެން ނިންމާ ނިންމުމެއް ނޫން ކަމަށެވެ. އަދި ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ކުށެއްގެ ހެކި ނެތް ނަމަވެސް، މަދަނީ މިންގަނޑުން ބަލައި ސުލޫކީ ފިޔަވަޅު އެޅުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިކަމަށް މިސާލު ދައްކަވަމުން އޭނާ ވިދާޅުވީ، ވޭތުވެދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިމެނޭހެން ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ ސުލޫކީ މައްސަލަތަކެއް ފާހަގަކުރެވިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފެނިގެން ކަމަށެވެ. އަދި އެއިން އެއްވެސް ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުރިހަމަކޮށް، ހުކުމެއް އައިސްފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

https://sun.mv/230628

"އެމްޑީޕީ ވެރިކަމުގައި ވެސް ފަނޑިޔާރުން ވަކިކުރި. ޖިނާއީ ތުހުމަތުކޮށް، ޖިނާއީ ތަހުގީގު ހިންގުމައްޓަކައި އެބަ ހުރި ފޮނުވާފަ. ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ވަކި ކުރި. އެ ފަނޑިޔާރުން އެ ފަނޑިޔާރުންގެ މައްޗަށް ވެސް ޖިނާއީ ތަހުގީގު ކުރުމަށްފަހު ހުށަހެޅި، އެހެން ނަމަވެސް ކޮން ފަނޑިޔާރެއްގެ މައްޗަށް ތޯ ޖިނާއީ ތަހުގީގު ނިންމާ ދައުވާ އުފުލީ؟." ޙޫސްނީ ސުވާލު އުފެއްދިއެވެ.

އަބުރު ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޙުސްނީ ވިދާޅުވީ، ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެއީ އެއްވެސް އިމެއް ނެތް މިނިވަންކަމެއް ނޫން ކަމަށެވެ. އަދި ގާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށްމެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ އަސާސީ ހައްގު ލިބިދީފައިވާކަން ހަނދާންކޮށްދެއްވިއެވެ.

"ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނިވަލުގައި ތިބެ އަނެކާގެ އަބުރަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ ލިބިދީފައިވާ ހައްގުގެ ބޭނުން ނަހަމަގޮތުގައި ހިފުން. އެފަދަ ހާލަތްތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފާއި ހައްގު ހޯދައިދެވޭނެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އޮންނަންޖެހޭ." ޙުސްނީ ވިދާޅުވިއެވެ.

މީގެއިތުރުން، ކުރީގައި އަބުރާ ބެހުން ހުއްޓުވުމުގެ ގާނޫނެއް ފާސްކޮށް ފަހުން އުވާލަން ޖެހުނު މައިގަނޑު ސަބަބަކީ އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމުންކަން ފާހަގަކުރައްވަމުން، މިހާރު ހުށަހަޅާފައިވާ ބިލަކީ އަބުރަށް އަރައިގަތުމުން މަދަނީ ދައުވާ އުފުލައިގެން ބަދަލު ހޯދޭނެ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގެ ދަށުން މި ބިލު ހުށަހެޅީ ގާނޫނީ ގޮތުން މިހާރު އުފެދިފައިވާ ހުސްކަން ފޫބެއްދުމަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން މެންބަރު ވިދާޅުވީ، ބިލު މިހާރު އޮތް ގޮތަށް ފާސްނުވި ކަމުގައި ވިޔަސް، ކޮމިޓީ މަރުހަލާގައި ކަމާގުޅުންހުރި ފަރާތްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގެންނަންޖެހޭ އިސްލާހުތަކާއެކު މި ބިލު އަވަހަށް ފާސްވެގެން ދިއުމަކީ މުޅި މުޖުތަމައުގެ މަސްލަހަތަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

comment ކޮމެންޓް