ކޮންމެ ކާމިޔާބު މުއައްސަސާއެއްގެ ވެސް މައިބަދައަކީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުން މައްޗަށް އެކުލެވޭ ޓީމުތަކެވެ. ކާމިޔާބު ޓީމެއް އުފެދުމަކީ ހަމަހުރެލާފައި ވާކަމެއް ނޫނެވެ. އެއީ ޓީމުގެ އެތެރޭގައި ކަންކަން ހިނގާ ގޮތާއި އެކަކުއަނެކެއްގެ މެދުގައި މުޢާމަލާތުކުރާ ގޮތުގެ މައްޗަށް، އެތައް ދުވަހެއްގެ މަސައްކަތުން ނެރެވޭ ނަތީޖާއެކެވެ.
މިފަދަ ވައްޓަފާޅިއެއް ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓީމުގައި އިސްވެހުން މީހެކެވެ. އެގޮތުން، ޓީމެއްގެ ތެރޭގައި އޮންނަ ރޫހާއިޖޯޝުގެ މައިބަދައަކީ އެޓީމެއްގެ ލީޑަރެވެ.
ވެރިއެއްގެ ޒިންމާއަކީ ހަމައެކަނި އަމުރުކުރުމެއް ނޫނެވެ. އެއީ ހިތްހަމަޖެހިގެން، އިތުބާރާއެކު މަސައްކަތްކުރެވޭނެ އަމާން އަދި ނަފްސާނީ ގޮތުން ރައްކާތެރި މާހައުލެއް މީހުންނަށް ކަށަވަރުކޮށްދިނުމުގެ ޒިންމާ އެކުލެވޭ ޖާގައެކެވެ. ނަތީޖާއަށް ވާސިލުވެވޭ ހިންގުމުގެ ވައްޓަފާޅީގެ ނާރެހަކީ އެފަދަ ވެރިއެކެވެ.
ޓީމެއްގެ ނަފްސާނީ ރައްކާތެރިކަން ބިނާވަނީ ކޮންމެ ދުވަހަކު މީހުން ތަޖުރިބާކުރާ ކުދިކުދި ކަންތައްތަކުގެ މައްޗަށެވެ. ވެރިއެއްގެ ކިބައިން މުވައްޒަފުންނަށް ލިބޭ ޖަވާބާއި، މުޢާމަލާތު ކުރާގޮތާއި، ކަންކަމުގައި ދޭ ސަމާލުކަމަކީ މިއިތުބާރު އުފައްދާ މައިގަނޑު ވަސީލަތެވެ.
ކާމިޔާބު ވައްޓަފާޅިއެއް ބިނާކުރުމަށްޓަކައި ކޮންމެ ވެރިއަކުވެސް، ތިމާ ކަންކުރާގޮތާމެދު ވިސްނާފިކުރުހިންގާ، ހާލަތަށް ނިޔާކޮށް ތިމާ ކަންކުރާގޮތަށް ބަދަލުތައް ގެންނަން ޖެހެއެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް، މީހަކަށް ކުށެއްކުރެވުމުން، ބައްދަލުވުންތަކުގެ ތެރޭގައި އެމީހަކު ކުށްވެރިކޮށް، ފާޑުކިޔޭނަމަ އެކަން ހުއްޓާލަން ޖެހެއެވެ. އޭގެ ބަދަލުގައި، ކޮންމެ މަސައްކަތެއް ނިމުމުން، ކާމިޔާބީތައް ފާހަގަކޮށް، ޓީމުގެ މެންބަރުންގެ އަގުވަޒަންކުރުން މެދުނުކެނޑި ކުރިއަށް ގެންދަންވާނެއެވެ.
ހަމައެއާއެކު، ބައްދަލުވުންތައް ފެށުމުގެ ކުރިން މަސައްކަތުގެ ޕްރެޝަރު ހުރި މިންވަރާއި މީހުންގެ ހާލަތު ދެނެގަތުމަށްޓަކައި، ކޮންމެ މީހެއްގެ ހާލުއަހުވާލު އޮޅުންފިލުވުމުގެ ރިވެތި އާދަ ދަމަހައްޓަން ޖެހެއެވެ. މިފަދަ ކަންކަމަކީ މީހުންގެ މެދުގައި އަމިއްލަ ނަފްސުގެ އަގުވަޒަންކޮށް އިތުބާރު އުފެއްދުމަށް މަގުފަހިކޮށްދޭނެ ކަންތައްތަކެވެ.
މީގެއިތުރުން، ޓީމެއްގެ ކާމިޔާބުގެ ދަތުރު ދަމަހައްޓަން އެދޭނަމަ، މީހުން ހަފުސްކޮށްނުލާ ނަތީޖާ ނެރެން ދަސްކުރަން ޖެހެއެވެ. ސަބަބަކީ މީހުން އަބަދު ޕްރެޝަރަށް ވައްޓާލާ ނުތަނަވަސްކަމެއްގެ ތެރޭގައި ބައިތިއްބައިގެން ނެރޭ ނަތީޖާ ދަމަހައްޓަން ދަތިވާނެތީއެވެ. ވެރިން ކުރަންޖެހޭ ކަމަކީ، މީހުން ލައްވާ އިތުރަށް ބުރަކޮށް މަސައްކަތްކުރުވާނީ ކިހިނެތްތޯ ވިސްނުމުގެ ބަދަލުގައި، އެމީހަކު ޒިންމާވާ ޓީމުގެ މީހުންގެ ފަރާތުން ދެމެހެއްޓެނިވިގޮތެއްގައި މަތީފެންވަރުގެ ނަތީޖާ ނެރެވޭނެ ހާލަތެއް އުފައްދާ ދަމަހައްޓާނެ ގޮތްތައް ހޯދުމެވެ.
ކާމިޔާބު ޓީމުތަކުން ވެސް ބުރަކޮށް މަސައްކަތް ކުރެއެވެ. ފިއްތުންތަކާއި ބޮޑެތި ޒިންމާތަކާއި އަވަސްއަރުވާލައިގެން ހާސިލުކުރަންޖެހޭ ސުންގަޑިތަކަކީ އެމީހުންވެސް ކުރާ ތަޖުރިބާތަކެކެވެ. ހަމައެއާއެކު، މަސައްކަތުގެ އަގުވަޒަންކުރުމަށާއި އެކަކު އަނެކަކަށް އެހީތެރިވުމަށާއި އަދި ނަފްސާނީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމީހުން ޖާގަ ހޯދައެވެ. އަދި ތިމާމެންގެ ހަކަތަ ދުއްވާލާ ހަފުސްކޮށްލާނެ ކަންކަމާމެދު އެމީހުން ތިބެނީ ސަމާލުވެއެވެ. އެކަން ކަށަވަރު ކުރުމަކީ ވެރިންގެ އަދާކުރާ ދައުރެކެވެ.
ކާމިޔާބު ޓީމެއް ބިނާކުރަން އެދޭކަމުގައިވާނަމަ – އިސްކަންދޭންޖެހޭ ކަންކަން ސާފުކޮށްދިނުމާއި، އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ޒިންމާތައް ކަނޑައެޅިފައިވާގޮތް އަދާހަމަކޮށް، މީހަކު މަސައްކަތް ބުރަވެގެން ގޮތްހުސްވުމުގެ ކުރިން އެކަން އެނގޭނެ ގޮތްތައް އިންތިޒާމުކުރުމަކީ – ޓީމުގެ ވެރިންގެ ޒިންމާއެވެ. އެމަގަށް ކަންކަން ތަރުތީބުކުރުމުން، ޒިންމާދާރުކުރުވުމާއި މީހާގެ ނަފްސާނީ ރައްކާތެރިކަމާއި ދުޅަހެޔޮކަން އެކުއެކީގައި ކުރިއަށް ގެންދެވޭނެއެވެ. މަސައްކަތުގެ ފެންވަރު ދަށްވިޔަނުދީ ހިފަހައްޓައިގެންނެވެ.
ދެމެހެއްޓެނިވިގޮތެއްގައި ނަތީޖާއަށް ވާސިލުވެވޭނީ – އުފުލޭފަދަ ޒިންމާތައް މީހުންނާ މަތިކޮށް، ކަންކަން ސާފުކޮށްދީ، އެހީތެރިކަމަށް އެދުމުގެ ހިތްވަރާއި އިތުބާރު އުފައްދާ، ޖޯޝާއެކު މަސައްކަތުގައި ބައިވެރިވުމާ، އަގުވަޒަންކުރާކަމުގެ އިހުސާސްކުރެވޭ މާހައުލެއްގެ ތެރެއިންނެވެ. މާނައަކީ ބުރަކަމާއެކު ކުރަންޖެހޭ މަސައްކަތްތައް ވެސް މީހުން ހަފުސްނުވެ ކުރެވޭނެ މާހައުލެއް ގާއިމުކުރުމެވެ.
މިގޮތުން ޓީމެއްގައި އިސްކޮށް މަސައްކަތްކުރާ ފަރާތްތަކުން ކުރަންޖެހޭ ހަތަރުކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކީ ޓީމުގެ ހާލަތު ދެނެގަތުމެވެ. ސަބަބަކީ، ޓީމެއްގެ ތެރޭގައި މީހުންނަށް ކުރެވޭ އިހުސާސްތަކުގެ ސަބަބުން އެމީހުން މަސައްކަތުގައި ބައިވެރިވާ މިންވަރަށް ވަރަށްބޮޑަށް ނުފޫޒު ފޯރައެވެ.
ދެވަނަކަމަކީ، ފެންނަން ހުންނަ ކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ ކަންކަން ހޯދާ ދެނެގަތުމެވެ. ބޭރަށް ފެންނަން ހުރި ކަންކަމަކީ – ބިރުގަތުމާއި އިތުބާރުނުކުރެވުމާއި އެކަހެރިކުރުމާއި ފިއްތުންތަކުގެ ސަބަބުން ބާކީވުމުގެ އިހުސާސްތަކުގެ ސަބަބަުން ދިމާވާ ކަންކަންކަމުގައި ވުމުގެ ފުރުޞަތުވެސް އޮންނާނެތީއެވެ.
ރައްކާތެރިމަކީ ހަމައެކަނި ބުނެލާ އެއްޗަކަށްވުރެ މީހާ ކުރާ ތަޖުރިބާއިން އިހުސާސްކުރެވެންޖެހޭ ކަމެކެވެ. އެހެންކަމުން – ކަންކަމާ ސުވާލުކޮށް އޮޅުންފިލުވުމާއި، އެހީތެރިކަމަށް އެދުމާއި، ޒިންމާނެގުމަކީ ރައްކާތެރިކަން އޮންނާނެ ކަންކަންކަމުގައި މީހުންނަށް އިހުސާސްކުރެވުމަކީ މުހިންމު ކަމެކެވެ.
ހަމައެއާއެކު، ކާމިޔާބަށް ވާސިލުވުމަށް ކުރެވޭ މަސައްކަތް ދެމެހެއްޓެނިވިގޮތެއްގައި ކުރެވޭނެކަން ކަށަވަރު ކުރަންޖެއެވެ. މަސައްކަތް ކިތަންމެ ބުރަވިޔަސް، ޒިންމާނެގުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން މީހުންނަށް އޮތުމަކީ އެގޮތުން މުހިންމު ކަމެކެވެ. ގަބޫލުކުރަން ޖެހޭ ކަމަކީ، ކާމިޔާބީއަށް ކުރާ ދަތުރަކީ އިންސާނީ ކަރާމާތް ވެއްޔާއި މޮޑެނުލާ ހާސިލު ކުރެވޭނެ ނަތީޖާއެއް ކަމެވެ.
ކާމިޔާބު ޓީމެއްގެ ވައްޓަފާޅިއަކީ އަމުރުމައުރޫފު ހިންގުމުގެ ބަދަލުގައި، އަޅާލުމާއި އިޙްތިރާމާއި އެކުވެރިކަމުގެ މައްޗަށް ބިނާވާ އެއްޗެކެވެ. އެކަކު އަނެކަކަށް ލުއިފަސޭހަކޮށްދީ، ހިތްހެޔޮކަމާއެކު މުއާމަލާތު ކުރުމަކީ ދުނިޔަވީ ގޮތުންނާއި އުޚުރަވީ ގޮތުންވެސް ކާމިޔާބު ލިބޭނެ މަގެކެވެ. ލީޑަރެއްގެ ޙަޤީޤީ ކާމިޔާބީއަކީ މުވައްޒަފުންގެ ހަކަތަ ހަފުސްކޮށްނުލާ، އެމީހުންގެ ޤާބިލުކަން އެންމެ މަތީ ދަރަޖައަށް ގެންގޮސްދީގެން ދެމެހެއްޓެނިވިގޮތެއްގައި ނަތީޖާ ނެރެދިނުމެވެ.