ވަޒީފާއެއްގެ މަސްއޫލިއްޔަތުތަކާއި ޝަރުޠުތައް ކަނޑައަޅައި، އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށްފަހު ދެން އޮންނަ އެންމެ މުހިންމު މަރުހަލާއަކީ އެ މަޤާމަށް އެންމެ އެކަށޭނަ، އެންމެ ރަނގަޅު މީހާ ޚިޔާރުކުރުމެވެ.
ގިނަ ފަހަރަށް ވަޒީފާއަށް މީހުން ހޮވުމުގެ މަރުޙަލާ ކުރިއަށްދަނީ އާންމު އުސޫލުން ހިނގާ އާދައިގެ ކަމެއްގެ ގޮތުގައެވެ. އެޕްލިކޭޝަންތައް ބަލައިގަތުމާއި ސަނަދުތައް ޗެކްކުރުމާއި ޝަރުތުހަމަވާ ފަރާތްތައް ލިސްޓުކޮށް އިންޓަވިއުއަށް ކިޔާ، އިންޓަވިއު ކުރިއަށް ގެންގޮސް، މާކްސްތައް އެއްކޮށްލުމަށްފަހު، ނަމެއް ހޮވާލުމެވެ.
އަޅުގަނޑު ދެކޭގޮތުގައި މަގާމަށް އެންމެ އެކަށީގެންވާ ފަރާތެއް ޚިޔާރުކުރުމަކީ އެހާ އާދައިގެ ކަމެއްގެ ގޮތުގައި ކުރާކަމަކަށްވުރެ، ހަރުދަނާ ފުން އަދި ވިސްނުމާއި އިންސާފުވެރިކަމާއެކު، ހުޅުވިފައިވާ ސިކުނޑިތަކަކުން ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ސީވީ އަކީ މީހަކު މިހާތަނަށް ކޮށްފައިވާ ކަންކަން ބަޔާންކޮށްދޭ ލިޔުމެކެވެ. ނަމަވެސް، ވަޒީފާއަށް މީހަކު ހޮވުމުގައި ސީވީގެ އިތުރަށް، ކެންޑިޑޭޓުގެ އަމިއްލަ ބަޔާނެއް ހޯދުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ، އަމިއްލަ ބަޔާނުން އެ މީހަކު އެ ވަޒީފާއަކަށް އެދޭ ސަބަބާއި، މަޤާމާމެދު ހުރި ޝައުޤުވެރިކަމާއި، މަސައްކަތަށް ގެންނާނެ ހަކަތައާއި، އެ މީހެއްގެ ނިޔަތް ވަރަށް ސާފުކޮށް ދެނެގަނެވޭތީއެވެ.
ތަޢުލީމީ ސަނަދުތަކާއި ތަޖުރިބާގެ އަހަރުތަކަކީ ވާހަކައިގެ އެއްބަ އެވެ. އެހެންކަމުން، ޝޯޓްލިސްޓް ކުރުމުގައިވެސް ޤާބިލުކަމާއި، ވިސްނުމުގެ ސާފުކަމާއި، ހުރި ރަނގަޅު ސިފަތަކާއި، ޚިދުމަތް ދިނުމަށް ތައްޔާރަށް ހުރި މިންވަރަށް ބަލަންޖެހެއެވެ. އަޅުގަނޑު ދެކޭގޮތުގައި، ޝޯޓްލިސްޓަކީ ވީހާވެސް ކުރު ލިސްޓަކަށް ހެދުން މުހިންމެވެ. އަޅުގަނޑުގެ އަތްމަތީ އަދަދަކީ އެންމެ ހުސްޖާގަޔަކަށް ނަމަ، ގިނަވެގެން 5 ނުވަތަ 7 އެވެ. އިތުރު މީހުން ބޭނުންވެއްޖެ ޙާލަތެއްގައި އަލުން ނެގުމުގެ ފުރުޞަތު އޮންނާނެތީއެވެ.
އިންޓަވިއު މަރުޙަލާއަކީ ދުރާލާ އިންތިޒާމު ކުރެވިފައިވާ އުސޫލުތަކާއި ހަމަތަކެއްގެ މަތީން ކުރިއަށްދާ ކަމަކަށް ވާންޖެހެއެވެ. ކަނޑައަޅާ ދާއިރާތަކެއްގެ މައްޗަށް ސުވާލުތައް ތައްޔާރުކޮށް، ކޮންމެ ދާއިރާއެއް އިންޓަވިއު ޕެނަލްގެ ވަކި މެމްބަރަކަށް ކަނޑައެޅުމަކީ ރަނގަޅުގޮތެވެ. އަދި ކަނޑައެޅިފައިވާ ސުވާލުތަކުގެ ތެރެއިން ބޭރަށް ނުދިއުމަކީ މުހިންމު ކަމެކެވެ. ޚާއްޞަކޮށް ޒާތީސުވާލުތައް ނުކުރުން މުހިންމެވެ.
އިންޓަވިއު ޕެނަލްއެއް އެކުލަވާލުމަށްފަހު އިންޓަވިއު ޕެނަލް ތައްޔާރު ކުރުމަކީ ވެސް މިމަރުހަލާގައި މުހިންމުކަމެކެވެ. މީގެ ތެރޭގައި ދުރާލާ ބާއްވާ ބައްދަލުވުމެއް ނުވަތަ އިންޓަވިއު ފެށުމުގެ ކުރިން ބާއްވާ ޕެނަލް ބައްދަލުވުމެއްގައި – ހޮވަންބޭނުންވާ މީހާގެ ޕްރޮފައިލްއާމެދު މަޝްވަރާކުރަން ންވާނެއެވެ. އަދި މިބައްދަލުވުމުގެ އެއްބޭނުމަކީ، ޕެނަލް މެންބާރުން އިންޓަވިއުތައް ފަށަނީ ހުޅުވިފައިވާ ވިސްނުމަކުން ކަމުގައިހެދުމަށް މަގުފަހިކުރުމެވެ.
މިގޮތުން، މީހަކާމެދު ކުރިން ނުވަތަ ތިންވަނަ ފަރާތަކުން އެނގިފައިވާ އެއްޗަކަށް ބުރަވުމުގެ ބަދަލުގައި – ޒާތީ ތަޢައްޞުބެއްނެތި ހުޅުވިފައިވާ ސިކުނޑިއަކާއެކު ބެލުމަކީވެސް މުހިންމުކަމެކެވެ. މީހެއްގެ ހަގީގީ ގާބިލުކަމަކީ މަޝްހޫރުވެފައިވާ ނަޒަރިއްޔާ އަކުން ފެންނަގޮތް އެކަނިކަމަށް ނުވެދާނެއެވެ. އޭގެސަބަބުން، އިންޓަވިއުގައި ބައިވެރިވާ ކޮންމެ މީހަކީވެސް ހަމަހަމަ ފުރުޞަތެއް އޮންނާނެ މީހެއްކަން ކަށަވަރުވުމެވެ.
އިންޓަވިއު ކުރުމުގައި އެންމެ މުހިންމު ކަމަކީ ކަނުލާ އަޑުއެހުމެވެ. ޖަދަލުސުވާލެއް ކުރުމަށް ނުވަތަ ރައްދު ދިނުމަކަށް ނޫނެވެ. ފުރަތަމަ އިވޭ ވާހައަކުން ވަގުތުން ގޮތް ނިންމުމަކަށްވެސް ނޫނެވެ. އިންޓަވިއުގެ ތެރޭގައި ކުރަންޖެހޭ ކަމަކީ ރަނގަޅަށް އަޑުއެހުމެވެ. ގޮތް ނިންމުން އޮންނަންވާނީ ފަހުންނެވެ. ސަބަބަކީ ބޭރުފުށުން ފެންނަ ވާހަކަދެއްކުމުގެ ހުނަރާއި، އަމިއްލަ ނަފުސަށް އޮންނަ އިތުބާރަކީ އެމީހެއްގެ ޤާބިލުކަން އެންމެ ފުރިހަމައަށް ދައްކުވައިދޭ އެއްޗަކަށް ނުވެދާނެތީއެވެ.
އިންޓަވިއު ތަރުތީބު ކުރުމުގައި – ކެންޑިޑޭޓުން ލައްވައި ޕްރެޒެންޓޭޝަނެއް ހުށަހަޅުވައި، އޭގެ ފަހުން ސުވާލުކުރުމަކީ ޚިޔާލުތައް ތަރުތީބުކުރާ ގޮތާއި، މުވާޞަލާތުކުރުމުގެ ފެންވަރާއި، ކަންކަމަށް ހޭނުމުގެ ކުޅަދާނަކަން ދެނެގަތުމަށް ވަރަށް ބޭނުންތެރި ގޮތެކެވެ.
މީގެ އިތުރުން، ޕެނަލްގެ މެންބަރުންގެ މިނިވަން ވިސްނުމާއި ވަޒަންކުރުން ޙިމާޔަތްކުރުމަކީ، އަޅުގަނޑަށް ކުރެވިފައިވާ ތަޖުރިބާއަށް ބަލާއިރު ނުހަނު މުހިންމު ކަމެކެވެ. ގިނަ ފަހަރަށް ގިނަ މީހުން އެއްބަސްވާ ގޮތަށް ވަކިވަކި ޕެނެލްމެންބަރުންގެ ވިސްނުން ބަދަލުވެ، އެންމެ ރަނގަޅު ކެންޑިޑޭޓުން ދޫވެގެންދާ ފަހަރު އާދެއެވެ. އެހެންކަމުން، މާކްސްތައް އެއްކޮށް މަޝްވަރާކުރުމުގެ ކުރިން، ކޮންމެ މެންބަރަކުވެސް އަމިއްލަ މާކްސް ޝީޓާއި ޚިޔާލު ވަކިންލިޔުމަށް ތިރިކޮށް ނިންމަންވާނެއެވެ.
އެންމެ ފަހުގެ ނިންމުން ބިނާވާންވާނީ ޙަޤީޤީ ހެކިތަކުގެ މައްޗަށެވެ. އަދި އެ ނިންމުމަކީ، ސަބަބު ބަޔާންކޮށްދެވޭ ފަދަ ނިންމުމަކަށް ވާންޖެހެއެވެ. އެކަކު ދޫކޮށް އަނެކަކު ހޮވި ސަބަބު ސާފުކޮށް ބަޔާންކުރަން ނޭނގޭނަމަ، އެ ނިންމުން ނިންމުމުގައި ގޯހެއް އެބަ އުޅެއެވެ.
ވަޒީފާއަށް މީހަކު ހޮވުމުން އިންޓަރވިއުގެ މަރުހަލާ ނިމުނީއެއް ނޫނެވެ.
ވަޒީފާއަށް ކުރިމަތިލާ ގިނަ މީހުންނަކީ ހޮވޭނެ ބައެއް ނޫނެވެ. ނަމަވެސް، އެއިން ކޮންމެ މީހަކީވެސް އިޙްތިރާމު ޙައްޤުވާ މީހެކެވެ. އެފަރާތްތަކަށް ޖަވާބު ދިނުމުގައި ރިވެތި ބަސްމަގު ބޭނުންކުރުމާއި، ކުރިމަގުގެ ފުރުޞަތުތަކަށް ހިތްވަރު ދިނުމަކީ ވަޒީފާ ނުލިބުނު ކަމުގައިވިޔަސް އެ މުއައްސަސާއަކާމެދު އިތުބާރު ދެމެހެއްޓޭނެ ކަމެކެވެ. އެއީ ވަޒީފާ ދިނުމުގެ މަރުޙަލާގެ ވަރަށް މުހިންމު އަޚްލާޤީ ސިފައެކެވެ.
އާދެ! ރަނގަޅު މީހާ ޚިޔާރުކުރުމަކީ ހަމައެކަނި އިންޓަވިއު ކޮޓަރީގައި އެންމެ މޮޅަށް ވާހަކަދައްކާ މީހާ ހޯދުމެއް ނޫނެވެ. އެއީ ޢަދުލުވެރި، ހަރުދަނާ ނިޒާމެއްގެ ތެރެއިން ޙަޤީޤީ މަސައްކަތުގެ މައިދާނުގައި އެންމެ ރަނގަޅަށް ޚިދުމަތް ކުރެވޭނެ މީހާ ދެނެގަތުމެވެ. އަދި މުއައްސަސާއަކުން މީހުން ހޮވާ ގޮތަކީ، އެއީ ތަނެއްކަން ހާމަކޮށްދޭ އެންމެ ސާފު ލޯގަނޑެވެ.