ދިވެހި ޑިޖިޓަލް ކްރިއޭޓަރު އަހްމަދު މުޙައްމަދު ދީދީ (އަހަންމާ) އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި އުފެއްދި ތާރީޚީ ކުރު ފިލްމު "އެނދި މަރިޔަނބު"އަށް، އެމެރިކާގެ ސިއޭޓްލްގައި ބޭއްވި "ސިއޭޓްލް އޭއައި ފިލްމް ފެސްޓިވަލް"ގައި "ބެސްޓް އޭއައި އެސިސްޓެޑް ސިނަމެޓޮގްރަފީ" އެވޯޑް ލިބިއްޖެއެވެ.
މި އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ސިއޭޓްލްގައި ސްކްރީންކޮށް، ފަނޑިޔާރުންގެ ޕެނަލަކުން އިންސާފުކުރުމަށްފަހު އިއުލާންކުރި މި އެވޯޑަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހި އުފެއްދުމަކަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ދުނިޔޭގެ 36 ޤައުމަކުން 200 އަށްވުރެ ގިނަ ފިލްމު ބައިވެރިކުރި މި ފެސްޓިވަލުގައި، އެތައް ޤައުމެއްގެ އުފެއްދުންތަކާ ވާދަކޮށް ދީދީ ހޯދި މި ކާމިޔާބީއަކީ ދިވެހި ތާރީޚާއި ފަންނުވެރިކަން ދުނިޔޭގެ ސަމާލުކަމަށް ގެނެސްދިން މުހިންމު ފިޔަވަޅެކެވެ.
ދިވެހި ތާރީޚުގެ ޞަފުޙާތަކުން ފެނުނު ޢިލްމީ ދިރާސާއެއްގެ ނަތީޖާއެއްގެ ގޮތުން އުފަންވި "އެނދި މަރިޔަނބު" އަކީ ހަމައެކަނި ފިލްމީ އުފެއްދުމަކަށްވުރެ ބޮޑަށް ތާރީޚީ ޙަޤީޤަތްތަކެއް ޒަމާނީ ސިފައެއްގައި ގެނެސްދޭ މަސައްކަތެކެވެ. މި ފިލްމު އުފެއްދުމުގެ ޚިޔާލު އުފެދުނީ، ފިލްމުގައި ދައްކުވައިދޭ ސިޔާސީ ދުވަސްވަރު ދިރިއުޅުއްވި ޝާހީ މުއައްރިޚެއް ކަމަށްވާ އަލްޤާޟީ ޙަސަން ތާޖުއްދީން ޢަރަބި ބަހުން ލިޔުއްވާފައިވާ ތާރީޚު ފޮތް މުޠާލިޢާ ކުރުމުގެ ތެރެއިންނެވެ. އެ ފޮތުގައި، މަރިޔަމް ކަނބާފާނު ވެރިކަމަށް ވަޑައިގެންނެވި ގޮތާއި އަވަހާރަވީ ގޮތުގެ ސީދާ ތާރީޚީ ޙަޤީޤަތްތައް ވަނީ ބަޔާންކުރައްވާފައެވެ.
އޭއައި ބޭނުންކޮށްގެން ދީދީ އުފެއްދި "އެނދި މަރިޔަނބު"ގެ މަންޒަރެއް--ފޮޓޯ/ވީޑިއޯ ސްނެޕްޝޮޓްމި އުފެއްދުމުގެ މައިގަނޑު އަސާސަކީ، ދިވެހި ތާރީޚުގައި އުފެދުނު އެންމެ ޚިޔާލު ތަފާތުވުން ބޮޑު އެއް އަންހެން ޝަޚުޞިއްޔަތު ކަމަށްވާ މަރިޔަމް ކަނބާފާނު ރަނިކިލެގެ، ނުވަތަ މަޝްހޫރު ނަމުންނަމަ ރާނީ "އެނދި މަރިޔަނބު"ގެ ޙަޔާތްޕުޅުގެ މައްޗަށް ބިނާވެފައިވާ ތާރީޚީ އަދި ފުލޯކު ވާހަކަތަކެވެ. މި ވާހަކައިގެ މައިގަނޑު މަސްދަރުތައް ގުޅިފައިވަނީ، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދީދީ ފަދަ ދިވެހި ތާރީޚުގެ އުސްތާޛުން އެއްކުރައްވައި ލިޔުއްވާފައިވާ ޢިލްމީ ލިޔެކިޔުންތަކާއެވެ.
އިންޑިއާ ދަރިކޮޅުގެ މަންމާފުޅަކަށް އުފަންވެވަޑައިގެން، ފަހުން ދިވެހިރާއްޖޭގެ ރާނީއަކަށް ވެވަޑައިގެންނެވި މަރިޔަމް ކަނބާފާނު ސިޔާސީ މައިދާނުގައި ބާރުގަދަވެގެން ދިޔައީ، މީލާދީން 17 ވަނަ ޤަރުނުގައި ރަސްކަން ކުރެއްވި އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ)ގެ ރަސްކަމުގައެވެ. އެ ރަސްގެފާނު ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރާވަޑައިގަތުމާއެކު، ޤައުމުގެ ކަންކަން ހިންގުމަށް ރަސްގެފާނު ޢައްޔަން ކުރައްވާފައި ހުންނެވި ރީޖެންޓް މުޙްޔިއްދީން އެއްފަރާތް ކުރެއްވުމަށްފަހު، އެކަމަނާގެ ޖާޒުބީކަމާއި ދައުލަތުގެ އިސް ވަޒީރުންނާއެކު އުފެއްދެވި ސިޔާސީ ގުޅުންތަކުގެ ބޭނުން ހިއްޕަވައި، މުޅި ޤައުމުގެ ވެރިކަމުގެ ބާރުތައް ޢަމަލީ ގޮތުން އެކަމަނާގެ މުށުތެރެއަށް ގެންނެވިއެވެ.
ދިވެހި ޑިޖިޓަލް ކްރިއޭޓަރު އަހްމަދު މުޙައްމަދު ދީދީ (އަހަންމާ) --ވެރިކަމުގެ އާރާއި ބާރަށް އެކަމަނާ ދެވިހިއްޕެވިލެއް ބޮޑުކަމުން، އިސްކަންދަރު ރަސްގެފާނު ޙައްޖުން އެނބުރި ވަޑައިގަތުމުން، ރޭގަނޑު ރަސްގެފާނު ފަރިއްކުޅުއްވަން އަރުވާ ބަކަރި ކިރުތަށްޓަށް ވިހަލައްވައި ރަސްގެފާނު އަވަހާރަކޮށްލެއްވި ކަމަށް ދޫދޫމަތިން ކިޔެމުން އައިސްފައިވާ ވާހަކަތަކާއި ތާރީޚީ ލިޔުންތައް ބުނެއެވެ. މި ހާދިސާއަށްފަހު، އަވަހާރަވި ރަސްގެފާނުގެ ތުއްޕުޅު ދަރިކަލުން ރަސްކަމަށް އިސްކުރައްވައި، ވެރިކަން ހިންގަވާ ރީޖެންޓުގެ މަޤާމުގައި އެނދި މަރިޔަނބު ވަނީ ނުހަނު ހަރުދަނާކަމާއެކު ފައިތިލަ ސާބިތުކުރައްވާފައެވެ.
އެކަމަނާގެ ހަރުކަށިކަމާއި އެތެރޭގެ ވެރިކަމުގައި ގެންގުޅުއްވި އަނިޔާވެރި ސިޔާސަތުތަކުގެ ވާހަކަ މަޝްހޫރުވެފައި އޮތް ނަމަވެސް، ޤައުމީ ދިފާޢުގައި އެކަމަނާ އަދާކުރެއްވި ދައުރަކީ ތާރީޚު ހެކިދޭ ކަމެކެވެ. އެގޮތުން، ދެކުނު އިންޑިއާގެ މަލާބާރީން ދިވެހިރާއްޖެއަށް އަރައިގަތް ހިނދު، ނުހަނު ހިތްވަރާއެކު ހަނގުރާމަކުރައްވައި، ބޭރުގެ އުދުވާނުން ރާއްޖެ ސަލާމަތްކޮށްދެއްވި ވެރިއެއްގެ ގޮތުގައި ތާރީޚު އެކަމަނާގެ އަގު ވަޒަންކުރެއެވެ.
ސިޔާސީ މަކަރުވެރި ރޭވުންތަކާއި ރަސްކަމުގެ ކޮއިލުތެރޭގައި ހިނގާދިޔަ ސިއްރުވެރި ކަންތައްތަކުން ފުރިފައިވާ އެ ދުވަސްވަރު ސިފަކޮށްދޭ މި ވާހަކައަކީ، ދިވެހި ތާރީޚުގެ މުހިންމު ބައެކެވެ. ފަހަކަށް އައިސް، "އެނދި މަރިޔަނބު: ދަ ކުއީން ހޫ ބާންޓް އަ ކިންގްޑަމް"ގެ ނަމުގައި މަޝްހޫރު "ދީދީ" ޔޫޓިއުބް ޗެނަލުން ވަނީ މި ވާހަކަ ޒަމާނީ ވީޑިއޯ ޑޮކިއުމެންޓްރީއަކާއި އޯޑިއޯ އެސޭއެއްގެ ސިފައިގައި ގެނެސްދީ، މި ޚިޔާލު ތަފާތު ޝަޚުޞިއްޔަތުގެ ވާހަކަ ޒަމާނީ ޖީލާ ހަމައަށް ފޯރުކޮށްދީފައެވެ.
އޭއައި ބޭނުންކޮށްގެން ދީދީ އުފެއްދި "އެނދި މަރިޔަނބު"ގެ މަންޒަރެއް--ފޮޓޯ/ވީޑިއޯ ސްނެޕްޝޮޓްމިހާރުގެ ދިވެހި މީޑިއާ އާއި ތާރީޚީ އުފެއްދުންތަކުގެ ދާއިރާއަށް ބަލާއިރު، އަޙްމަދު ދީދީ ފާހަގަކުރެވެނީ އޭއައިގެ އެހީގައި ތާރީޚީ ކުރު ފިލްމުތައް އުފެއްދުމުގެ ދާއިރާއިން އެންމެ ކުރީގައި އުޅޭ ޑިޖިޓަލް ކްރިއޭޓަރެއްގެ ގޮތުގައެވެ. ޒަމާނީ ޖެނެރޭޓިވް ޓޫލްތަކުގެ ބޭނުން ހިފައިގެން ދިވެހި ފުލޯކު ވާހަކަތަކާއި، ޝާހީ ކޮއިލުތެރޭގެ ސިޔާސީ ކޯޅުންތަކާއި، ހަނދާންނެތެމުންދާ ތާރީޚީ ހާދިސާތައް ދިރުވައި އާލާކުރުމުގައި އޭނާ ވަނީ ތަފާތު އަދި ޚާއްޞަ މަޤާމެއް ހޯދާފައެވެ.
އަޙްމަދު ދީދީގެ މަސައްކަތްތައް އެހެން އުފެއްދުންތަކާ ތަފާތުވަނީ، ފުން ތާރީޚީ ދިރާސާތަކާއެކު ނުހަނު ފުރިހަމަ އަދި ތަފްޞީލީ ވިޝުއަލްތައް ހިމަނައިގެން އުފައްދާފައިވާތީއެވެ. ހަމައެކަނި ތާރީޚު ކިޔައިދިނުމުގެ ބަދަލުގައި، ހިތްގައިމު އޯކެސްޓްރަލް މިއުޒިކާއި، އަޚްލާޤީ ފިލާވަޅުތަކާއި، އަދަބުވެރި ނެރޭޝަން ހިމެނޭ ފުރިހަމަ އޯޑިއޯ-ވިޝުއަލް ތަޖުރިބާއެއް އޭނާ ބެލުންތެރިންނަށް ގެނެސްދެއެވެ. ސިއޭޓްލް އޭއައި ފިލްމް ފެސްޓިވަލުން ލިބުނު މި ޝަރަފުވެރި އެވޯޑާއެކު، ދިވެހިރާއްޖޭގެ ޒުވާން ޖީލު އެމީހުންގެ ފުން ތާރީޚާ ގުޅުވައިދިނުމަށް އޭނާ ކުރާ މަސައްކަތަށް މިވަނީ ބައިނަލްއަޤްވާމީ އިތުރު ބަލައިގަތުމެއް ލިބިފައެވެ.
ނަވާރަސަތޭކަ އައްޑިހައިގެ ފަހުކޮޅު ޓީވީއެމްގައި މަސައްކަތްކުރި ދީދީއަކީ ފަންނީ މަސައްކަތްތަކަށް ވަރަށް މޮޅު މީހެކެވެ. އެ ގޮތުން, ޓީވީއެމްގައި މަސައްކަތް ކުރި ދުވަސްވަރު ވެސް އޭރު ލިބެން ހުރި ވަސީލަތްތަކާ އެކު އޭނާ ވަނީ އާންމުންނަށް އޭރު ހައިރާންކަން ލިބުނު މޮޅު އުފެއްދުންތައް ގެނެސްދީފައެވެ.
އެގޮތުން ދީދީގެ މަސައްކަތްތައް 1980ގެ އަހަރުތަކުގެ ފަހުކޮޅާއި 1990ގެ ކުރީކޮޅުގެ ޓީވީއެމުން އުފެއްދި ގިނަ އުފެއްދުންތަކެއްގައި ގިނައެވެ. އަދި އެއަށްފަހު ނެރުނު ބޮޑެތި ފިލްމުތައް ކަމަށްވާ 'ދެރިޔާ'، 'އަމާނާތް'، ފަތިސް ހަނދުވަރު'ގައި ވެސް އޭނާގެ މަސައްކަތް ހިމެނެއެވެ.