މަކުނުވާގެ ސިއްރު: އާދައިގެ ނަރެއްގެ ފަހަތުގައިވާ ސައިންސް އަޖައިބު

ލޮލަށް ނުފެންނަ ވަރަށް ހިމަ ނަމަވެސް، މަކުނުވާގެ ނަރަކީ ބޮޑެތި ބާރުތަކަށް ކެތްކުރެވޭ، ނުކެނޑި ދެމޭ، އަދި ހަކަތަ ހިފެހެއްޓުމުގެ އާދަޔާ ޚިލާފު ގާބިލުކަމެއް ލިބިފައިވާ މާއްދާއެއް-- ފޮޓޯ/ ޕިންޓްރެސްޓް

މަކުނުވާގެ ހިމަ ނަރަކީ ދަގަނޑާއި ކެވްލާ ފަދަ ހަރުދަނާ މާއްދާތަކަށްވުރެ ވެސް ވަރުގަދަ، ނުކެނޑި ދެމޭ އަދި ލޮޅުންތައް ހިފެހެއްޓުމުގެ އާދަޔާ ޚިލާފު ޤާބިލުކަމެއް ލިބިފައިވާ އެއްޗެކެވެ. ކާރުޚާނާތަކުގެ ހޫނާއި ކެމިކަލްތަކާ ނުލައި، މަކުނުގެ ހަށިގަނޑުން މި ފުރިހަމަ އުފެއްދުން ނެރޭ ގޮތުގެ ސިއްރު ހޯދުމަށް ސައިންސްވެރިން ކުރަމުންދާ މަސައްކަތަށް ފަހުގެ ދިރާސާއަކުން ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.

މަކުނުވާ އުފެދެން ފަށަނީ މަކުނުގެ ޚާއްސަ ގްލޭންޑްތަކުގައި ހުންނަ 'ސްޕިޑްރޮއިންސް' ކިޔާ ޕްރޮޓީންތަކެއް 'ސިލްކް ޑޯޕް' ނަމަކަށް ކިޔާ އޮލަ ދިޔައެއްގެ ގޮތުގައި ރައްކާކުރެވޭ ހިސާބުންނެވެ. މަކުނު އެކި ބޭނުންތަކަށް އުފައްދާ 'ޑްރެގްލައިން'، 'ފްލެޖެލިފޯމް' އަދި 'އެސިނިފޯމް' ފަދަ ނަރުތައް ހަރުވަނީ މި ދިޔާ މާއްދާ ހަށިގަނޑުން ބޭރަށް ނުކުންނަ ވަގުތުގައެވެ.

ސެން ޑިއޭގޯ ސްޓޭޓް ޔުނިވާސިޓީގެ ކެމިސްޓް ގްރެގަރީ ހޮލެންޑް އިސްވެ ހުންނަވައި، ބްލެކް ވިޑޯ މަކުނުގެ ނަރު ބޭނުންކޮށްގެން ކުރެއްވި ދިރާސާއިން ހާމަވި ގޮތުގައި، މި މަރުހަލާގައި 'އާޖިނިން' އަދި 'ޓައިރޮސިން' ކިޔާ ދެ އެމިނޯ އެސިޑް މުހިންމު ދައުރެއް އަދާކުރެއެވެ. 'މޮލިކިއުލާ ސްޓިކާސް'ގެ ގޮތުގައި މަސައްކަތްކުރާ މި މާއްދާތަކުގެ ސަބަބުން ދިޔާ ޕްރޮޓީންތައް އަވަހަށް ހަރުނުވެ، 'ކޮންޑެންސޭޓްސް' ކިޔާ ޖެލް ފަދަ އޮލަ ތިކިތަކަކަށް ބަދަލުވެ ތަރުތީބުވެއެވެ.

އެއަށްފަހު، މަކުނުގެ ހަށިގަނޑުގެ ހަނި މަގަކުން މި ދިޔަ ދަތުރުކުރާއިރު ޕީއެޗް ދަށްވެ، ފެން މަދުވުމުގެ އިތުރުން، ނުކުންނަ ނަރަށް މަކުނު ދަމާލުމުން ޕްރޮޓީން ޗޭނުތައް ސީދާވެ 'ބީޓާ ޝީޓްސް' އުފެދެއެވެ. މަކުނުވާއަށް އެ ލިބޭ އާދަޔާ ޚިލާފު ވަރުގަދަކަމާއި ދެމުމުގެ ބާރު ލިބެނީ މި ބީޓާ ޝީޓްތަކުގެ ސަބަބުންނެވެ.

މަކުނު އޭގެ ނަރުތައް ރީތި ގޮތަކަށް ބައްޓަންކުރަނީ-- ފޮޓޯ/ އެކްސްޓްރީމް ޕްރޯ

މަކުނުވާގެ މި އޮނިގަނޑަކީ ރައްކާތެރި އަންނައުނާއި، ހެލްމެޓާއި، ސީޓް ބެލްޓް އަދި ބޭސްވެރިކަމުގެ އާލާތްތައް އުފެއްދުމަށް ލިބޭ ބޮޑު އިލްހާމެކެވެ. ނަމަވެސް، މަކުނަކީ އެކަތި އަނެކަތި ކައިއުޅޭ އެއްޗަކަށް ވުމުން ދަނޑުވެރިކަމުގެ އުސޫލުން މަކުނު ގެންގުޅެގެން ގިނަ އަދަދަކަށް ނަރު އުފެއްދުމަކީ އުނދަގޫ ކަމެކެވެ. އެހެންކަމުން، ލެބޯޓްރީގައި ޤުދުރަތީ މަކުނުވާ ފަދަ ވަރުގަދަ ނަރެއް ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުމަކީ އަދިވެސް ސައިންސްވެރިންނަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް