ޖަލު ހުކުމުގެ ބާކީ ބައި، ގޭބަންދުގައި ތަންފީޒުކުރުމަށް ބަދަލުކޮށްފައިވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު، ގޭބަންދަށް ބަދަލުކުރުމުގެ އެއްވެސް ޝަރުތަކާ ޚިލާފުވެއްޖެ ނަމަ ވަގުތުން ޖަލަށް ގެންދާނެ ކަމަށް އެ ގައުމުގެ ހޯމް އެފެއާޒް މިނިސްޓަރު ސައިފުއްދީން ނަސޫޝަން އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.
ގާނޫނު ހަދާ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ސައިފުއްދީން ވަނީ، 73 އަހަރުގެ ނަޖީބުގެ ގޭބަންދުގެ ޝަރުތުތައް ފުރަތަމަ ފަހަރަށް ހާމަކުރައްވާފައެވެ. މިދިޔަ ސެޕްޓެންބަރު މަހުގެ 18 ގައި މެލޭޝިއާގެ ރަސްގެފާނު ސުލްތާން އިބްރާހީމް ދެއްވި ޝާހީ މައާފެއްގެ ދަށުން، ނަޖީބު ކުއާލަލަމްޕޫރުގައި ހުންނަ އޭނާގެ ގެއަށް ބަދަލުކޮށްފައިވަނީ 50 މިލިއަން ރިންގިޓުގެ ޖޫރިމަނާ ދެއްކުމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ފެޑެރަލް ޓެރިޓަރީސް ޕާޑަންސް ބޯޑުން ކަނޑައަޅާފައިވާ ހަތަރު ދާއިރާއެއްގެ ޝަރުތުތަކުގެ ދަށުން ނަޖީބަށް ދިރިއުޅުއްވޭނީ އަނބިކަނބަލުންނާއި، ދަރިންނާއި، ދަނބިދަރިން އަދި މާމަ ދަރިން ހިމެނޭހެން އާއިލާގެ އެންމެ ގާތް މެންބަރުންނާ އެކުގައި އެކަންޏެވެ. މެލޭޝިއާގެ ޕްރިޒަންސް ޑިޕާޓްމަންޓުގެ ލިޔުމުން ހުއްދަ ނުހޯދައި ގެއަށް ޒިޔާރަތްކުރާ މީހުންނާ ބައްދަލުކުރުމާއި، ގެއިން ބޭރަށް ވަޑައިގަތުމާއި، އަމިއްލަ ފޯނާއި މުއާސަލާތީ އާލާތްތައް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން، މީޑިއާއާއި ސޯޝަލް މީޑިއާގައި އެއްވެސް ބަޔާނެއް ދެއްވުމާއި، އާންމު އެއްވުންތަކާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ވެސް މަނާވާއިރު، ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ނަޖީބު ބައިވެރިވެވަޑައިގަންނަވަން ޖެހެއެވެ. ގޭބަންދުގައި ހުންނަވަން އިތުރު ގެއެއް ހިމެނުމަށް ނަޖީބު ހުށަހެޅުއްވި ނަމަވެސް، އެ ހުށަހެޅުން ގަބޫލު ނުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނަޖީބު ގޭބަންދަށް ބަދަލުކުރީ، އޭނާ ދައްކަވަން ޖެހޭ 12 މިލިއަން ޑޮލަރުގެ ޖޫރިމަނާ، އޭނާގެ ސަޕޯޓަރުންގެ އެހީތެރިކަމާއެކު އުމްނޯ ޕާޓީން ދައްކައިދިނުމުންނެވެ.
މެލޭޝިއާގެ ދައުލަތުގެ އިންވެސްޓްމަންޓް ފަންޑު، ވަންމެލޭޝިއާ ޑިވެލޮޕްމަންޓް ބަރްހާދް (ވަންއެމްޑީބީ) ގެ ޚިޔާނާތުގެ މައްސަލައެއްގައި 2020 ވަނަ އަހަރު 12 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ނަޖީބު ޖަލަށް ލިއެވެ.
އެމެރިކާގެ ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި އެ ފަންޑުން 4.5 ބިލިއަން ޑޮލަރު ވަނީ ވަގަށް ނަގާފައެވެ.
ވަންއެމްޑީބީއާ ގުޅުންހުރި ދެވަނަ މައްސަލައެއްގައި 2025 ވަނަ އަހަރުގެ ޑިސެންބަރު މަހު 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައިވާއިރު، ނަޖީބު ވަނީ އެ ހުކުމް އިސްތިއުނާފުކުރައްވާފައެވެ.