ނަޖީބު ގޭބަންދަށް ބަދަލުކުރުން ލަސްވާތީ މެލޭޝިއާ ރަސްގެފާނުގެ ނުރުހުން

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު -- ފޮޓޯ: ރޮއިޓާސް

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ޖަލުން ގޭބަންދަށް ބަދަލުކުރުމަށް ދެއްވި އަމުރާ ދެކޮޅު ހެދުމާއި، އެ އަމުރު ތަންފީޒުކުރުން ލަސްކުރުމާ ދެކޮޅަށް މެލޭޝިއާގެ ރަސްގެފާނު ސުލްތާން އިބްރާހިމް އިސްކަންދަރު މިއަދު އިންޒާރު ދެއްވައިފިއެވެ.

މެލޭޝިއާގެ ގޮނޑިކޮއިލް (އިސްތާނާ ނެގާރާ) އިން ނެރުނު ބަޔާނެއްގައި ބުނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ނަޖީބަށް ދެއްވާފައިވާ މަޝްރޫތު މާފަކީ ސަރީހަ އަމުރެއް ކަމަށާއި، އެ އަމުރު މާނަކުރުމުގައި އެއްވެސް އޮޅުންބޮޅުމެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި އެ އަމުރުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި ޝަރުތުތައް ފުރިހަމަވެފައިވާތީ، އަމުރު ތަންފީޒުކުރުން ލަސްކުރުމަކީ ރަސްގެފާނުގެ މާފުދެއްވުމުގެ ބާރާ ދެކޮޅުހެދުން ކަމުގައި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ބަޔާން ނެރެފައި ވަނީ، 1އެމްޑީބީ ކޮރަޕްޝަންގެ މައްސަލައިގައި ނަޖީބުގެ މައްޗަށް ދައްކަން އަންގާފައިވާ 50 މިލިއަން ރިންގިޓުގެ ޖޫރިމަނާ އޭނާގެ ސަޕޯޓަރުން ދެއްކުމާ ގުޅިގެން ގޭބަންދަށް ބަދަލުކުރަން ތައްޔާރުވެފައިވަނިކޮށް، އެޓާނީ ޖެނެރަލްގެ އޮފީހުން (އޭޖީސީ) އެކަން ވަގުތީ ގޮތުން ސަސްޕެންޑްކޮށް ކޯޓުގެ ލަފައަކަށް އެދުމުންނެވެ.

އޭޖީސީން ބުނީ އެކަން ކުރީ އަމުރަށް ގޮންޖެހުމުގެ ނިޔަތުގައި ނޫން ކަމަށާއި، ނަޖީބުގެ މައްޗަށް އިއްވާފައިވާ އިތުރު ހުކުމްތަކުގެ ޤާނޫނީ ސާފުކަން ހޯދުމަށް ކަމަށެވެ.

ނަމަވެސް، ރަސްގެފާނުގެ ބަޔާނާއެކު މެލޭޝިއާގެ މަޝްރަހު ވަނީ އަލުން ހޫނުވެފައެވެ. 2018 ވަނަ އަހަރުން ފެށިގެން ހިންގި 1އެމްޑީބީގެ ޚިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ނަޖީބު ގޭބަންދަށް ބަދަލުކުރުމުގެ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް