ރައީސް، ފަލަސްތީނުގެ ބޮޑުވަޒީރަށް: "އެއްވެސް ޝަރުތަކާ ނުލައި، ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެ އޮންނާނެ"

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުޙައްމަދު މުސްތަފާއާ ބައްދަލުކުރެއްވުން: އެއްވެސް ޝަރުތަކާ ނުލައި، ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެ އޮންނާނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުޙައްމަދު މުސްތަފާއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އެއްވެސް ޝަރުތަކާ ނުލައި، ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި، ކަރާމާތާއި، އިންސާފާއި، ގައުމާ މެދު އަމިއްލައަށް ގޮތް ނިންމުމުގެ ޙައްގު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ރާއްޖޭން ފުރިހަމައަށް ތާއީދުކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، މި އެއްބައިވަންތަކަމަކީ ދިވެހި ގައުމުގެ ފުން ޢަޤީދާއާއި، އިންސާނިއްޔަތުކަމަށާއި އިންސާފަށް ރާއްޖެއިން އަބަދުވެސް ކުރާ އިޙްތިރާމް ރަމްޒުކޮށްދޭ ކަމެއްކަން މި ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ޙައްގުތައް ކަށަވަރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ދެގޮތެއް ނުވެ ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް ވަނީ ފަލަސްތީނުގެ ބޮޑުވަޒީރަށް ދެއްވައިފައެވެ.

މީގެ ތެރޭގައި 1967ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން، މުސްތަގިއްލު ފަލަސްޠީނުގެ ދައުލަތެއް ގާއިމުކުރުމުގެ ޙައްގު ހިމެނޭކަން އެ މަނިކުފާނު ތަކުރާރުކުރެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ދުވަހަކުވެސް އެކަނިވެރި ނުވާނެކަމުގެ ޔަގީންކަން ދެއްވަމުން، އިންސާފާއި، މިނިވަންކަމާއި، ދެމެހެއްޓެނިވި ޞުލްޙަ ގާއިމުވަންދެން ރާއްޖެއިން ފަލަސްތީނާއެކު ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އެ ބައްދަލުކުރެއްވުން ބޭއްވިއިރު، މި ސަރުކާރަށް ވަނީ އިސްރާއީލާ ގުޅުވައި ތުހުމަތުތަކެއް އަމާޒުވެފައެވެ. އެގޮތުން، ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދަން ނިންމައިފައިވާ މަޝްރޫއާއެކު، އިސްރާއީލުގެ ރައްޔިތުންނަށް ރަސްމާލޭގައި ދިރިއުޅެވޭނެ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

މީގެ އިތުރުން، އިސްރާއީލުން ޣައްޒާއަށް 2023ގެ އޮކްޓޫބަރުގައި ދޭން ފެށި ހަމަލާތަކާ ގުޅިގެން، މި ސަރުކާރުން ވަނީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކޮށްފައެވެ. ދާދި ފަހުން ރައީސް ވަނީ، އިސްރާއީލް ޕާސްޕޯޓުގައި އައުން ދާއިމަށް މަނާކުރަން ނިންމަވައިފައިވާކަން އިއުލާންކުރައްވައިފައެވެ.

comment ކޮމެންޓް