ގައުމުތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގައި، މޫސުމީ ނުރައްކާ އޮތް މިންވަރު ވެސް ވަޒަންކުރަންޖެހޭ: ރައީސް

ރައީސް ތަގުރީރުކުރެއްވުން: ގައުމުތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގައި، މޫސުމީ ނުރައްކާ އޮތް މިންވަރު ވެސް ވަޒަންކުރަންޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގައި ހަމައެކަނި އާމްދަނީއަށް ބެލުމުގެ ބަދަލުގައި، އެ ގައުމުތަކަށް މޫސުމީ ނުރައްކާ އޮތް މިންވަރު ވެސް ވަޒަންކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކޮޕް31ގެ ހަވާސާގައި ބޭއްވި މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމެއްގައި ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ، ކުދި ޖަޒީރާ ގައުމުތަކަށް ތަރައްގީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެ ކަންތައް ކަމަށެވެ. އަދި، ޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ނާޒުކު ހާލަތްތަކުން އަރައިގަތުމަށްޓަކައި މޫސުމީ މާލީ އެހީތެރިކަން ފަސޭހައިން، ލުއިގޮތެއްގައި ލިބޭނެ އިންތިޒާމެއް ހަމަޖެހުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ އެންމެން ދަންނަ ބޮޑު ހަގީގަތެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، ދިވެހިރާއްޖެއިން ވެސް އެކަމާ ގުޅުންހުރި އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/230392

"ދިވެހިރާއްޖެއިން އެތައް އަހަރެއް ވަންދެން މާލީ އެހީތެރިކަން ހޯދޭނެ ފަދަ މަޝްރޫޢުތައް އެކުލަވައިލައި ތަރައްގީގެ ޕްލޭންތަކުގައި މޫސުމީ ވިލުންތެރިކަން ހިމެނުމަށާއި، ބައިނަލްއަގްވާމީ ފެންވަރުގައި ވަކާލާތުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ދުނިޔޭގެ މާލީ ނިޒާމުގައި ހުރި އުނިކަންތަކުގެ ސަބަބުން ރައްޔިތުންނާއި ރަށްތައް ހިމާޔަތްކުރުމަށް ރާއްޖެ ފަދަ ގައުމުތަކަށް ބޮޑެތި ދަރަނިތައް ނަގަން މަޖުބޫރުވޭ." ރައީސް ވިދާޅުވިއެވެ.

މިފަދަ ގޮންޖެހުންތަކަކީ ނާޒުކު ހާލަތްތަކުގައިވާ ގައުމުތަކަށް އެކަނި ހައްލުކުރެވޭނެ ކަންކަން ނޫންކަން ފާހަގަކުރައްވައި ރައީސް ވަނީ، އަވަސް އަދި ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔޭގެ އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ.

ޕެރިސް އެއްބަސްވުމަށް 10 އަހަރު ވެފައިވާއިރު، އެ އެއްބަސްވުން ތަންފީޒުކުރުމުގައި ގައުމުތަކުން ސާބިތުވެ ތިބުމަށް ގޮވާލައްވަމުން، ލީޑަރުންގެ ހަމައެކަނި ވަޢުދުތަކަކުން ނުފުދޭނެ ކަމަށާއި ތާރީޚު އިންސާފުކުރާނީ އެބޭފުޅުންގެ ޢަމަލުތަކަށް ބަލައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ހުޅުމާލެއަކީ ވިލުންތެރިކަން އިތުރުކުރުމަށް ތަރައްގީކުރެވިފައިވާ އިސްތިރާޖީ ރައުސުލްމާލެއް ކަމަށެވެ. އަދި މިހާރު ތަރައްގީކުރަމުންދާ ރަސްމާލެ ފަރުމާކުރެވެނީ ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް އަންދާޒާކުރެވޭ މިންވަރަށްވުރެ ބިން އުސްކޮށް، ކާބަން ބޭނުންކުރާ މިންވަރު މަދު، ތިމާވެއްޓާ ރައްޓެހި ޝަހަރެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކަށް ހޭނުމަކީ ތަރައްގީގެ މުހިންމު އުންސުރަކަށް ހަދަންޖެހޭ ކަމަށާއި، އެއީ ހަމައެކަނި ކާރިސާއަކަށްފަހު ކުރާ ކަމަކަށް ވެގެންނުވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް މޫސުމީ ބަދަލުތަކަށް ހޭނުމަށް ދޭ މާލީ އެހީތެރިކަމަކީ ހިލޭ އެހީގެ ގޮތުގައި ލިބެންޖެހޭ އެއްޗެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް