ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީގައި އަންނަ އަހަރު މާސްޓާސް ޑިގްރީއަށް ކިޔެވުމަށް، ކޮލަމްބޯ ޕްލޭން ސްކޮލަޝިޕް 2027ގެ ދަށުން ފުރުސަތު ހުޅުވާލައިފިއެވެ.
ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން އިއުލާންކުރި މި ސްކޮލަޝިޕްގެ ދަށުން ފުރުޞަތު ހުޅުވާލާފައިވަނީ މާސްޓާސް އިން ޕަބްލިކް ޕޮލިސީ، މާސްޓާސް އިން އިންޓަނޭޝަނަލް އެފެއާސް އަދި މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.
މި ކޯސްތަކަކީ ދައުލަތުގެ ސިޔާސަތުތައް އެކަށައެޅުމާއި ދިރާސާކުރުމުގެ ހުނަރުތަކުގެ އިތުރުން، ބައިނަލްއަގުވާމީ ގުޅުންތަކާއި ޑިޕްލޮމަސީ އަދި ދައުލަތުގެ އިދާރާތައް ހިންގުމާއި ސްޓްރެޓެޖިކް ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވެދޭނެ ދާއިރާތަކެއް ކަމަށް މިނިސްޓްރީން ކުރި އިއުލާނުގައި ވެއެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މި ފުރުޞަތުތަކަށް އެދި ހުށަހެޅޭނީ، ހުށަހަޅާ ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލަސް ޑިގްރީ ޙާޞިލްކޮށްފައިވާ އަދި ދައުލަތުގެ އިދާރާއެއްގެ ޕޮލިސީ ލެވެލްގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމަށެވެ.
މީގެ އިތުރުން، އެދޭ ކޯހަކީ މިހާރު ޙާޞިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރުގެ ކޯހަކަށް ވާން ޖެހޭނެކަމަށާއި ސަރުކާރު މެދުވެރިވެގެން ސްޓޫޑެންޓް ލޯނެއް ނަގާފައިވާ ފަރާތެއްނަމަ، އެއްވެސް ޑީފޯލްޓެއް ނެތި ގަވާޢިދުން ލޯނު ދައްކަމުންދާ ފަރާތަކަށް ވާންޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވި އަދި ކިޔެވުން ނުފަށާ ފަރާތްތަކަށްވެސް މި ސްކޮލަޝިޕަށް ކުރިމަތިލެވޭނެއެވެ. ނަމަވެސް ލޯނު އިންސްޓޯލްމަންޓް ލިބިފައިވާނަމަ، ކުރިމަތިލެވޭނީ ދޫކޮށްފައިވާ ފައިސާ އަނބުރާ ދެއްކުމަށް ފަހުގައެވެ.
މީގެ އިތުރުން އެހެން އެއްވެސް ސްކޮލާޝިޕަކަށް ނޮމިނޭޓްވެފައިވާ ނުވަތަ ހޮވިފައިވާ ފަރާތްތައް މި ފުރުޞަތަކަށް ނޮމިނޭޓެއް ނުކުރެވޭނެކަމަށް ވެސް ބުންޏެވެ.
މި ސްކޮލަޝިޕަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00އަށް ކަަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެއެވެ.
މިނިސްޓްރީން ބުނީ އެޕްލިކޭޝަން ހުށަހަޅަންޖެހެނީ މިނިސްޓްރީގެ "ކުރި" ޕޯޓަލް (kuri.gov.mv) މެދުވެރިކޮށެވެ. އަދި އިތުރު މަޢުލޫމާތު އެ މިނިސްޓްރީގެ ހޮޓްލައިން 1474 އިން އަދި އީމެއިލް ([email protected]) މެދުވެރިކޮށް ލިބޭނެކަމަށް ވެސް ވަނީ ބުނެފައެވެ.