ޗައިނާ ސަރުކާރުން ދޭ ސްކޮލަޝިޕް ފުރުސަތުތަކަކަށް ހުޅުވާލައިފި

އޭލެވެލް ކިޔަވާ ދަރިވަރުންތަކެއް: ޗައިނާ ސަރުކާރުން ދޭ ސްކޮލަޝިޕް ފުރުސަތުތަކަކަށް ވަނީ ހުޅުވާލައިފައި -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ޗައިނާގައި ކިޔެވުމަށް އެ ގައުމުގެ ސަރުކާރުން ދޭ، ޗައިނީޒް ގަވަމަންޓް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން، މިހާރު ވަނީ 2027/2028 ތައުލީމީ އަހަރަށް ދޫކުރާ ސްކޮލަޝިޕްތަކަށް ހުޅުވާލާފައެވެ. އެގޮތުން، ސްކޮލަޝިޕަށް ހުށަހެޅުމަށް ޚާއްސަކޮށްފައިވާ ވެބްސައިޓު ގެ "ޗައިނީޒް ގަވަމަންޓް ސްކޮލަޝިޕް އިންފޮމޭޝަން ސިސްޓަމް ފޯ އިންޓަނޭޝަނަލް ސްޓުޑެންޓްސް" ޓެބު މެދުވެރިކޮށް، މިކަމާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެކަމަށާއި، އެޕްލިކޭޝަނަށް ބޭނުންވާ ހުރިހާ ލިޔެކިއުމެއްވެސް ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެކަމަށް އެމްބަސީން މައުލޫމާތުދެއެވެ.

މީގެ އިތުރުން އަންޑަ ގްރެޖުއޭޓް ކޯސްތަކަށް އެޕްލައިކުރާނަމަ، ޗައިނާ ސްކޮލަސްޓިކް ކޮމްޕީޓެންސީ އެސެސްމަންޓް ފުރިހަމަކުރަން ޖެހޭނެ ކަމަށާއި، ސްކޮލަޝިޕަށް އެޕްލައިކުރާއިރު އެސެސްމެންޓުގެ ނަތީޖާ ހުށަހަޅަންޖެހޭނެ ކަމަށް އެމްބަސީގެ އިއުލާނުގައި ބުނެފައިވެއެވެ.

މި އެސެސްމަންޓާ ގުޅޭގޮތުން އެމްބަސީން އިތުރަށް ބުނެފައިވަނީ، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ކިޔަވަން ފަށަން ބޭނުންވާ ދަރިވަރުން، މި އަހަރުގެ ނޮވެމްބަރު، ޑިސެމްބަރު ނުވަތަ އަންނަ އަހަރުގެ ޖެނުއަރީ މަހު ކުރިއަށްދާ އެސެސްމަންޓުގައި ބައިވެރިވާންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ކިޔަވަން ބޭނުންވާ ކޯސް ކުރިއަށްދާނީ ޗައިނީޒްއިން ނަމަ، ބަހުރުވައަށް ފަރިތަކަން ސާބިތުކޮށްދޭން ޖެހޭނެކަމަށާއި، ނަމަވެސް ކޯސް މޮޑިއުލްއެއްގެ ގޮތުގައި ޗައިނީޒް ކިޔަވާ ދަރިވަރުންނާއި މީގެ ކުރިން ޗައިނީޒް ބަހުން ކޯހެއް ފުރިހަމަކޮށްފައިވާ ދަރިވަރުން އެކަން ކުރަން ނުޖެހޭނެކަމަށް އެމްބަސީގެ އިއުލާނުގައި ބުނެފައިވެއެވެ.

ދިވެހި ދަރިވަރުން ހުށަހަޅާ އޮންލައިން އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީންކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެމްބަސީގެ އިއުލާނާއެކު، ޝަރުތުތަކާއި ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން އަންގައިދޭ ލިޔެކިއުންތައް އެއްހީރަސް ކޮށްފައިވެއެވެ.

comment ކޮމެންޓް