ގައުމެއްގައި ތަރައްގީގެ ފޮނި މީރުކަން ލިބޭނީ ރައްޔިތުން ހެޔޮގޮތުގައި ބިނާކުރެވިގެން: ޙީނާ

މިނިސްޓަރު ހީނާ ވަލީދު: ވިދާޅުވީ ގައުމެއްގައި ތަރައްގީގެ ހަގީގީ ފޮނި މީރުކަމެއް ލިބޭނީ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުން ހެޔޮގޮތުގައި ބިނާކުރެވިގެން ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

ގައުމެއްގައި ތަރައްގީގެ ހަގީގީ ފޮނި މީރުކަމެއް ލިބޭނީ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުން ހެޔޮގޮތުގައި ބިނާކުރެވިގެން ކަމަށް، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ހުރާގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ ހުރަވީ ދުވަސް ނިސްބަތްވާ އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނަކީ މުޅި ދިވެހި އުންމަތަށް އިބުރަތްތެރި ފިލާވަޅުތަކެއް ދޫކުރެއްވި ވަރުގަދަ ޝަޚްސިއްޔަތެއް ކަމަށެވެ.

"އެއީ އަޚްލާގުގެ ހަރުދަނާކަމާއި މިސާލީ ދިރިއުޅުމެއް ދެއްކެވި ނަމޫނާ ބޭފުޅެއް،" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ދޮންބަންޑާރައިން ގައުމުގެ ދިފާއުގައި ތެދުވެވަޑައިގަތީ ލިބިވަޑައިގަންނަވާނެ ޝަރަފަކަށް ނުވަތަ ވެރިކަމުގެ މޮޅަކަށްނޫން ކަމަށާއި، ރަސްކަމުގެ ތަޚްތު ވެދުންކުރެވުނު އިރު އިންކާރުކުރެއްވި ކަމަށެވެ.

ބަދަލުގައި ދޮންބަންޑާރައިން ކުރެއްވި ކަމަކީ އަމާނާތްތެރިކަން އިސްކުރައްވައި ރަސްގެފާނަށް ވަފާތެރިވެވަޑައިގެން އަމިއްލަފުޅަށް މިލްކުކުރެވެން އޮތް ވެރިކަމެއް ރަދުންގެ ބޭފުޅަކު ލައްވައި ކުރެއްވުން ކަމަށް ހީނާ ވިދާޅުވިއެވެ.

އެހެންކަމުން ދޮންބަންޑާރައިންނަކީ ލާމަސީލު މިސާލެއްގެ ގޮތުގައި ހީނާ ސިފަކުރެއްވިއެވެ.

"މިފަދަ ދުވަހެއްގައި އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ، އިބުރަތް ލިބިގަންނަންވީ މުހިންމު ފިލާވަޅުތަކެއް އެބަހުރި، އެއީ ގައުމު ދެކެ ލޯބިވާން، ގައުމަށް ތެދުވެރިވާން، އަމާނާތްތެރިވާން، ގައުމު އިސްކުރުމަށް، އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން ވާރުތަވި އެންމެހައި ރިވެތި އަޚްލާގީ މިފަދަ ސިފަތައް އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދެއްވުމަށްޓަކައި މި ރިވެތި ސިފަތައް ދެމެހެއްޓުމަށް،" އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތު ބިނާވެފައިވަނީ އުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމުގެ މައްޗަށް ކަމަށް ވިދާޅުވެ ހީނާ ވިދާޅުވީ، އިންސާނީ ބިނާކުރުމުގައި ގައުމު ދެކެ ލޯބިވުމުގެ ފުން އިހުސާސާއި ގުޅިފައިވާ ޖީލެއް ބިނާކުރުމަށްޓަކައި ގައުމިއްޔަތުގެ ބޮޑު މަޝްރޫއެއް ކުރިއަށް އެބަ ގެންދާ ކަމަށެވެ.

"ގައުމެއްގައި ތަރައްގީއާއި ކުރިއެރުމުގެ ތެރެއިން ރައްޔިތުންނަށް އޭގެ ހަގީގީ ފޮނި މީރުކަން ލިބެނީ އެ ގައުމެއްގެ އިންސާނީ ސިކުނޑިތައް ވެސް އޭގެ އެންމެ ހެޔޮގޮތުގައި ބިނާކުރެވިގެން،" ހީނާ ވިދާޅުވިއެވެ.

ހުރަވީ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ ތިން ވަނަ ދުވަހެވެ.

ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވީ، 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ތިންވަނައަށް ވީ އާދީއްތަ ވިލޭރޭގައެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ގައުމުގެ އެންމެހައި ރައްޔިތުން ގައުމީ އަބްޠާލުންގެ ޒިކުރާ ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ އަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުންނެވެ.

comment ކޮމެންޓް