ހުރަވީ ދުވަހާ ގުޅުވައި، ފައިސާގެ އިނާމު ލިބޭ ކުރު ފިލްމު މުބާރާތެއް ބާއްވަނީ

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ކުޅުނު ސުކޫލު ކުދިންގެ ތަމްސީލުގެ ތެރެއިން: ހުރަވީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކުރު ފިލްމު މުބާރާތެއް ބާއްވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ދޮންބަންޑާރައިންގެ ހަޔާތްޕުޅު ދައްކުވައިދޭ ފަސް ވީޑިއޯ ކްލިޕް ނުވަތަ 15 މިނެޓަށްވުރެ ދިގު ނޫން ކުރު ފިލްމު އުފެއްދުމުގެ މުބާރާތެއް ބޭއްވުމަށް އިއުލާންކޮށްފިއެވެ.

މިއަދު ކުރި އިއުލާނެއްގައި އެ ވުޒާރާއިން ބުނީ މި މުބާރާތް ހުޅުވާލާފައިވަނީ މުޅި ރާއްޖެއަށް ކަމަށެވެ. މި މުބާރާތް ހުޅުވާލާފައިވަނީ ދެ ގިންތިއަކަށެވެ. އެއީ:

ފުރަތަމަ ގިންތި: 21 އަހަރާއި 21 އަހަރުން ދަށް

ދެވަނަ ގިންތި: 21 އަހަރުން މަތި

މި މުބާރާތުގައި ކޮންމެ ގިންތިއަކުން ވަނަތައް ހާސިލުކުރާ ފަރާތްތަކަށް ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.

  • އެއް ވަނައަށް ހޮވޭ ކުރު ފިލްމު ނުވަތަ ވީޑިއޯ ކްލިޕް: 15،000 ރުފިޔާ
  • ދެވަނައަށް ހޮވޭ ކުރު ފިލްމު ނުވަތަ ވީޑިއޯ ކްލިޕް: 10،000 ރުފިޔާ
  • ތިން ވަނައަށް ހޮވޭ ކުރު ފިލްމު ނުވަތަ ވީޑިއޯ ކްލިޕް: 5000 ރުފިޔާ

މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހިންގެ މެދުގައި ދިވެހި ތާރީޚަށް ލޯބި ޖައްސުވައި، ހޭލުންތެރިކަން އިތުރުކުރުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޑިސެންބަރު 28 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން، އެވުޒާރާގެ އީމެއިލް ލިންކު މެދުވެރިކޮށް ވީޑިއޯ ކްލިޕް ނުވަތަ ކުރު ފިލްމު ހުށަހެޅުމަށް ވުޒާރާއިން އެދިފައިވެއެވެ.

މި މުބާރާތާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި އެ ވުޒާރާގެ އިވެންޓްސް އެންޑް އައުޓްރީޗް ސެކްޝަންގެ 7699595 ނަންބަރު ފޯނަށް ގުޅުމަށް މި އިއުލާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް