އީރާނު ގައުމީ ފުޓްބޯޅަ ޓީމު ދަތުރުކުރި މަތިންދާބޯޓު އިރާގަށް ޖެއްސުން މަނާކޮށްފި

އިރާނު ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން--

އެމެރިކާއިން އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން، އިރާނުގެ ގައުމީ ފުޓްބޯޅަ ޓީމު ގޮވައިގެން ދިޔަ މަތިންދާބޯޓު އިރާގުގެ ބަސްރާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުގެ ހުއްދަ އިރާގުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނުދީ ހިފަހައްޓައިފިއެވެ.

އިރާގުގެ އެއާޕޯޓް މަސްއޫލުވެރިންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިރާނުގެ 'ވާރޭޝް އެއާލައިންސް' ގެ ފްލައިޓަށް ބަސްރާއަށް ޖެއްސުމުގެ ހުއްދަ ނުދިނީ، އިރާނުގެ އެއާލައިންތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެއްޖެނަމަ އިރާގުގެ އޭވިއޭޝަން އަދި މާލީ ދާއިރާއަށް ސެކަންޑަރީ ސެންކްޝަންސް ނުވަތަ އިތުރު ފިޔަވަޅުތަކެއް އަތުވެދާނެކަމުގެ ބިރު އޮތުމުންނެވެ.

މި ހާދިސާއާ ގުޅިގެން އިރާނު ޓީމު ދަތުރުކުރި މަތިންދާބޯޓު ވަނީ އެނބުރި އިރާނަށް ގޮސް، ބޯޑަރު ކައިރީގައިވާ އަބަދާން އެއާޕޯޓަށް ޖައްސާފައެވެ. އޭގެ ފަހުން އިރާނު ޓީމުން އިރާގުގެ ބަސްރާއަށް ދަތުރުކުރީ އަބަދާންއިން ބަސް މަގުން، 'ޝަލާމްޗެހް' ބޯޑަރު ހުރަސްކޮށްގެންނެވެ.

އިރާނު ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވަނީ ބަސްރާއަށް ސީދާ ދަތުރުކުރުމުގެ ހުއްދަ ކުރިން ލިބިފައިވާ ކަމަށާއި، ނަމަވެސް ފްލައިޓް ނައްޓާލަން ކުޑަތަންވެފައި ވަނިކޮށް އިރާގުން އެ ހުއްދަ ބާތިލުކުރުމުން އެކަމާ ހިތާމަކުރާ ކަމަށެވެ.

އިރާނު ގައުމީ ޓީމު އިރާގަށް ދަތުރުކުރީ ބަސްރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ގައުމު ބައިވެރިވާ އެކުވެރިކަމުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށެވެ. މި މުބާރާތުގައި މުބާރާތް ބާއްވާ އިރާގުގެ އިތުރުން ވާދަކުރަނީ އިރާނާއި، ފަލަސްތީން އަދި ލެބަނަންއެވެ.

ދަތުރަށް ބުރޫއެރި ނަމަވެސް، އެއްގަމު މަގުން ކުރި ދަތުރަށްފަހު އިރާނު ޓީމު މިހާރު ވަނީ ސަލާމަތްތެރިކަމާއެކު ބަސްރާއަށް ގޮސް މުބާރާތަށް ތައްޔާރުވާން ފަށާފައެވެ.

comment ކޮމެންޓް