އިންޑިއާގެ ބީ ޓީމު އަތުން ބަލިވެ ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ލަދުވެތިގޮތަކަށް ކަޓައިފި

ސާފް ޗެމްޕިއަންޝިޕު 2026 ގައި ވާދަކުރި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު-- ފޮޓޯ: ސާފް

ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފަހު މެޗުގައި އިންޑިއާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެ، މުބާރާތުން ކަޓައިފިއެވެ.

ޑާކާގެ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ބަލިވުމާއެކު، ޖެހިޖެހިގެން ދެވަނަ ފަހަރަށް ރާއްޖެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓާފައިވާއިރު، މިއީ ސާފް މުބާރާތެއްގެ ތާރީހުގައި ރާއްޖެއަށް ލަނޑެއް ނުޖެހި މުބާރާތް ނިމުނު ފުރަތަމަ ފަހަރެވެ.

މި މެޗަށް ނުކުތް އިރު، ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 3-0 އިން ރާއްޖެ އޮތީ ބަލިވެފައެވެ. ސެމީ ފައިނަލްގެ އުއްމީދު އާކުރުމަށް އިންޑިއާއާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ހޯދުން މަޖުބޫރުވެފައި އޮތް ނަމަވެސް، ރާއްޖޭގެ ޓީމަށް ލިބުނު ފުރުސަތުތައް ނުނިންމުމުގެ ސަބަބުން މެޗު ނިމިގެންދިޔައީ އިންޑިއާ ކޮޅަށެވެ.

މެޗުގެ 38 ވަނަ މިނެޓުގައި އިންޑިއާއަށް ލީޑުނަގައިދިނީ ޕެނަލްޓީއަކުން ސުހައިލް އަހުމަދު ބަޓެވެ. މިއީ ރާއްޖޭގެ ޑިފެންޑަރު ހުސައިން ޝިފާއު ޔޫސުފް (ކްރޯ) އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.

މެޗުގެ ދެވަނަ ހާފުގައި ރާއްޖޭން ކުޅުން ރަނގަޅުކޮށް، ކުރިއަށް ޖެހިގެން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. ހާއްސަކޮށް، މެޗުގެ ފަހުކޮޅުގައި އިބްރާހިމް އައިސަމް، ބަދަލަކަށް ކުޅެން ނުކުތް މުޒްދާން ހަސަން އަދި އީތަން އިބްރާހިމް ޒަކީ ފޮނުވާލި ބާރު ހަމަލާތައް އިންޑިއާގެ ކީޕަރު ޕްރިޔާންޝް ޑޫބޭ ވަނީ ހުއްޓުވާފައެވެ.

މިއީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރި 13 ފަހަރުގެ ތެރެއިން އެންމެ ދަށް ނަތީޖާއަކާ އެކު މުބާރާތުން ކެޓި ފަހަރެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓިއިރު، ހެޑްކޯޗު އިސްތަވާން އުރްބާނީގެ ކޯޗުކަމުގައި ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ވެސް ނުދެކޭފަދަ ދަށް ރެކޯޑަކާ އެކު ޓީމު ވަނީ މުބާރާތާ އަލްވަދާއު ކިޔާފައެވެ.

ކުޅުނު ދެ މެޗުންވެސް ބަލިވެ، ލަނޑެއް ނުޖެހި މުބާރާތް ނިންމާލަންޖެހުނު ހަމައެކަނި ޓީމަކީވެސް ރާއްޖެއެވެ.

comment ކޮމެންޓް