އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނު ރާއްޖޭގައި ބާއްވާ ފުރަތަމަ ކޮންސެޓު، 2 ގަޑިއިރު ލަވަކިޔާނެ

އިންޑިއާގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ ކުމާރު ސާނު --

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑުގައި ރަސްކަންކުރި، ގިނަބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ލެޖެންޑަރީ ލަވަކިޔުންތެރިކާ ކުމާރު ސާނު ރާއްޖޭގައި ބާއްވާ ފުރަތަމަ ކޮންސެޓު އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ކޮންސެޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ކޮންސެޓަށް އޭނާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގައެވެ. އަދި ހަތަރުވަނަ ދުވަހުގެ 20:00 ގައި ޝޯ ބޭއްވުމަށް ފަހު އޭނާ އެނބުރި އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވަނީ ފަސްވަނަ ދުވަހުގައެވެ.

މިއީ ކުމާރު ސާނުގެ މަގްބޫލު، ރޮމޭންޓިކް ހިޓު ލަވަތަކާއެކު އޭނާ ރާއްޖޭގައި ބާއްވާ ފުރަތަމަ މިއުޒިކު ޝޯއެވެ. 'ސަން' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކޮންސެޓުގައި އޭނާ ދެ ގަޑިއިރަށްވުރެ ގިނައިރު ލަވަކިޔާނެއެވެ.

އެގޮތުން "ތުޖޭ ދޭކާތޯ ހޭ ޖާނާ ސަނަމް"، "ކިތްނާ ހަސީން ޗެހެރާ"، "އެކް ދިން އާޕް"، "ތޫ މެރީ ޒިންދަގީހޭ"، "ޗުރާކޭ ދިލް މެރާ"، "ހަމްކޮ ސިރްފް ތުމްސެ ޕިޔާރް ހޭ"، ދަޑްކަން ފަދަ ދިވެހީންގެ ތެރޭގައި މަޝްހޫރުވެފައިވާ ރީތި ލަވަތައް ކިޔުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އޭނާގެ ކެރިއަރު ބަދަލުކޮށްލި ފިލްމު އާޝިގީގެ ލަވަތައް ކަމަށްވާ "ދީރޭ ދީރޭ ސޭ މެރެ ޒިންދަގީމެ އާނާ،" "އަބް ތެރެ ބިން ޖީ ލޭންގޭ ހަމް"ގެ އިތުރުން ފިލްމު ބާޒީގަރްގެ "ބާޒީގަރް އޯ ބާޒީގަރް" އަދި "ޔެ ކާލީ ކާލީ އާނކޭ" ފަދަ ދިވެހީންގެ މެދުގައި މަޝްހޫރުވެފައިވާ ލަވަތައް މި ކޮންސެޓުގައި ކިޔުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް އޭނާގެ މަޝްހޫރު ލަވަތައް ކަމަށްވާ، "މެރަ ދިލް ބީ ކިތްނާ ޕާގަލްހޭ" ފަދަ ލަވަތައް މި ކޮންސެޓުން އޭނާގެ އަޑުން އިވިގެންދާނެއެވެ.

ޓިކެޓު ނަގައިގެން ވަދެވޭ މި ކޮންސެޓުގެ ޓިކެޓު ބުކް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ކޮންސެޓުގެ ޖެނެރަލް ޓިކެޓެއް އުޅެނީ 399 ރުފިޔާއަށެވެ. އަދި ވީއައިޕީ ސީޓެއްގެ އަގު އުޅެނީ 1،500 އަށެވެ.

ކުމާރު ސާނުއަކީ ބޮލީވުޑްގެ ތާރީޚުގައި އުފެދުނު އެންމެ މަގުބޫލު އެއް އިންޑިއަން ޕްލޭބެކް ލަވަކިޔުންތެރިޔާއެވެ. ޚާއްސަކޮށް 1990 ގެ އަހަރުތަކުގައި ބޮލީވުޑްގެ މިއުޒިކް އިންޑަސްޓްރީގައި ރަސްކަންކުރި ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދި "ކިންގް އޮފް މެލޮޑީ" އެވެ.

އޭނާ ވަނީ 1993 ވަނަ އަހަރު އެއް ދުވަހެއްގެ ތެރޭގައި 28 ލަވަ ރެކޯޑުކޮށްގެން ދުނިޔޭގެ ރެކޯޑެއްވެސް ހަދާފައެވެ. އަދި ފިލްމު ފެއާ އެވޯޑްސްގައި ޖެހިޖެހިގެން ފަސް ފަހަރު ބެސްޓް މޭލް ޕްލޭބެކް ސިންގާގެ އެވޯޑު ހާސިލްކޮށް އޭނާ ވަނީ ރެކޯޑު ހަދާފައެވެ.

މީގެ އިތުރުން އޭނާއަށް ވަނީ އިންޑިއާ ސަރުކާރުންދޭ ހަތަރުވަނައަށް އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "ޕަދްމާ ޝްރީ" އެވޯޑް 2009 ވަނަ އަހަރު އަރުވާފައެވެ. އޭނާގެ ލޭބަލްވެފައިވަނީ ލޯބީގެ އަދި ހިތާމަވެރި ލަވަތައް ކިޔުމަށެވެ. އޭނާ ވަނީ ޝާހްރުކް ހާން، ސަލްމާން ހާން، އާމިރު ހާން އަދި އަކްޝޭ ކުމާރު ފަދަ ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ފިލްމުތަކަށް ވެސް ލަވަކިޔައިދީފައެވެ.

ކުމާރު ސާނު ވަނީ މިހާތަނަށް އައިރު 25،000 ލަވަ ނެރެފައެވެ. އޭނާ ކިޔާފައި ވަނީ ހަމައެކަނި ހިންދީ ލަވަތައް އެކަންޏެއް ވެސް ނޫނެވެ. އޭނާ ވަނީ ބެންގާލީ، މަރާތީ އަދި ނޭޕާލީ ހިމެނޭގޮތަށް ތަފާތު ގިނަ ބަސްބަހުން ލަވަތައް ކިޔާފައެވެ.

comment ކޮމެންޓް