ފާޑުކިޔުންތަކަށް ޖަވާބުދޭން ފޯނު ބަލާނެ ވަގުތެއް ނުވޭ: ޝްރައްދާ

ބޮލީވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރު--ފޮޓޯ/ހިންދުންސްތާންޓައިމްސް

ބޮލީވުޑްގެ މަޤުބޫލު ބަތަލާ ޝްރައްދާ ކަޕޫރުގެ ކުރިއަށް އޮތް ބައޮގްރަފިކަލް ފިލްމު "އީތާ"ގެ ޓްރެއިލާ އާންމުކުރުމާ އެކު، އޭނާ މަރާޓީ ބަހުރުވައިން ޑައިލޮގް ގެނެސްދީފައިވާ ގޮތަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މަހާރާޝްތުރާގެ ސަގާފީ ލަވަނި އަދި ތަމާޝާ ނެށުމުގެ ރާނީގެ ގޮތުގައި މަޝްހޫރުވި ލެޖެންޑް ވިތާބާއީ ނާރާޔަންގާއޮންކަރުގެ ޙަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ލީޑު ރޯލުން ފެންނަ ޝްރައްދާގެ އެކްސެންޓް ރަނގަޅު ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަހުސްތައް ފެށިފައިވާއިރު، އޭނާ ބުނީ މިފަދަ ފާޑުކިޔުންތަކަށް ސަމާލުކަން ދިނުމަށްވުރެ އަމިއްލަ މަސައްކަތަށް ސަމާލުކަން ދިނުން މާ މުހިންމު ކަމަށެވެ.

ދާދިފަހުން މީސްމީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނާ ވާހަކަދައްކަމުން، އަމާޒުވާ ފާޑުކިޔުންތަކާ ކުރިމަތިލަނީ ކިހިނެއްތޯ ސުވާލުކުރުމުން ޝްރައްދާ ބުނީ ފާޑުކިޔުންތަކާ މެދު އޭނާ އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ. އަމިއްލަ ފޯނަށް އަންނަ ވަޓްސްއެޕް މެސެޖުތައް ވެސް ރަނގަޅަށް ނުބެލޭކަން ފާހަގަކުރަމުން އޭނާ ބުނީ، ވަކި މެނޭޖަރެއް ނުވަތަ އެޖެންސީއެއް ނެތުމުގެ ސަބަބުން ފޯނާ ދުރުގައި އުޅޭތީ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ޝަކުވާ އަބަދުވެސް އޮންނަ ކަމަށެވެ. އަދި އޭނާގެ ހަމައެކަނި ވިސްނުމަކީ ނޭދެވޭ ވާހަކަތަކުން ދުރުވެ، އިތުރަށް ބުރަކޮށް މަސައްކަތްކޮށްގެން ފިލްމީ ދާއިރާގައި ކުރިއަށް ދިއުން ކަމަށް ވެސް ޝްރައްދާ ފާހަގަކުރިއެވެ.

ޝްރައްދާ، ފިލްމު "އީތާ"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

ލަކްޝްމަން އުތޭކަރު ޑައިރެކްޓްކޮށް، ދިނޭޝް ވިޖަން އާއި ލަކްޝްމަން ގުޅިގެން ޕްރޮޑިއުސްކުރާ "އީތާ" އަކީ މަހާރާޝްތުރާގެ ސަގާފީ ތިއޭޓަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެއް ކަމަށްވާ ވިތާބާއީގެ ހަޔާތަށް އަލިއަޅުވާލައި ތައްޔާރުކުރާ ފިލްމެކެވެ. މެޑޮކް ފިލްމްސް އާއި ކަތުޕުތުލީ ކްރިއޭޝަންސް ގުޅިގެން ގެނެސްދޭ މި ފިލްމުގައި މުހައްމަދު ޒީޝާން އައްޔޫބު އަދި ސިދާތު ޖާދަވް މުހިންމު ރޯލުތަކުން ފެނިގެންދާއިރު، މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ މަޝްހޫރު އަޖޭ-އަތުލްއެވެ. މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ފަންނީ އާއިލާއަކަށް ނިސްބަތްވާ، ތަމާޝާ ނެށުމުގެ ރަން ދުވަސްވަރު ސްޓޭޖް ހުނަރުން މުޅި އިންޑިއާ ހައިރާންކޮށްލި ވިތާބާއީ އަކީ އިންޑިއާގެ ރައީސް ދެއްވާ ޝަރަފުވެރި މެޑަލް ދެ ފަހަރެއްގެ މަތިން ހާސިލުކުރި ފަންނާނެކެވެ. "ތަމާޝާ ސަމްރާދިނީ"ގެ ޝަރަފުވެރި ލަގަބު ލިބިފައިވާ މި ފަންނާނުގެ ހަނދާނުގައި މަހާރާޝްތުރާ ސަރުކާރުން ޚާއްސަ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެއް ވެސް ތަޢާރަފުކޮށްފައިވާއިރު، މުޅި ސަގާފީ ފަންނަށް އިންގިލާބެއް ގެނެސްދިން މި ލެޖެންޑް ދުނިޔެ ދޫކުރީ 15 ޖެނުއަރީ 2002ގައެވެ.

comment ކޮމެންޓް