ގޭގަައި އަލިފާނުގެ ހާދިސާއެއް ދިމާވި ކަމަށް ބުނެ ފެތުރި ޚަބަރުތައް ފަރާ ދޮގުކޮށްފި

މަޝްހޫރު ޑައިރެކްޓަރު އަދި ކޮރިއޯގްރާފަރު ފަރާ ޚާން--ފޮޓޯ/އިންޑިއާޓުޑޭ

މުމްބާއީގެ ލޯކަންދްވާލާ ސަރަޙައްދުގައި ހުންނަ އޮބެރޯއީ ސްކައި ހައިޓްސްގައި ދިރިއުޅޭ މަޝްހޫރު ޑައިރެކްޓަރު އަދި ކޮރިއޯގްރާފަރު ފަރާ ޚާންގެ އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

ކިޔުންތެރިންގެ ސަމާލުކަން ހޯދުމުގެ ނިޔަތުގައި ބައެއް އޮންލައިން މީޑިއާތަކުން ފަތުރަމުންދާ މިފަދަ ޙަޤީޤަތާ ޚިލާފު ޚަބަރުތަކަށް ފާޑުކިޔަމުން ފަރާ ބުނީ، މީޑިއާތަކުން ޒިންމާދާރުވާން ޖެހޭ ކަމަށާއި ކްލިކްބެއިޓަކީ ހުރިހާ ކަމެއް ނޫން ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 8 އަދި 9 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވީޑިއޯތަކަކާ ގުޅިގެން ފެތުރުނު މި ޚަބަރުތައް ސާފުކޮށްދެމުން އޭނާ ހާމަކުރި ގޮތުގައި، އެ ވީޑިއޯތަކުން ފެންނަނީ އޭނާގެ ގެއާ އެއްވެސް ގުޅުމެއް ނެތް މަންޒަރުތަކެކެވެ. އެއީ އެ ސަރަޙައްދުގައި ހަދަމުންދިޔަ އިމާރާތެއްގެ ސްކެފޯލްޑިންގައި ހުރި ރައްކާތެރިކަމުގެ ދާގަނޑެއްގައި ރޯވި ކުޑަ އަލިފާންގަނޑެއް ކަމަށާއި، މި ހާދިސާގައި އޭނާގެ އެޕާޓްމަންޓަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ރިޕޯޓުތަކުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ފަރާގެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމަށް ބުނެ މީސްމީޑިއާގައި ދައުރުކުރި ފޮޓޯ--ފޮޓޯ/އިންޑިއާޓުޑޭ

މިފަދަ ވާހަކަތަކެއް ފެންމަތިވެގެން މިދިޔައީ، އިންޑިއާގައި ފާހަގަކުރަމުން އަންނަ ދިވާލީގެ މުނާސަބަތާ ދިމާކޮށް މުމްބާއީގެ އެކި ސަރަޙައްދުތަކުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާތަކެއް ހިނގަމުންދިޔަ ދަނޑިވަޅެއްގައެވެ. އެގޮތުން ދޮންގްރީ، އަންދޭރީ އަދި ވިދިޔާވިހާރުގައި ހިނގި އަލިފާނުގެ ހާދިސާތަކުގައި އެތައް ފިހާރައަކާއި، ގެތަކަކާއި، ގަރާޖެއްގެ އިތުރުން ވިޔަފާރި އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔައެވެ.

ފަރާގެ ފަންނީ މަސައްކަތްތަކަށް ބަލާއިރު، ދާދިފަހުން ނޭހާ ދޫޕިއާ އަދި އަންގަދް ބޭދީއާ އެކު ބޭއްވި އިންޓަވިއުއެއްގައި އޭނާ ވަނީ ޔޫޓިއުބް ދާއިރާއަށް ނުކުތް ސަބަބު ހާމަކޮށްފައެވެ. ކުރިއަށް އޮތް ފިލްމުގެ ސްކްރިޕްޓް މަސައްކަތް ނިންމާލުމަށްފަހު، ޝޫޓިން ފެށެންދެން ލިބުނު ހުސް ވަގުތުތަކުގެ ބޭނުން ހިފުމުގެ ގޮތުން ޔޫޓިއުބް ޗެނަލެއް ފެށި ނަމަވެސް، ޕޮޑްކާސްޓެއް ހެދުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ފަރާ ފާހަގަކުރިއެވެ.

މީގެއިތުރުން، އޭނާގެ އާ ފިލްމުގެ މަސައްކަތް 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު، މި ފިލްމުގެ ލީޑު ރޯލަށް ގެންނަން އޭނާ ބޭނުންވަނީ ކުޅަދާނަ އެކްޓަރު ޝާހްރުކް ޚާންއެވެ. މީގެ ކުރިން "މައި ހޫނާ"، "އޯމް ޝާންތި އޯމް" އަދި "ހެޕީ ނިއު އިޔާ" ފަދަ ކާމިޔާބު ފިލްމުތަކެއް އެކުގައި އުފެއްދި ޝާހްރުކްގެ ވަގުތު ލިބެންދެން މަޑުކުރަން ޖެހުނު ނަމަވެސް، އެ ފިލްމު ހަދަން ބޭނުންވަނީ އޭނާއާ އެކު ކަމަށް ފަރާ ވަނީ ބުނެފައެވެ.

comment ކޮމެންޓް