އަންނަ އަހަރުގެ ބަޖެޓުން ދަރަނި ވަނީ ބޮޑު، އެއީ ދެމެހެއްޓެނިވި މިންވަރެއް ނޫން: ސަރުވަޝް

އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އަންނަ އަހަރުގެ ބަޖެޓުގައި ދަރަނީގެ އަމާޒު ހިފާފަ ހުރީ މިހާރު ހުރީ 114.5 އަށް ވުރެ 117 އިންސައްތަ މަތިން ކަމަށް ސަރުވަޝް ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު އޮތީ މި އަހަރަށްވުރެ ދަރަނީގެ ނިސްބަތް ބޮޑުވާ ގޮތަށް ކަމަށާއީ އެއީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް، އިދިކޮޅު އެމްޑީޕީގެ މެކްރޯ އިކޮނޮމިކް ކޮމިޓީގެ މެންބަރު އަޙުމަދު ސަރުވާޝް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 29ގައި ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވަނީ، އަންނަ އަހަރަށް ދައުލަތުން އެކުލަވާލި ބަޖެޓުގެ ތަފުސީލުތައް ހާމަކުރައްވައިފައެވެ. އަންނަ އަހަރަށް ކަނޑައަޅައިފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން ޒަރީރު ވަނީ، އަންނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި ހުންނާނެކަމަށް އަންދާޒާކުރެވެނީ 117 އިންސައްތައިގައި ކަމަށެވެ. މި އަހަރު އެ އަދަދު އަރާނެ ކަމަށް ލަފާކޮށްފައި އޮތީ 114.5 އިންސައްތައަށް ކަމުން، އެއީ މި އަހަރަށްވުރެ އިތުރު އަދަދެކެވެ.

އެ ބަޖެޓާ ގުޅުވައި، އެމްޑީޕީން މިއަދު ވަނީ "ދަރަނި ބޮޑުވެ، ޚިދުމަތް ކުޑަވާ ބަޖެޓު 2027" ގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަދި ޕެންޝަން ބޯޑުގެ ކުރީގެ މެންބަރު ސަރުވަޝް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން 2029އަށް ބަލާއިރު، އަންނަ އަހަރަށް ހުށަހަޅާފައިވަނީ އެންމެ ޑެފިސިޓް ބޮޑު ބަޖެޓު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތިން އަހަރަށް ބަލާއިރު އެއްވެސް ހަރުދަނާ މާލީ އިސްލާހީ ފިޔަވަޅެއް އަޅަން ސަރުކާރުން ނިންމައިފައިވާ ގަބޫލުނުކުރެވެއެވެ.

ބަޖެޓު ދިރާސާކުރުން: އަންނަ އަހަރުގެ ބަޖެޓުގައި ދަރަނީގެ އަމާޒު ހިފާފަ ހުރީ މިހާރު ހުރީ 114.5 އަށް ވުރެ 117 އިންސައްތަ މަތިން ކަމަށް ސަރުވަޝް ވިދާޅުވި -- ފޮޓޯ/ މަޖިލިސް

މި އަހަރުގެ ބަޖެޓަށް އަލިއަޅުއްވާލައްވަމުން ސަރުވަޝް ވިދާޅުވީ، މި އަހަރުގެ ބަޖެޓުން ކުރަން ބުނި އެއްވެސް ކަމެއް ހާސިލުވެފައިވާ ތަނެއް ނުފެންނަ ކަމަށެވެ. އެގޮތުން ޕީއެސްއައިޕީއަށް ފާސްކުރި 8.3 ބިލިއަން ރުފިޔާގެ ތެރެއިން ޚަރަދު ކުރެވޭނެ ކަމަށް ލަފާކުރެވެނީ 78 އިންސައްތަ ނުވަތަ 6.5 ބިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ތެޔޮ ސަބްސިޑީ ބަޖެޓުކުރި ވަރަށް ވުރެ އިތުރުވެފައިވާ ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަޖެޓުކުރި 4.2 ބިލިއަން ރުފިޔާގެ ޚަރަދު ނިމެނީ 6.9 ބިލިއަން ރުފިޔާއިން ކަމަށް އޭނާ ވިދާޅުވިއެވެ. .

މީގެ އިތުރުން އާމްދަނީ 1.1 ބިލިއަން ރުފިޔާއިން އިތުރުވި ނަމަވެސް، ތަރައްގީގެ ޚަރަދުތައް ކުޑަކޮށް، ސަބްސިޑީއަށާއި ކުންފުނިތަކަށް ކުރާ ޚަރަދު ބޮޑުވެފައިވާކަން ސަރުވަޝް ފާހަގަކުރެއްވިއެވެ.

ފައިނޭންސިން ހޯދުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ދަރަނި އަނބުރާ ދެއްކުމަށްފަހު އިތުރަށް 4.9 ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުން ރޭވި ނަމަވެސް، ބޭރު ފައިސާއިން ހޯދުމުގެ ބަދަލުގައި އަހަރު ނިމެނީ 4.6 ބިލިއަން ރުފިޔާ އިތުރަށް ދައްކައިގެން ކަމަށެވެ. އަދި އެ ދަރަނި ފޫބެއްދުމަށް އެތެރޭގެ މާލީ ބާޒާރުން ތިންގުނަ އިތުރަށް ދަރަނި ނަގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން ޚަރަދުތައް ކޮންޓްރޯލްކޮށް، ފިސްކަލް ޑިސިޕްލިން ގާއިމުކުރުމަށް ފިސްކަލް ޗާޓަރެއް އެކުލަވާލަން ޖެހޭކަން ފާހަގަކުރައްވަމުން ސަރުވަޝް ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ގާނޫނަށް ބަދަލު ގެނެސް މުއްދަތު އިތުރުކުރި ފަހުން ވެސް ފިސްކަލް ޗާޓަރެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މި ސަރުކާރުން ފިސްކަލް އަމާޒުތަކެއް ކުރިއާލައި އިއުލާނުކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ޒަރީރު ބަޖެޓުގެ ތަފުސީލު ދެއްވުން: އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފައިވޭ -- ފޮޓޯ/ މަޖިލިސް

"ފިސްކަލް އަމާޒުތަކެއް ކުރިއާލައި އިއުލާނެއް ނުކުރޭ މި ސަރުކާރަކުން. އެހެން ނަމަވެސް ބަޖެޓު ހަދާފައި ހުރީ ފިސްކަލް އަމާޒުތަކާއި އޮޕަރޭޝަނަލް އަމާޒުތަކާއި ގާނޫނުގައި އޮތް ގޮތަށް ހިމަނައިގެން، އެހެން ނަމަވެސް އެ އަމާޒުތައް ހުރީ، ބަޖެޓުގައި ހުރި މިންވަރާ އަޅާ ބަލާއިރު މަތީގައި. މިސާލަކަށް ދަންނަވާނަމަ އަންނަ އަހަރުގެ ބަޖެޓުގައި ސީދާ ދަރަނީގެ އަމާޒު ހިފާފައި ހުރީ މިހާރު ހުރި 114.5 އިންސައަށް ވުރެ 117 އިންސައްތަ މަތިން،" ސަރުވަޝް ވިދާޅުވިއެވެ.

ދަރަނީގެ ހަގީގީ އަމާޒަކަށް ވާންވާނީ ޚަރަދުތައް ކުޑަކުރުންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިހާރު ބަޖެޓުގައި ހުރި ދަރަނީގެ މިންވަރަކީ ދެމެހެއްޓެނިވި މިންވަރެއް ނޫން ކަމަށެވެ. އަދި ދަރަނި ކުޑަކުރުމުގެ ބަދަލުގައި އަމާޒު މަތިކޮށްފައި އޮތުމަކީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ސަރުވަޝް ސިފަކުރެއްވިއެވެ.

https://sun.mv/229800

ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހެވެ. އެއީ، މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން އުޅޭ ކަމަށް ޚަބަރު ފެތުރިފައި ވަނިކޮށެވެ.

ރާއްޖޭގައި އެތެރެއާއި ބޭރުގެ ދަރަނި އިތުރުވަމުން އަންނަތާ އަހަރުތަކެއް ވެފައިވާއިރު، މި އަހަރު އެކަނި ވެސް ދައުލަތުން 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެއެވެ. އެހެންވެ، މި އަހަރަށް ކަނޑައެޅި ބަޖެޓު ރެކޯޑު 64 ބިލިއަންގެ ރެކޯޑު އަދަދަކަށް އަރާއިރު، އޭގެ ތެރޭގައި ދަރަންޏަށް އެކަނި 12.9 ބިލިއަން ހިމެނެެއެވެ.

comment ކޮމެންޓް