ވަޒީފާ ބަހައިގެން ސޯލިހަށް ވެސް ކާމިޔާބެއް ނުވި، މި ސަރުކާރަކަށް ވެސް ނުވާނެ: ނަޝީދު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު -- ފައިލް ފޮޓޯ: އަދަދު

މި ސަރުކާރުގެ ވިސްނުމަކީ ވަޒީފާތައް ބަހައިގެން ވޯޓު ހޯދުން ކަމަށާއި، ނަމަވެސް އެގޮތަށް ވަޒީފާ ބަހައިގެން މިހާތަނަށް އެއްވެސް ބަޔަކަށް ވަޒީފާ ހޯދިފައި ނުވާ ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ މިސްރާބު ހުރީ ވަޒީފާތައް ދީގެން ވޯޓު ހޯދުމަށް ކަމަށާއި ނަމަވެސް އެއީ ތާރީޚުގައި ވެސް ކަން ހިނގާފައިވާ ގޮތެއް ނޫން ކަމަށެވެ.

މީގެ ކުރިން 2023 ވަނަ އަހަރު އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ރިޔާސީ އިންތިޚާބުގައި ވަޒީފާ ބަހައިގެން ކާމިޔާބު ނުވިކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓާ ދިމާކޮށް ވަޒީފާ ބަހައިގެން ވެސް ވޯޓު ހޯދިފައި ނުވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކުރެވެމުންދާ އިސްރާފު އިންތިހާއަށް ބޮޑު. ސަރުކާރުގެ އުންމީދަކީ މި ދެވޭ ވަޒީފާތަކުގެ ސަބަބުން ސަރުކާރަށް ވޯޓެއް ލިބިދާނެ ކަމުގެ އުންމީދުކޮށްގެން ތިބުން. އެހެންނަމަވެސް ސަރުކާރަށް އެނގިވަޑައިގަންނަވަންވީ ހަގީގަތްތަކެއް އެބަހުރޭ. އެއްވެސް ސަރުކާރަކުން ވަޒީފާ ބަހައިގެނެއް ވޯޓެއް ހޯދިފައެއް ނެތް،" ނަޝީދު ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ 70 އިންސައްތަ ހިއްސާކުރަނީ ރިކަރަންޓު ޚަރަދެވެ. އަދި އަންނަ އަހަރު މުސާރައިގެ ޚަރަދަށް 14.4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، މިއީ މި އަހަރަށް ވުރެ 500 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މީގެ ތެރެއިން މުސާރައަށް 7.9 ބިލިއަން ރުފިޔާ އަދި އިނާޔަތްތަކަށް 6.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބަޖެޓު ފޮތުން ދައްކަކާކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށްރަށުގެ އިންޖީނުގެތަކުގައި މުވައްޒަފުން ތިބީ ހުންނަންޖެހޭ މިންވަރަށް ވުރެ އިތުރަށް ކަމަށް ވިދާޅުވެ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެއް މެގަވަޓް ކަރަންޓު ނުއުފައްދާ އިންޖީނުގެތަކުގައި 50 އެއްހާ މުވައްޒަފުން ތިބޭއިރު، ފަސް މެގަވަޓް ކަރަންޓު އުފައްދާ ރިސޯޓެއްގައި އެ މަސައްކަތަށް ބޭނުންކުރަނީ ފަސް ވަރަކަށް މުވައްޒަފުން ކަމަށް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2027 ވަނަ އަހަރުގެ ބަޖެޓުގެ ތަފުސީލުތަކުން ދައްކާ ގޮތުގައި، ކުރީ ސަރުކާރުގެ ދައުރު ނިމުނު 2023 ގެ ނިޔަލަށް ސަރުކާރުގައި ތިބީ 48،936 މުވައްޒަފުންނެވެ.

ނަމަވެސް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެ އަދަދަށް 6،530 މުވައްޒަފުން އިތުރުވެ، މިހާރު ސަރުކާރު މުވައްޒަފުންގެ އަދަދު 55،466 އަށް އަރާފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ނަޝީދު ވިދާޅުވީ ވޯޓު ހޯދުމުގެ ނިޔަތުގައި ސިޔާސީ ގޮތުން ބަހާ ވަޒީފާއަކީ ދެމެހެއްޓެނިވި ވަޒީފާއެއް ނޫން ކަމަށެވެ. އަދި ހަގީގީ ދެމެހެއްޓެނިވި ވަޒީފާތަކަކީ އިގްތިސޯދީ ފުޅާ ހަރަކާތްތަކެއްގެ ތެރެއިން އުފައްދާ ވަޒީފާތައް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް