ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ޕާސްޕޯޓް ފޮތުގެ ބޭނުން ކެނޑިދާނެތަ؟

ދިވެހިރާއްޖެއިން ބޭރަށް ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުކުރާ ކޮންމެ މީހަކަށްވެސް އެންމެ ބޮޑު ތަކުލީފަކަށް ވެފައި އޮންނަނީ ކުޑަ ޕާސްޕޯޓް ފޮތެއް ހިފައިގެން އިމިގްރޭޝަން ކައުންޓަރުތައް ކައިރީގައި ދިގު ކިއުތަކުގައި ހުންނަން ޖެހުމެވެ. ދަތުރެއްގެ ފެށުމާއި ނިމުމުގައި، އެ ފޮތުގައި ތައްގަނޑު ޖަހަމުން ދިއުމަކީ ޒަމާނީ ދަތުރުފަތުރުގެ ހަލުވި ދުވެއްޔާ ނުބައްދަލު، ވަގުތު ބޭކާރުވާ ކަމެކެވެ. ދުނިޔެ ތަރައްގީވެ، ޓެކްނޮލޮޖީ ކުރިއަރައި ގޮސް، ގައުމުތަކުގެ ބޯޑަރު ކޮންޓްރޯލް ވިއުގަތައް ގުޅި ލާމެހިފައިވާ މި ޒަމާނުގައި، ކަރުދާސް ފޮތަކާ ނުލައި ދަތުރުކުރެވޭނެ ނިޒާމެއް ވުޖޫދަށް އައުމަކީ ހަމައެކަނި ހިޔާލީ ފޮލައެއް ނޫނެވެ. އެއީ ވަރަށް އަވަހަށް އަތުވެދާނެ ކަމެއް ކަމަށް ގަބޫލުކުރަން ޖެހޭ ސަބަބުތައް މިހާރު ދަނީ ފެންނަމުންނެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޕާސްޕޯޓްގެ ބޭނުން ކެނޑިގެންދާނެ ކަމަށް، ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ ތަޖުރިބާކާރުން ލަފާކުރެއެވެ. ދަތުރުވެރިންގެ މޫނުގެ ސިފަތައް ދެނެގަންނަ ބަޔޯމެޓްރިކް ނިޒާމުތަކުން މިހާރުވެސް ބައެއް އެއާޕޯޓްތަކުގައި ބޯޑިން ޕާހުގެ ދައުރު އަދާކުރާއިރު، ދެން އޮތް މަރުހަލާއަކީ ޕާސްޕޯޓް ފޮތް ގޭގައި ބާއްވާފައި ދަތުރުކުރެވޭނެ މަގު ފަހިވުން ކަމަށް އެ ދާއިރާގެ ލަފާކުރުންތަކުން ދައްކައެވެ. މިކަމަށް ބޭނުންވާ ޓެކްނޮލޮޖީ މިހާރުވެސް ވަނީ ތައްޔާރަށެވެ. ގިނަ ދަތުރުވެރިން ޕާސްޕޯޓްގައި އެކި ގައުމުތަކުގެ ތައްގަނޑު ޖަހައި އެއްކުރުމަށް ލޯބިކުރި ނަމަވެސް، ޓެކްނޮލޮޖީގެ ނަޒަރަކުން ބަލާއިރު ވައިގެ މަގުން ދަތުރުކުރުމަށްޓަކައި ކަރުދާސް ފޮތެއް އުފުލަން ޖެހުމަކީ މިހާރު ޒަމާނާ ނުގުޅޭ ބޯދާ ވިސްނުމެއް ކަމަށް އޭވިއޭޝަން ދާއިރާގެ މުހައްލިލުން ފާހަގަކުރެއެވެ.

މި ބަދަލުގެ މައިގަނޑު އަމާޒަކީ އެއާޕޯޓްތަކުގައި ދަތުރުވެރިން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކުރުމެވެ. 2025 ވަނަ އަހަރު އޭވިއޭޝަން ދާއިރާގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، އެ ފަރާތްތަކުގެ އަމާޒަކީ އެއާޕޯޓްތަކުގައި ހުންނަ ދިގު ކިއުތައް އެއްކޮށް ނައްތާލައި، ދަތުރުގެ ހުރިހާ މަރުހަލާއަކީ އެއްވެސް ހުރަހެއް ނެތި ފަސޭހަކަމާއެކު ކުރިއަށްދާ ކަމަކަށް ހެދުމެވެ. ފަސިންޖަރެއްގެ މޫނުގެ ބަޔޯމެޓްރިކް މައުލޫމާތު އެއްފަހަރު ނެގުމަށްފަހު، އެއާޕޯޓްގެ އުމްރާނީ ވަސީލަތްތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުން އެ މީހަކު ދެނެގަނެ، ތަކުރާރުކޮށް ލިޔެކިޔުންތައް ދައްކަންޖެހޭ ޖެހުން މަދުކުރުމަކީ މި ޒަމާނީ ތަސައްވުރުގެ މައިގަނޑު ބިންގަލެވެ.

މީހަކު އީ ގޭޓް ބޭނުން ކުރަނީ-- ފޮޓޯ: އޭއައި

މިއީ ހަމައެކަނި ކަރުދާހުގައި ލިޔެވިފައިވާ ތަސައްވުރެއް ނޫންކަން މާ ދުރުނޫން މަންޒިލަކުން ނަގާނަމެވެ. ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓްގެ އަމަލީ ތަޖުރިބާއިން ވަރަށް ސާފުކޮށް މި ފަސޭހަ ވަނީ ފރންނާން ފަށާފައެވެ. އެ އެއާޕޯޓްގެ ޓާމިނަލް 3 ގައި މިހާރުވެސް 200 އަށް ވުރެ ގިނަ ބަޔޯމެޓްރިކް ކެމެރާ ވަނީ ހަރުކޮށްފައެވެ. ދުބާއީގެ އިމިގްރޭޝަން އިދާރާއާ ގުޅިގެން ތައާރަފުކޮށްފައިވާ މި ނިޒާމުގެ ދަށުން، ރަޖިސްޓްރީވެފައިވާ ފަސިންޖަރުންނަށް ޗެކް-އިން ކުރުމުގައާއި، އިމިގްރޭޝަން ފުރިހަމަކުރުމުގައާއި، ލައުންޖުތަކަށް ވަނުމުގެ އިތުރުން ބޯޓަށް އެރުމުގައިވެސް މޫނު ދެނެގަންނަ ޓެކްނޮލޮޖީ ބޭނުންކުރެވެއެވެ. ދުބާއީގެ ޗެކް-އިން ޑެސްކުތަކުން ފަސިންޖަރުންނަށް މި ނިޒާމުގައި ރަޖިސްޓްރީ ކުރެވޭއިރު، ބައެއް ޑިޕާޗާ ގޭޓުތަކުން ބަޔޯމެޓްރިކް ބޯޑިންގެ ހިދުމަތް މިހާރުވެސް ދަނީ ފޯރުކޮށްދެމުންނެވެ.

ލިޔެކިޔުންތައް ޗެކްކުރުން މަދުކުރުމަށް ދުބާއީން ފެށި މަސައްކަތަކީ މިއަދަކު ފެށި ކަމެއް ނޫނެވެ. 2019 ވަނަ އަހަރުން ފެށިގެން ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ރެސިޑެންސީ އެންޑް ފޮރިން އެފެއާޒް (ޖީޑީއާރްއެފްއޭ) ގައި ބަޔޯމެޓްރިކް މައުލޫމާތު ރަޖިސްޓްރީކޮށްފައިވާ ޔޫއޭއީގެ ރައްޔިތުންނާއި، އެ ގައުމުގައި ދިރިއުޅޭ މީހުންނާއި، ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޕާސްޕޯޓް ނުވަތަ އައިޑީ ކާޑު ދެއްކުމަކާ ނުލައި، މޫނާއި ލޮލުގެ ކަޅި ދެނެގަންނަ ނިޒާމު މެދުވެރިކޮށް އެއާޕޯޓްގެ އިޖުރާއަތްތައް ފުރިހަމަކުރެވެއެވެ. ކުރިއަށް އޮތް ދަތުރުތަކަށް ބޭނުންކުރުމަށްޓަކައި މި ބަޔޯމެޓްރިކް މައުލޫމާތު ރައްކާކުރެވޭއިރު، ފުރާ މީހުންގެ ޕާސްޕޯޓްގައި އެގްޒިޓް ތައްގަނޑު ނުޖަހައި ޕާސްޕޯޓް ކޮންޓްރޯލް ފުރިހަމަކުރުމުގެ ފުރުސަތުވެސް އޮވެއެވެ. އަދި ތައްގަނޑު ޖަހަން ލާޒިމުކުރާ ގައުމަކަށް ދަތުރުކުރާ މީހެއް ނަމަ، އޮފިސަރެއްގެ ގާތަށް ގޮސްގެން ތައްގަނޑު ޖެހޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މިހާރުވެސް ދުބާއީގެ ރެޑް ކާޕެޓް ބަޔޯމެޓްރިކް ކްލިއަރެންސް ކޮރިޑޯގެ ތެރެއިން ފަސިންޖަރުން ހިނގާލާފައި ދާއިރު، ޕާސްޕޯޓް ނުވަތަ ބޯޑިން ޕާސް ދައްކާކަށް ނުޖެހެއެވެ. ބަޔޯމެޓްރިކްސް އާއި އޭއައިގެ ޒަރިއްޔާއިން ހުރިހާ މައުލޫމާތެއް ދެނެގަނެ، ފަސިންޖަރަށް އެއްވެސް ތަކުލީފެއް ކުރިމަތި ނުކުރުވައެވެ. މީގެ އިތުރުން، މިދިޔަ ސެޕްޓެންބަރު މަހު ދުބާއީން ވަނީ ކްލިކް އެންޑް ޓްރެވަލްގެ ނަމުގައި މޯބައިލް ޕާސްޕޯޓް ކޮންޓްރޯލް ހިދުމަތެއްވެސް ތައާރަފުކޮށްފައެވެ. އެއާޕޯޓަށް ބާރުބޮޑުވާ ވަގުތުތަކުގައާއި ކިއުތައް ދިގުވާ ހާލަތްތަކުގައި، ގުޅާލެވިފައިވާ މޯބައިލް އާލާތްތަކާއި ބަޔޯމެޓްރިކް ވެރިފިކޭޝަން ބޭނުންކޮށްގެން ފަސިންޖަރުން ތިބޭ ތަނަށް ގޮސް އިޖުރާއަތްތައް ފުރިހަމަކޮށްދިނުމުގެ ގާބިލުކަން މި ހިދުމަތުގެ ސަބަބުން އޮފިސަރުންނަށް ލިބިގެންދެއެވެ.

މި ފަދަ ޓެކްނޮލޮޖީގެ ފަސޭހަތައް ތަޖުރިބާކުރަމުންދާއިރު، އަޅުގަނޑުމެން ދިވެހި ދަތުރުވެރިންގެ ނަޒަރުންވެސް މިއީ ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ. ދިވެހި ބައެއް ދަތުރުވެރިންނަށް އީ-ގޭޓްގެ ފަސޭހަކަން މިހާރުވެސް ލިބެއެވެ. ޕާސްޕޯޓުގައި ތައްގަނޑުޖަހަން ނުޖެހި ސްކޭންކޮށްލައިގެން ފުރުމާއި އެނބުރި ގައުމަށް އައުމުގެ ފަސޭހަ އިހުސާސްކުރެވެއެވެ. މިގޮތަށް ބައެއް ގައުމުތަކުން މި ފަހަކަށް އައިސް އީ-ގޭޓްތައް ތައާރަފުކޮށް، ޕާސްޕޯޓާއި ބޯޑިން ޕާސް ސްކޭންކޮށްލައިގެން ފަސޭހައިން ކުރިއަށް ދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އަދި ރާއްޖޭގައި މިހާރުވެސް ޕާސްޕޯޓް ކާޑު ތައާރަފުކޮށްފައި އޮތުމަކީ ޒަމާނީ ދަތުރުފަތުރަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ނަމަވެސް، ބައިނަލްއަގުވާމީ ދަތުރުތަކުގައި ދުނިޔޭގެ ހުރިހާ ގައުމަކުންވެސް އެއް ހަމައަކުން ގަބޫލުކުރާ ރަސްމީ ވަސީލަތަކީ އަދިވެސް ހަމަ ކަރުދާސް ޕާސްޕޯޓް ފޮތެވެ.

އެއާޕޯޓްތަކުގެ އެތެރޭގައި ބަޔޯމެޓްރިކް ކެމެރާތަކުން ކިތަންމެ ބޮޑު ލުޔެއް ދިން ނަމަވެސް، އެ ނިޒާމުގެ ފުރަތަމަ މަރުހަލާގައި އަދިވެސް ޕާސްޕޯޓް ފޮތުގެ ބޭނުން ޖެހެއެވެ. ބަޔޯމެޓްރިކް ނިޒާމުގައި ރަޖިސްޓްރީވުމަށްޓަކައި ޕާސްޕޯޓްގެ މައުލޫމާތު ކަށަވަރުކުރުމާއި، ފޮޓޯ ނެގުމާއި، ބަޔޯމެޓްރިކް މައުލޫމާތު ބޭނުންކުރުމުގެ ހުއްދަ ދިނުން ލާޒިމުވެއެވެ. އެހެންކަމުން، އެއާޕޯޓްގެ އެކި މަރުހަލާތަކުގައި ޕާސްޕޯޓް ދަބަސް ތެރޭގައި ބޭއްވުނު ކަމުގައި ވިޔަސް، ދަތުރުވެރިޔާއަކީ ކާކުކަން ފުރަތަމަ ސާބިތުކޮށްދިނުމުގައި ޕާސްޕޯޓް ފޮތް އަދިވެސް ދައުރެއް އަދާކުރާކަމީ ދަތުރުވެރިން ފާހަގަކުރާ ހަގީގަތެކެވެ.

މިކަމުން ދޭހަވަނީ އެއް ގައުމެއްގެ އެއާޕޯޓެއްގެ އެތެރޭގައި ލިޔެކިޔުން ނުދައްކައި އުޅެވުމާއި، މުޅި ބައިނަލްއަގުވާމީ ދަތުރުގައި ޕާސްޕޯޓް ފޮތް އެއްކޮށް ދޫކޮށްލުމާ ދެމެދު އަދިވެސް ފަރަގެއް އެބައޮތް ކަމެވެ. ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގެ ރައްޔިތުން އަވަށްޓެރި ގައުމުތަކަށާއި ދުރު މަންޒިލްތަކަށް ދަތުރުކުރާއިރު، އެއް ބޯޑަރުން އަނެއް ބޯޑަރަށް ހުރަސްކުރުމުގައި އަދިވެސް ބަރޯސާވާން ޖެހެނީ ޕާސްޕޯޓް ފޮތަށެވެ. އެ ފޮތުގައި ތައްގަނޑު ޖެހުމުގެ ސަގާފަތް މުޅިން ނިމުމަކަށް ގެނެވޭނީ ހުރިހާ ގައުމުތަކެއްގެ ސިޔާސަތުތަކަށް އެއްފަހަރާ ބަދަލު އައިސްގެންނެވެ.

ޕާސްޕޯޓާ ނުލައި ދަތުރުކުރުމުގެ އުއްމީދަކީ ރަސްމީކޮށް އިއުލާންކޮށްފައިވާ ތާރީހަކަށް ވުރެ ބޮޑަށް، ބައިނަލްއަގުވާމީ އެއްބާރުލުމަށް ބަރޯސާވެފައި އޮތް ކަމެކެވެ. އޭވިއޭޝަން ސިނާއަތުގެ ދިރާސާތަކުން ފާހަގަކުރާ ގޮތުގައި، މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކި ގައުމުތަކުގެ ސަރުކާރުތަކާއި، އެއާލައިންތަކާއި، އެއާޕޯޓްތަކުގެ ނިޒާމުތައް އެއް ވިއުގައަކުން ގުޅާލައި، ބޯޑަރުތައް ހުރަސްކުރާއިރު ޑިޖިޓަލް އައިޑެންޓިޓީ ބަލައިގަންނާނެ އެއް މިންގަނޑުތަކަކަށް އެއްބަސްވުމެވެ. އެއާޕޯޓެއްގެ ތެރޭގައި ޕާސްޕޯޓް ނުދައްކައި ހިނގާލާފައި ދިއުމުގެ މަރުހަލާއިން ފެށިގެން، ޕާސްޕޯޓް މުޅިން ގޭގައި ބާއްވާފައި ބައިނަލްއަގުވާމީ ދަތުރެއް ފުރިހަމަކުރުމުގެ ހަރުފަތަށް ދެވޭނީ މި ގުޅުން ގާއިމުކުރެވިގެންނެވެ.

އޭވިއޭޝަން ސިނާއަތުގެ ފަރާތްތަކުން މިހާތަނަށް ދީފައިވާ ވަޒަންކުރުންތަކަށް ބަލާއިރު، މި ޑިޖިޓަލް އައިޑެންޓިޓީއަކީ ހަމައެކަނި އެއާޕޯޓްގެ ޓާމިނަލާ ހަމައަށް ހުދޫދުވެފައި އޮންނާނެ އެއްޗެއް ނޫނެވެ. ބޯޑަރު ކްލިއަރެންސް ފުރިހަމަކުރުމަށްފަހު، ކުއްޔަށް ދުއްވާ ކާރެއް ނެގުމާއި، ހޮޓަލަށް ޗެކް-އިން ވުމުގައިވެސް ހަމަ އެ އެއް ޑިޖިޓަލް އައިޑެންޓިޓީ ދަތުރުވެރިޔާއާއެކު ބޭނުންކުރެވިދާނެ ކަމަށް އެ ފަރާތްތަކުން ދެކެއެވެ. އެހެން ނަމަވެސް، މި ބަދަލަށް ގައުމުތަކުން އަމަލުކުރާނީ އެކި ދުވެލީގައި ކަމަށް އެ ދާއިރާއިން އެއްބަސްވެއެވެ.

މި ތަޖުރިބާ ހުރިހާ މަންޒިލްތަކެއްގައި ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ސަރުކާރުތަކާއެކު ވަރަށް ގާތުން މަސައްކަތްކުރަން ޖެހޭ ކަމަށް އޭވިއޭޝަން ދާއިރާގެ ފަރާތްތަކުން ބަޔާންކުރެއެވެ. އޭރުން ދަތުރުވެރިން އެ މީހުންނަކީ ކޮން ބައެއްކަން ސާބިތުކޮށްދިނުމަށް ހޭދަކުރާ ވަގުތު މަދުވެ، ދަތުރުގެ އުފާ ހާސިލުކުރުމަށް ގިނަ ވަގުތު ލިބިގެންދާނެއެވެ. ކޮންމެ ޕާސްޕޯޓެއްގައިވެސް މުއްދަތު ހަމަވާ ތާރީހެއް އޮންނަ ފަދައިން، ޕާސްޕޯޓް ފޮތް އުފުލަން ޖެހޭ ޖެހުމަށްވެސް ނިމުމެއް އަންނާނެ ތާރީހެއް އޮންނާނެ ކަމަށް އެ ސިނާއަތުގެ މާހިރުން ގަބޫލުކުރެއެވެ. ނަމަވެސް ގައުމުތަކުގެ ސިޔާދަތީ ރައްކާތެރިކަމާއި ޑޭޓާ ހިއްސާކުރުމުގެ ހައްސާސް މައްސަލަތަކަކީ މި ފަސް އަހަރުގެ ތާވަލަށް އެޅިދާނެ އެންމެ ބޮޑު ހުރަހެވެ.

ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމު މި ދަތުރުކުރަނީ ކަރުދާހުން ޑިޖިޓަލް ޒަމާނަކަށް ކަމަށްވާއިރު، އަޅުގަނޑުމެން ތިބެންވީ އެހެން ގައުމުތަކުން ގޮތެއް ނިންމާނެ ދުވަހެއްގެ އިންތިޒާރުގައި ހަމައެކަނި ބަލަހައްޓައިގެންނެއް ނޫނެވެ. ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އަދި ދަތުރުފަތުރުކުރުމަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ގައުމެއްގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ ބޯޑަރު ކޮންޓްރޯލް އުމްރާނީ ވަސީލަތްތަކާއި ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމުތައް ބައިނަލްއަގުވާމީ ވިއުގަތަކާ ގުޅާލެވޭނެ ފެންވަރަށް މިހާރުން ފެށިގެން ތައްޔާރުކުރަން ޖެހެއެވެ.

ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭގައި ޕާސްޕޯޓް ފޮތް ތާރީހުގެ ތެރެއަށް ވަދެގެންދާއިރު، ދިވެހި ދަތުރުވެރިންނަށާއި އަޅުގަނޑުމެންގެ ދޮރާށިތަކަށް އަންނަ މެހެމާނުންނަށް އެ ލުއިފަސޭހަކަން އެންމެ ފުރަތަމަ ފޯރުކޮށްދޭ ގައުމުތަކުގެ ސަފުގައި ހިމެނުމަށްޓަކައި، ގައުމީ ފެންވަރުގައި ބަޔޯމެޓްރިކް ބޯޑަރު ސިޔާސަތުތައް އެކުލަވާލައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ނިޒާމުތައް ބައްޓަންކުރުމުގެ މަސައްކަތް، ކަމާބެހޭ އިދާރާތަކުން މިހާރުވެސް ކުރިއަށް ގެންދަވާނެކަމަށް ގަބޫލުކުރެވެއެވެ.

comment ކޮމެންޓް