މަރުގެ އަދަބު ދޭން ޖެހޭނީ ހަމައެކަނި ދަންޖައްސައިގެން ކަމަށް ހިމަނައި، މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލެއް ސަރުކާރު ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދު ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ވަނީ ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ އުސޫލުތަކާއި އާންމުންނާއި ކުށްވެރިންގެ ހައްގުތަކަށް ރިއާޔަތްކޮށް، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތު ބަޔާންކުރާ އޮނިގަނޑެއް ތައާރަފްކުރުން ކަމަށެވެ.
މި ބިލުގައިވަނީ، ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ދަށު ކޯޓަކުން ހުކުމްކޮށްފިނަމަ އެ ހުކުމުގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގިގޮތް މަތީ ކޯޓަކުން ބަލަން ވާނެ ކަމަށެވެ.
މަރުގެ އަދަބު ކަނޑައަޅަންވާނީ ގާނޫނަކުން ގާއިމުކޮށްފައިވާ މިނިވަން އަދި މުސްތަގިއްލު ކޯޓެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ އަޑުއެހުމެއްގައި ހާމަކަމާއެކު ޝަރީއަތްކުރުމަށްފަހު ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލުގައިވަނީ، ކުށްވެރިޔާގެ މައްޗަށް ސުޕްރީމް ކޯޓުން މަރުގެ އަދަބު ކަނޑައެޅުމުގެ ކުރިން ޝަރީއަތް ހިނގިގޮތް ބަލަންޖެހޭ ގޮތަށް ލާޒިމްކޮށްފައެވެ.
މި ބިލުގައި ވަނީ، ކުށްވެރިޔާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭނެ ކަމަށް ވެސް ބުނެފައެވެ.
ބިލުގައި އޮތް ގޮތުން، މަރުގެ އަދަބު ކަނޑައެޅޭނީ މަރައިލި މީހާގެ ހުރިހާ ވާރިސުން އެކަމަށް ކޯޓުގައި އެއްބަސްވާނަމައެވެ.
މީގެ އިތުރުން، މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރެވޭ ހާލަތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި، ކުށްވެރިޔާ ބަލިވެ އިނދެއްޖެނަމަ، އޭނާ ވިހައި ގަދަވެ، ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން، ނުވަތަ އަދަބު މުރާޖައާކުރަން ކުށްވެރިޔާގެ ފަރާތުން ހުށަހަޅައިފައިވާ ނަމަ ކޯޓުން ގޮތެއް ކަނޑައަޅަންދެން، ނުވަތަ މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަންދެން، ނުވަތަ ކުށްވެރިޔާގެ ނަފުސާނީ އަދި ޖިސްމާނީ ސިއްހަތު އެކަށީގެންވާ މިންވަރަށް ވުރެ ދަށްވެފައިވާ ނަމަ ރަނގަޅުވަންދެން މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކުރެވޭނެއެވެ.
ބިލުގައިވާ ގޮތުން، މަރުގެ އަދަބު ތަންފީޒުކުރެވޭނީ ދަންޖައްސައިގެންނެވެ.
ހަމަ އެހެންމެ ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާ މަންޒަރު އާންމުކޮށް ފެންނާނެ ފަދަ ތަނެއްގައި ތަންފީޒުކުރުން މި ބިލުން މަނާވާނެއެވެ. އަދި މަރުގެ އަދަބު ތަންފީޒުކުރާ މަންޒަރާއި އަޑު އެއްވެސް ސިފައެއްގައި ރެކޯޑުކޮށް އާންމުކުރުން ވެސް މަނާވާނެއެވެ.
މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ޕެނަލެއް އެކުލަވައިލަންޖެހޭނެ ކަމަށް މި ބިލުގައިވެއެވެ. ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ޕެނަލުގައި ހިމެނެނީ ޖަލު ކޮމިޝަނަރު އައްޔަންކުރާ ކަރެކްޝަންސްގެ އޮފިސަރަކާއި ފުލުހުންގެ ކޮމިޝަނަރު އައްޔަންކުރާ ފުލުހަކާއި ޕްރޮސެކިއުޓަރު ޖެނެރަލް އައްޔަންކުރާ ޕްރޮސެކިއުޓަރަކާއި މަޖިލީހުން ކަނޑައަޅާ މެންބަރަކާއި މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ކަނޑައަޅާ ޑޮކްޓަރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ ފަރާތަކާއި ފަތުވާ މަޖިލީހުން ކަނޑައަޅާ ދީނީ އިލްމުވެރިއެކެވެ.
މަރުގެ އަދަބު ތަންފީޒުކުރުމުގެ 72 ގަޑިއިރުކުރިން އެކަށް ކުށްވެރިޔާއަށާއި އޭނާގެ އާއިލާއަށާއި ގާނޫނީ ވަކީލަށާއި ކަރެކްޝަންސްއަށާއި މަރައިލި މީހާގެ ވާރިސުންނަށް އަންގަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ޓަކައި، އެކަމަށް ޚާއްސަ ގާނޫނެއް އެކުލަވައިލުމަށް ޓަކައި ބަންޑާރަ ނައިބުގެ އޮފީހުން ޚާއްސަ ބިލެއް ޑްރާފްޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ މާރިޗު މަހެވެ.
މާރިޗު މަހުގެ 23ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމަށް ޓަކައި ހުރިހާ މަރުހަލާއެއް ފުރިހަމަވެފައި ތިބި މީހުން އެބަތިބި ކަމަށެވެ. އެ ފަދަ ފަރާތްތަކަށް އެ އަދަބު ތަންފީޒުނުކުރުވައި މަޑު ޖެއްސުމަކީ އެ މަނިކުފާނަށް އޮތް ބާރެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ނަމަވެސް މަރުގެ އަދަބު ތަންފީޒުކުރަންވާނީ ގަވައިދެއްގެ ދަށުން ނޫން ކަމަށާއި، އެއީ އެކަމަށް ޚާއްސަ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވިއިރު ވެސް މަރުގެ އަދަބު ރާއްޖޭގައި ތަންފީޒު ކުރުމަށް މަސައްކަތްތަކެއް ކުރެއްވެވިއެވެ. އެގޮތުން އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމަށް ޚާއްސަ ތަނެއް ވެސް ހެދިއެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގައި އަދި އޮތީ އެ ހުކުމް ތަންފީޒު ނުކޮށެވެ. މަރަން ހުކުމް ކުރާ މީހުން ތިބެނީ އުމުރު ދުވަހަށް ޖަލު ބަންދުގައެވެ.