އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓު، ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ނިންމުމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު އޮތް ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވީ، މި މަހު 19އަށް ބަޖެޓު ދިރާސާކޮށް ނިންމުމަށެވެ. އެ ހުށަހެޅުމަށް ތާއިދުކުރެއްވީ، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާނެވެ.
އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، ބައިވެރިވި މެންބަރުންގެ އިއްތިފާގުން ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.
އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައި ވަނީ، 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ، މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު، ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.
ބަޖެޓުގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ދައުލަތް ހިންގުމަށް ކުރާ ހޭދަ ނުވަތަ ރިކަރަންޓު ޚަރަދުތައް އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
އެގޮތުން އަންނަ އަހަރު ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.
މި އަހަރުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަން ކުރައްވަނީ، މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމެވެ. އަދި، އަދި ނައިބު މުގައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދެވެ.