އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަމަށް މަޖިލީހުގެ ނައިބު ރައީސް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް، އަދި ނައިބު މުގައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު އައްޔަންކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމާއި، އިގްތިސޯދީ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ފަޒާދު އައްޔަންކުރަން ބަޖެޓު ކޮމިޓީން ނިންމީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ދެ ބޭފުޅުންގެ ނަންތައް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސްއެވެ. ތާއީދުކުރެއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުﷲ ޝަރީފެވެ.
ސަލީމާއި ފަޒާދު ފިޔަވައި އިތުރު ބޭފުޅެއްގެ ނަމެއް ކޮމިޓީގެ މުގައްރިރުކަމަށް ވެސް އަދި ނައިބު ކަމަށް ވެސް ހުށައެއްނާޅައެވެ.
މި އަހަރުގެ ބަޖެޓު ދިރާސާކުރަން މިދިޔަ އަހަރު އެކުލަވައިލި ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވީ ސަލީމެވެ. އަދި އެ ފަހަރު އެ ކޮމިޓީގެ ނައިބު މުގައްރިރަކީ ވެސް ފަޒާދެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ކުރިއަށް ދާތީ ކޮމިޓީގެ ބައްދަލުވުން ވަނީ ނިންމައިލައިފައެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު، ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.
ބަޖެޓުގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ދައުލަތް ހިންގުމަށް ކުރާ ހޭދަ ނުވަތަ ރިކަރަންޓު ޚަރަދުތައް އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
އެގޮތުން އަންނަ އަހަރު ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. އެއީ މި އަހަރަށް ލަފާކުރި 42.5 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 0.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެެވެ. މިދިޔަ އަހަރު ރިކަރަންޓް ޚަރަދަށް 37.4 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި އަންނަ އަހަރު އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅައިފައިވާ ދާއިރާއަކީ ސިއްހީ ދާއިރާއެވެ. އެގޮތުން އެ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
މި އަހަރު ވެސް ދައުލަތުގެ ބަޖެޓަށް ބަހުސްކުރަން ކޮންމެ މެންބަރަކަށް 15 މިނެޓުގެ ފުރުސަތެއް އަރުވަން ފެންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމައިފައެވެ.