ކުރީ ސަރުކާރުގެ ފަހު 3 އަހަރަށްވުރެ 80 އިންސައްތަ އިތުރަށް ޑޮލަރު ދޫކޮށްފައިވާނެ: ސައީދު

އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި މިނިސްޓަރު ސަޢީދު ޖަވާބުދެއްވަނީ: ވިދާޅުވީ މި ސަރުކާރުން 80 އިންސައްތަ އިތުރަށް ޑޮލަރު ދޫކުރި ކަމަށް --- ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފަހު ތިން އަހަރާ އަޅާ ބަލާއިރު، މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ތެރޭ 80 އިންސައްތަ އިތުރަށް ރަސްމީ ރޭޓުގައި އެކި ބޭނުންތަކަށް ޑޮލަރު ދޫކޮށްފައިވާ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީން ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދެއްވަމުން ސަޢީދު ވިދާޅުވީ ޞާލިޙްގެ ސަރުކާރުގައި ޓެލެގްރާފިކް ޓްރާންސްފާ (ޓީޓީ)އަށާއި ކާޑާއި އީކޮމާސްއާއި ބޭރަށް ދަތުރުކުރުން ފަދަ ކަންކަމަށް 2021ވަނަ އަހަރު އެކަނި ވެސް 253.8 މިލިއަން ޑޮލަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކުރި ކަމަށެވެ.

https://sun.mv/225427

އެއަށްފަހު އައި 2022ވަނަ އަހަރު 379.2 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށާއި ނޮވެންބަރު 17، 2023ގެ ނިޔަލަށް 442.6 މިލިއަން ޑޮލަރު ދޫކުރި ކަމަށް ސަޢީދު ވިދާޅުވިއެވެ.

"މި ތިން އަހަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ [ވެރިކަމުގެ] ތިން އަހަރުގައި ގާތްގަނޑަކަށް 1.75 [ބިލިއަން]، ނުވަތަ 1،075 މިލިއަން ޑޮލަރު އެބަހުރި ބޭންކް އޮފް މޯލްޑިވްސްއިން [ރަސްމީ] ރޭޓުގައި ދޫކޮށްފައި،" ސަޢީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި 2024ވަނަ އަހަރު 486.5 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. އެއަށްފަހު އައި 2025ވަނަ އަހަރު 733.8 މިލިއަން ޑޮލަރު ދޫކުރިއިރު މި އަހަރުގެ މިހާތަނަށް 718.5 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ.

"ޖުމުލަ 1.9 ބިލިއަން ޑޮލަރު، 1،942.5 މިލިއަން އެމެރިކާ ޑޮލަރު މި ސަރުކާރުން ދީފައި އެބައޮތް، މީގެ މާނައަކީ 80 ޕަސެންޓުގެ އިތުރުވުމެއް މި އޮތީ އައިސްފައި،" ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ރާއްޖެއަށް ލިބޭ ބޭރުފައިސާގެ 40 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ސަރުކާރުން ހެދީ އެމްޑީޕީ ސަރުކާރުން ގެނެސްދިން "ނާމާން މަލަމަތީ"ގެ ސަބަބުން ކަމަށެވެ.

"ކޮބައިތޯ ބޭނުމަކީ؟ ބޭނުމަކީ އެމްޑީޕީ ސަރުކާރުގައި މަލަމަތި އޮތީ ދަރާ ގޮތަށް، ރާއްޖެ ބަނގުރޫޓުވާ ގޮތަށް، އެއީ އެމްޑީޕީން ގެނެސްދީފައި އޮތް ނާމާން މަލަމައްޗަކީ، އެ މަލަމަތި ބަދަލުކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަމަކީ ރާއްޖޭގެ އިކޮނޮމީގެ ސެންޓްރަލް ޕިލާ ކަމަށް ވާތީ އެ ސެކްޓާއިން ލިބޭ ޑޮލަރު ރާއްޖޭގައި ރިޓެއިންކުރުމަށްޓަކައި 20 ޕަސެންޓަށް ބޮޑުވެ 40 ޕަސެންޓަށް ބޮޑުކޮށްގެން އެ ދިޔައީ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އިގުތިޞާދީ އިސްލާހުތައް ގެނައުމަށް އެދެވޭ އެއްވެސް ސިޔާސަތެއް ސަޢީދުގެ ވަޒީރުކަމުގައި ތަންފީޒުކޮށްފައި ނެތް ކަމަށް އެމްޑީޕީން ބުނެފައި އޮތް އޮތުން ހަގީގަތާ ޚިލާފު ކަމަށް، އޭނާ ވިދާޅުވިއެވެ.

https://sun.mv/225829

ފާހަގަކުރެވޭ ގޮތުގައި ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އޭނާ ޖަވާބުދާރީވެވަޑައިގަތުމަށް އާންމު ކޮމިޓީން ދިނީ އެއް ގަޑިއިރެވެ. ސަޢީދު ވަނީ އެ އެއް ގަޑިއިރު އެއްކޮށް ބޭނުންކުރައްވައިފައެވެ.

comment ކޮމެންޓް