ސަޕޯޓަރުންގެ ސިޓީތަކަށް ޖަވާބު ނުދެވި ލަސްވާތީ އަމީތާބް މައާފަށް އެދިއްޖެ

އިންޑިއާގެ އެކްޓަރު އަމީތާބް ބައްޗަން--ފޮޓޯ/ހިންދުންސްތާންޓައިމްސް

ސަޕޯޓަރުން ފޮނުވި މެސެޖުތަކާއި ސިޓީތަކަށް ވަގުތުން ޖަވާބު ނުދެވި ލަސްވަމުންދާތީ، އިންޑިއާގެ ތަޖުރިބާކާރު އެކްޓަރު ލެޖެންޑް އަމީތާބް ބައްޗަން އެކަމުގެ ހިތާމަ ފާޅުކޮށް ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިއްޖެއެވެ.

އެއްޗެހި ލިޔާއިރު އަތުގައި ރިއްސައި، އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހުމުގެ ސަބަބުން މިފަދަ ދަތިކަމެއް ކުރިމަތިވި ކަމަށް އޭނާ ހާމަކުރީ އިންޑިއާގައި ފާހަގަކުރާ ދިވާލީގެ މުނާސަބަތުގައި ސަޕޯޓަރުންނަށް ހެޔޮއެދުންތައް ފޮނުވަމުން، އޭނާގެ އަމިއްލަ ބްލޮގުގައި އިއްޔެ ޝާއިއުކުރި ޚާއްޞަ ލިޔުމެއްގައެވެ.

އުމުރުން 83 އަހަރުގެ އެކްޓަރު ދިވާލީގެ ހެޔޮއެދުންތަކާއި ދުޅަހެޔޮކަމުގެ ދުއާތައް ފޮނުވުމުގެ އިތުރުން، ސަޕޯޓަރުންގެ ފަރާތުން އޮހެމުންދާ ލޯތްބާއި ކުލުނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ. އެގޮތުން އޭނާއަށް ލިބެމުންދާ ހަދިޔާތަކާއި ތަހުނިޔާގެ މެސެޖުތައް އިންތިހާއަށް ގިނަވުމުގެ ސަބަބުން، މިހާރު ގޭގައި އެ ތަކެތި ބަހައްޓާނެ ޖާގަވެސް ފުރިފައިވާ ކަމަށް އަމީތާބް ފާހަގަކުރިއެވެ. އަދި އެފަދަ އަގުހުރި ހަދިޔާތައް ރަނގަޅަށް ރައްކާނުކޮށް ބެހެއްޓުމަކީ ފޮނުވި ފަރާތްތަކުގެ އިހުސާސްތަކަށް ކުރެވޭ އިހުތިރާމް ކުޑަކުރުމެއް ކަމަށް ދެކޭތީ، އެ ހުރިހާ ހަދިޔާތަކާއި ލޯބި ވަރަށް އިހުތިރާމާއި ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށްވެސް އޭނާ ބުންޏެވެ.

އަމީތާބް ދިރިއުޅޭ ގޭ ދޮަށަށް އެއްވެފައިވާ ސަޕޯޓަރުންނާ ބައްދަލުކުރަނީ--ފޮޓޯ/ހިންދުންސްތާންޓައިމްސް

ކޮންމެ ސަޕޯޓަރަކަށްވެސް އަމިއްލަ އަތުން ލިޔެގެން ސިޓީއަކުން ޖަވާބު އަރުވަން ބޭނުންވި ނަމަވެސް، އަތުގައި އުފެދިފައިވާ ރިހުމުގެ ސަބަބުން އެކަން އެދެވޭ އަވަސްމިނުގައި ކުރިއަށް ގެންދެވޭ ގޮތް ނުވީ ކަމަށް ބުނެ، މިކަމުގައި ސަޕޯޓަރުންގެ ކެތްތެރިކަމާއި ވިސްނުންތެރިކަމަށް އެދި އޭނާ ވަނީ އިޚުލާސްތެރިކަމާއެކު މައާފަށް އެދިފައެވެ.

ސިއްހީ ގޮންޖެހުންތަކާ އެކުވެސް ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ އަމީތާބް އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިގެންދިޔައީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ސައިންސް ފިކްޝަން ފިލްމު "ކަލްކީ 2898 އޭޑީ"ގެ ރޯލަކުންނެވެ. އެ ފިލްމުގައި ކުޅުނު 'އަޝްވަތާމާ'ގެ ކެރެކްޓާއިން އޭނާ ދެއްކި މޮޅު އެކްޓިންގްއަށް ގިނަ ބައެއްގެ ތައުރީފު އޮހިގެންދިޔައިރު، ކުރިއަށް އޮތް ތަނުގައިވެސް އޭނާ ފެނިގެންދާނީ ފާހަގަކޮށްލެވޭ ބޮޑެތި ޕްރޮޖެކްޓްތަކަކުންނެވެ. އޭގެ ތެރޭގައި "ކަލްކީ"ގެ ދެވަނަ ބަޔާއި، ރަޖްނީކާންތާ އެކު ކުޅޭ ތަމަޅަ ފިލްމު "ވެއްޓައްޔަން" އަދި ހޮލީވުޑްގެ މަޝްހޫރު ފިލްމު "ދަ އިންޓާން"ގެ ހިންދީ ރީމޭކް ހިމެނެއެވެ.

comment ކޮމެންޓް