ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، އުތުރުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
އެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ، މިރޭ 19:00އާ ހަމައަށެވެ. މެޓުން، އެ އަތޮޅުތަކަށް ސަމާލު ނެރުނީ، ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
މީގެއިތުރުން، އައްޑޫ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދަކަށް މިރޭ 20:00އާ ހަމައަށް މެޓުން ވަނީ ހުދު ސަމާލު ނެރެފައެވެ.
އެ ސަމާލު ނެރުނީ، ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ހިސާބަށް އަންނަނީ ވިއްސާރަކުރަމުންނެވެ. އަދި، ކުރިއަށް އޮތް ތިން ދުވަހަށް ވެސް މޫސުން ގޯސްވާނެ ކަމަށް މެޓުން ބުންޏެވެ.
މި ވިއްސާރަ އަލިވާން ފަށައި، ކަނޑުތައް މަޑުވާނެ ކަމަށް ބެލެވެނީ އަންނަ ބުދަ ދުވަހުގެ ފަހުން ކަމަށް މެޓުން މައުލޫމާތުދިނެވެ. އެ ދުވަސްތައް ދިމާވަނީ، ޖުމްހޫރީ ދުވަހާ އެއްކޮށް ލިބޭ ހަތަރު ދުވަހުގެ ބަންދާއެވެ.