މި ހަފުތާގައި ދިގު ޗުއްޓީއެއް ލިބޭއިރު، އަންނަ ބުދަ ދުވަހުން ފެށިގެން ވިއްސާރަ އަލިވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ.
އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.
މެޓުން ބުނީ، ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށެވެ. މިގޮތުން، މާދަމާއިން ފެށިގެން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭ ބާރުމިން ގަދަވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކޮށް، ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭ މިންވަރު ބާރުނުވިޔަސް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގައި އެވަރެޖުކޮށް، ވައި ބާރުވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެކަމަކު، އަންނަ ބުދަ ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި، ބުރާސްފަތި ދުވަހުން ފެށިގެން ކަނޑުތައް ވެސް މިހާރަށް ވުރެ މަޑުވާނެ ކަމަށް މެޓުން އަންދާޒާކުރެއެވެ.
އަންނަ ބުދަ ދުވަހު ފާހަގަކުރާ ޖުމްހޫރީ ދުވަހާ ގުޅިގެން ސަރުކާރުން ވަނީ، ޖެހިގެން އަންނަ ބުރާސްފަތި ދުވަސް ވެސް ބަންދުކޮށްފައެވެ. އެހެންވެ، މި ހަފުތާގައި ޖުމުލަ ހަތަރު ދުވަހުގެ ޗުއްޓީއެއް ލިބޭއިރު، ގިނަ ބަޔަކު އަންނަނީ ދަތުރުކުރުމަށް ތައްޔާރުވަމުންނެވެ.