ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ފެން ބޮޑުވުމުގެ ހާދިސާތައް ކުރިމަތިވާނެ: މެޓް

ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މެޓުން ލަފާކޮށްފި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން މިއަދު ވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުން އަންނަ ކަމަށް ބުނެފައެވެ.

އެހެންކަމުން މިއަދުން ފެށިގެން މި މަހުގެ 11ވާ އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބައެއް ރަށްތަކަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމުގެ ހާދިސާތައް ކުރިމަތިވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ވަނީ އެންމެ ފަހުގެ މޫސުމީ މައުލޫމާތުތަކަށް ސަމާލުވުމަށާއި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މިއަދުގެ 16:00 އަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ. އެގޮތުން އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން މިއަދުގެ އިރު އޮއްސި 18:00 އަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.

ވައިޖެހޭ ބާރުމިނަށް ބަލާއިރު އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން، އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 15 ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ރާޅުތަކުގެ އުސްމިނުގައި ދެ ފޫޓާއި ފަސް ފޫޓު ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން މެޓުން ވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް