ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މިރޭ ނެރުނު ސަމާލުގައި ބުނެފައިވަނީ، ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 10:00 އިން ފެށިގެން ދަންވަރު 01:30 ގެ ނިޔަލަށެވެ.
މާދަމާ ހެނދުނު 06:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
https://x.com/MetMaldives/status/2118749623779250547
ވައިޖެހޭނީ އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން، އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
މީގެއިތުރުން ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށް ލަފާކޮށްފައިވެއެވެ.
މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެއެވެ.
އެގޮތުން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، ނަމަވެސް އެ ދުވަސްވަރު އާންމުކޮށް ވައި ގަދަނުވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމާއެކު ކަނޑުތައް ގަދަވުން އެކަށީގެންވާތީ، ޗުއްޓީ ދުވަސްވަރު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.