ފުލުހުންގެ ޚިދުމަތުން އަންނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށްގެން ބާއްވާ "އެންސީޕީއެލްއީ އެނުއަލް ޕޮލިސިން ކޮންފަރެންސް 2026" މިއަދު ފަށައިފިއެވެ.
ފުލުހުން ބުނީ، އިސްކަންދަރު ކޮށީގައި ކުރިއަށްދާ ތިން ދުވަހުގެ މި ކޮންފަރެންސަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް އަދި ސްޓްރެޓީޖިކް ޕްލޭނިން އެންޑް ލީގަލް ސާވިސަސް ގުޅިގެން ބާއްވާ ކޮންފަރެންސެއް ކަމަށެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ ޚިދުމަތް ބޭނުންވާ މިންވަރާއި، ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ އިތުރުން ފަންނީ ދިރާސާތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

މި މަޝްވަރާތަކުގެ ތެރެއިން އިސްކަންދޭންޖެހޭ ދާއިރާތައް ދެނެގަނެވި، ސާފު ލަނޑުދަނޑިތަކެއް ކަނޑައެޅި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އަންނަ އަހަރުގެ އެކްޝަން ޕްލޭންގައި ހިމެނޭ ވަކިވަކި ޒިންމާތައް ތަރުތީބުކޮށް ކަނޑައެޅޭނެ ކަމަށް ފުލުހުން ބުންޏެވެ.
މި ކޮންފަރެންސަކީ ހޯމް މިނިސްޓަރު ޢަލީ އިޙްސާން އަދި ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މުހިންމު ބައްދަލުވުމެކެވެ. މި ކޮންފަރެންސްގައި އިލްމީ ހޯދުންތަކާއި، ދިރާސާތަކާއި އަދި ފުލުހުންގެ އޮޕަރޭޝަނަލް ތަޖުރިބާގެ އަލީގައި، އަމަލީ ގޮތުން ނަތީޖާ ނެރެވޭނެ ހަރުދަނާ ފިޔަވަޅުތަކެއް އެކަށައެޅިގެންދާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.