ގއ. އަތޮޅުގެ ފަޅުރަށެއްގެ ފަރަށް އެރި ދޯންޏެއްގައި ތިބި މީހުން ސަލާމަތްކޮށްފި

ފަރަށް އެރި އުޅަނދު: ގއ. އަތޮޅުގެ ފަޅުރަށެއްގެ ފަރަށް އެރި ދޯންޏެއްގައި ތިބި މީހުން ވަނީ ސަލާމަތްކޮށްފައި --- ފޮޓޯ: އެމްއެންޑީއެފް

މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަމުން ދަނިކޮށް، ގއ. އަތޮޅުގެ ފަޅުރަށެއްގެ ފަރަށް ރޭ ދޯންޏެއް އެރުމާ ގުޅިގެން، އެ ދޯނީގައި ތިބި އެންމެން އެމްއެންޑީއެފުން ސަލަމާތްކޮށްފިއެވެ.

ފުލުހުން މިއަދު "ސަން"އާ ހިއްސާކުރި މެސެޖެއްގައި ވަނީ، ގއ. ފެންފުއްޓާ ފަރަށް "ދެރަހާ" ނަމަކަށް ކިޔާ ދޯންޏެއް އަރައި، ދޯނީގެ ފަހަތް އަޑިއަށްދާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 00:47 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، ގއ. އަތޮޅު ޕޮލިސް ލޯންޗާއި އެމްއެންޑީއެފްއިން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށައިފައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ހާދިސާ ހިނގިއިރު ދޯނީގައި ތިބި އެންމެން އެމްއެންޑީއެފް ހާބާ ޕެޓްރޯލް ލޯންޗަށް ނަގާފައިވާއިރު، އެ އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް ފުލުހުން ހާމަކުރިއެވެ.

ފުލުހުން ބުނީ، ޑައިވަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ދޯންޏަށް ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ، އުޅަނދުގައި ދަތުރުކުރަމުންދިޔައީ ހަތަރު ދިވެހީންނާއި، ހަ ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން ހަތް މީހަކު ވަަނީ 01:53 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ ހާބަކްރާފްޓަށް ނަގާފައި ކަމަށް ސިފަިއން ބުންޏެވެ. އަދި، ޑިންގީއެއްގައި ފެންފުއްޓާއަށް އަރައިތިބި ތިން މީހުން ވެސް 02:10 ހާއިރު ވަނީ ހާބަކްރާފްޓަށް ނަގާފައި ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދިނެވެ.

'ދެރަހަ' ދޯނި ފުންކުރުމަށް އެ ދޯނީގެ ވެރިިފަރާތުން ގެނައި "ސްވިފްޓް" ދޯނި 04:22 ހާއިރު އެ ސަރަހައްދަށް ދިޔުމުން، އެ ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައި ކަމަށް ސިފައިން ހާމަކުރިއެވެ.

އެމްއެންޑީއެފުން ބުނ،ީ، 'ދެރަހަ'ގެ ވެރިފަރާތާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ދަނީ ބޯޓު ފުންކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރަކީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން އިއްޔެއާއި ރޭގެ ގިނަ ގަޑިތަކުގައި ވެސް، ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް މެޓް އޮފީހުން އޮތީ ދުރާލާ ލަފާކޮށްފައެވެ.

މޫސުން ގޯސްވުމުން، ކަނޑު ދަތުރުފަތުރު ކުރާއިރު ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އިރުޝާދުދެއެވެ.

comment ކޮމެންޓް