ވިނީޝިއުސްގެ ސަސްޕެންޝަން ނިމި އަލުން ކުޅުމުގެ ތެރެއަށް

މިދިޔަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު، ރެއާލް މެޑްރިޑާއި ވިއަރެއާލް ބައްދަލުކުރި މެޗުގައި ރެއާލްގެ ބްރެޒިލް ވިންގަރު، ވިނީޝިއުސް ޖޫނިއާއަށް ދެއްކި ރަތްކާޑާއެކު އައި ހަތަރު މެޗުގެ ސަސްޕެންޝަން ހަމަވެ، ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ތައްޔާރުވެފައިވާއިރު އެންމެ ގަދައަށް ވައިގައި ހިފާފައިވާ ވާހަކައަކީ، ވިނީއާ ނުލާ ޓީމު މާ ރަނގަޅަށް ކުޅޭ ވާހަކައެވެ. އޭނާއާ ނުލާ ޓީމުން ނެރެފައިވާ ނަތީޖާތައް މާ ރަނގަޅު ވާހަކައެވެ. ވިނީގެ ބަދަލަށް މި ހަތަރު މެޗުގައި ކުޅެން އެރުވި ޔެން ޑިއޮމަންޑޭގެ ކުޅުން، މި ސީޒަނުގައި ވިނީ ދައްކަމުން އަންނަ ކުޅުމަށްވުރެ ހާސްބައި ރަނގަޅު ވާހަކައެވެ.

އެހެން ނަމަވެސް، ކޯޗު ހޯސޭ މޮރީނިއޯގެ ވާހަކަތަކަށް ބަލާއިރު އެނގޭ ކަމަކީ ވިނީގެ ސަސްޕެންޝަން ނިމުމާއެކު ވާތުފަޅިން ކުޅޭނީ އޭނާ ކަމެވެ. މިކަން، ލީގުގައި އޭނާއަށް އައި ސަސްޕެންޝަނުގެ މުއްދަތުގައި ކުޅުނު ޗެމްޕިއަންސް ލީގު ދެ މެޗުންވެސް ފެނުނެވެ. އެހެން ނަމަވެސް މިއީ މިވަގުތު ރެއާލް މެޑްރިޑަށް އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

ރޭ، ވެލެންސިއާގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުނު މެޗަކީ ވިނީގެ ސަސްޕެންޝަނުގެ އެންމެ ފަހު މެޗެވެ. ހަމައެކަނި އެ މެޗަށް ބަލައިލިނަމަވެސް ފެނިފައިވަނީ، ޑިއޮމަންޑޭ ވާތުފަޅީގައި ހުރުމުން މެދުތެރެއާއި ކުރިއާ އޮންނަ ގުޅުން މާ ބޮޑަށްވެސް ރަނގަޅުކަމެވެ. މެދުތެރޭގައި ހަރަކާތްތެރިވާ ކުޅުންތެރިން ކުރިއަށްޖެހޭ ވަގުތު، ޑިއޮމަންޑޭ ފަހަތަށް ޖެހުމުން ޓީމުގައި ހުސްކަމެއް ނެތި، ހުރިހާ ޕޮޒިޝަނެއްގެ ކުޅުންތެރިންވެސް ގުޅިގެން، އެކުގައި މަސައްކަތްކުރަން ފަސޭހަވިތަނެވެ. ނަތީޖާއެއްގެ ގޮތުން، މެދުތެރެއިން އާރްދާ ގޫލާ އަދި ފަހަތުން ފެޑެރީކޯ ވަލްވަރްޑޭ ކުރިއަށް އަރައި، ވެލެންސިއާގެ ގޯލަށް ކެނޑިނޭޅި ނުރައްކާކުރިތަން މެޗުގައި ފެނުނެވެ.

ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު، 0-3 ގެ ނަތީޖާއިން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފައިވާއިރު، ރެއާލްގެ ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ފެޑެރިކޯ ވަލްވެރްޑޭއެވެ. މިއީ، ކިލިއަން އެމްބާޕޭ ނެގި ހިލޭޖެހުމެއް، ވެލެންސިއާގެ ދިފާއީ ފާރުގައި ޖެހިފައި އޭނާއަށް ލިބުނު ފުރުސަތުގައި ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. އެމްބާޕޭ، ޑިއޮމަންޑޭ އަދި ޖޫޑް ބެލިންގަމްގެ ހިތްގައިމު ޕާސްތަކަކަށްފަހު ބެލިންގަމް، އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ލިބުނު ބޯޅައިން ރެއާލްގެ ދެވަނަ ލަނޑު، މެޗުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާރްދާ ގޫލާއެވެ. މުޅި މެޗުގައިވެސް މިކުޅުންތެރިން އެއްވެގެން އުފެއްދި ގިނަ ހަމަލާތަކަކުން ވެލެންސިއާގެ ގޯލަށް ނުރައްކާކޮށްފައިވެއެވެ.

ސްޕެނިޝް ލަލީގާ ގައި ރޭ ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން--

ރެއާލްގެ ފަހު ލަނޑު، އާރްދާ ގޫލާ ގެ ޕާހަކުން މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ކިލިއަން އެމްބާޕޭއެވެ.

މި މުއްދަތުގައި ރެއާލް މެޑްރިޑް ލީގުގައި ކުޅުނު ހަތަރު މެޗާއި ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗު އަޅާކިޔާއިރު ފާހަގަވާ އެއް ކަމެއް އެބައޮތެވެ. ލީގުގައި ކުޅުނު މެޗުތަކުގައި، މުޅި މެޗު ޓީމެއްގެ ގޮތުގައި ރަނގަޅަށް ކުޅެ، ހަތަރު މެޗުވެސް މާބޮޑު އުނދަގުލަކާނުލާ ކާމިޔާބުކޮށްފައިވާއިރު، ޗެމްޕިއަންސް ލީގުގައި އޭއެސް ރޯމާ އަދި އޭއީކޭ އެތެންސާ ދެކޮޅަށް ކުޅުނު މެޗުތަކުގައި އެޓީމަށް ރަނގަޅަށް ކުޅެގަނެވުނީ ވިނީ ބަދަލުކުރި ހިސާބުންނެވެ. މީގެ އިތުރަށް، ރެއާލް ދެ މެޗުވެސް ކާމިޔާބުކުރުމުގައި ވިނީގެ ބަދަލުގައި އެރުވި ކުޅުންތެރިންގެ ދައުރު ފާހަގަކުރެވުނެވެ.

ސްޕެނިޝް ލަލީގާ ގައި ރޭ ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން--

ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި 59 ވަނަ މިނެޓުގައި ވިނީގެ ބަދަލަށް އެންޑްރިކް ކުޅެން އެރުވުމުން އޭނާގެ ލަނޑެއްގެ އިތުރުން އެސިސްޓެއްވެސް މެޗުގައި ފެނުނެވެ. އެތެންސާ ދެކޮޅަށް ކުޅުނު މެޗުގައި 81 ވަނަ މިނެޓުގައި ވިނީގެ ބަދަލަށް ބްރަހީމް ޑިއާޒް ކުޅެން އެރުވުމުން އޭނާގެ އެސިސްޓެއް މެޗުގައި ފެނުނެވެ.

މި ހުރިހައި ކަމަކަށް ބަލާފައި، ރެއާލްގެ ގިނަ ސަޕޯޓަރުން ދެކެނީ މިވަގުތަށް ޓީމަށް އެންމެ ރަނގަޅު ގޮތަކީ ވިނީ ކުޅެން ނޭރުވުމެވެ. އޭނާއާ ނުލާ މިވަގުތު ޓީމު މާ ރަނގަޅަށް ކުޅެ، މާ ރަނގަޅު ނަތީޖާތަކެއް ނެރެމުންދާކަމަށް ގިނަ ސަޕޯޓަރުން ދެކެއެވެ.

comment ކޮމެންޓް