ގާތްގަނޑަކަށް ބައި ގަރުނު ވަންދެން ޚިދުމަތްކުރެއްވި ދިވެހި ބަހުގެ މުދައްރިސް މޫސާ ޢަލީ މިއަދު އަވަހާރަވެއްޖެއެވެ.
މޫސާ ޢަލީ އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.
ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ ކުރީގެ މިނިސްޓަރު އަދި ބަހަށް ޚިދުމަތްކުރައްވަމުން ގެންދަވާ އާދަމް ނަސީރު އިބްރާހީމް 'ފޭސްބުކް'ގައި ލިޔުއްވި ޕޯސްޓެއްގައިވަނީ މޫސާ ޢަލީއަކީ ދަރިވަރުންނަށް ނަމޫނާ ދެއްކެވި މުދައްރިސެއް ކަމަށެވެ.
"އެމަނިކުފާނުގެ މާތް އަޚްލާގުގައެވެ. ވަގުތަށް ކަމޭ ހިތްތެވުމާއި ކަމަށް ކަމޭ ހިތްތެވުމުގައެވެ. ދަރިވަރުންނާ މުއާމަލާތުކުރެއްވުމުގައެވެ، ވަކިން ޚާއްޞަކޮށް ދަރިވަރުންގެ ޝަޚްސިއްޔަތު ދިވެހި އިސްލާމީ ތަރަހައިގެ މަތީގައި ބިނާކުރެއްވުމުގައެވެ،" އެ ޕޯސްޓުގައިވެއެވެ.
އުމުރުފުޅުން އެންމެ 16 އަހަރުގައި ދައުލަތުގެ ވަޒީފާއަށް ޖޫން 17، 1958ގައި ވަދެވަޑައިގެންނެވި މޫސާ ޢަލީ ވަނީ ހަމީދިއްޔާ މޮންޓިސޫރީ ސްކޫލު (މިހާރުގެ އިސްކަންދަރު ސްކޫލު)ގައި މަސައްކަތްކުރައްވައި، އަވަށްޓެރި ސްރީލަންކާގައި ތިބި ދިވެހި ކުދިންނަށް ކިޔަވައިދެއްވުމުގައި ވެސް އަށް އަހަރު ހޭދަކުރައްވައިފައެވެ.
އޭގެފަހުން ނޮވެންބަރު ހަތެއް، 1967އިން ފެށިގެން ހަތަރު އަހަރާއި ބައިގެ މުއްދަތަކަށް އަމީނިއްޔާ ސްކޫލުގައި ކިޔަވައިދެއްވުމަށްފަހު އެއާޕޯޓު އޮފީހާއި މުވާސަލާތީ ޑިޕާޓްމަންޓުގައި މަސައްކަތްކުރެއްވިއެވެ.
އޭގެ ފަހުން ވެސް އަމީނިއްޔާ ސްކޫލުގައި 28 އަހަރަށް ވުރެ ދިގު މުއްދަތަކަށް މޫސާ ޢަލީ ޚިދުމަތްކުރެއްވިއެވެ. އެ މުއްދަތުގައި މޫސާ ޢަލީ ވަނީ އެ ސްކޫލުގެ ދިވެހި ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމު 20 އަހަރު ދުވަސް ވަންދެން ފުރުއްވައިފައެވެ.
މޫސާ ޢަލީ ވަނީ މިނިވަން 25ގެ އިނާމާއި ދިވެހި ބަހަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައެވެ.
މޫސާ ޢަލީ ވަނީ މެދުނުކެނޑި 49 އަހަރާއި 10 މަސް ވަންދެން ދައުލަތަށް ޚިދުމަތްކުރައްވައިފައެވެ.