އިލެކްޓްރިކް އުޅަނދުތަކާއި ޗާޖިންގް ސްޓޭޝަންތައް މަރާމާތުކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އެއްބަސްވުމެއް

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ތިމާވެއްޓާބެހޭ ވުޒާރާ

ރާއްޖޭގައި އިލެކްޓްރިކް އުޅަނދުފަހަރާއި ޗާޖިން ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

މި އެއްބަސްވުން އެކުލަވާލާފައިވަނީ ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއާއި އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާބެހޭ ވުޒާރާއާ ދެމެދުއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ތިމާވެއްޓާބެހޭ ވުޒާރާއިން ސިފަކޮށްފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަމާބެހޭ ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް އިލެކްޓްރިކް އުޅަނދުފަހަރާއި ޗާޖިންގް ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ޚާއްސަ ތަމްރީނުތަކެއް ހޯދުމުގެ ފުރުސަތު ފަހިވާނެކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެއެވެ.

މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ، ގްލޯބަލް އެންވާރަމަންޓް ފެސިލިޓީ (ޖީއީއެފް) ގެ އެހީގައި ކުރިއަށްގެންދާ "އިންޓަގްރޭޓެޑް، ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއުގެ ދަށުން ފޯރުކޮށްދީފައިވާ އިލެކްޓްރިކް ބަސްތަކާއި އެހެނިހެން އުޅަނދުތައް ދިގު މުއްދަތަކަށް ބެލެހެއްޓުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުން ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެއެވެ.

ހަމައެއާއެކު، ކުރިމަގުގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމުތައް ކުރިއެރުވުމަށް ބޭނުންވާ ގާބިލުކަން މި މަސައްކަތުގެ ތެރެއިން ވަރުގަދަވެގެންދާނެކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ދަނީ އެތަކެއް މަސައްކަތެއް ކުރަމުންނެވެ. އެގޮތުން ޚާއްސަކޮށް މާލެ ސަރަހައްދުގައި އޮތް ޒަމާންވީ މައްސަލައެއް ކަމަށްވާ ޓެކްސީ ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އުފެއްދި ޓެކްސީ ލައިންގައިވެސް ބޭނުންކުރަނީ އީ-ވެހިކަލްތަކެއްކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، އީ-ވެހިކަލްތައް ބޮޑަށް ފާހަގަކޮށް، އެފަދަ އުޅަނދުތައް ގެންގުޅުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ވަނީ އީ-ވެހިކަލްތަކުގެ ލައިސަންސް ޕްލޭޓުތައް ފެހިކުލައަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް