ކާބަން މާކެޓު އުސޫލުތައް ހެދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށާއި އެގޮތުން މިކަމަށް ބޭނުންވާ ގަވައިދުގެ ފުރަތަމަ ޑްރާފްޓް ތައްޔާރުކޮށް ނިމިފައިވާ ކަމަށް، އެންވަޔަރަމަންޓް މިނިސްޓަރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ކާބަން މާކެޓަކީ ކާބަން ކްރެޑިޓުގެ ވިޔަފާރިކުރެވޭ ނިޒާމެކެވެ. ކާބަން ކްރެޑިޓު ހޯދަނީ އިޔާދަކުރުވަނިވި ހަކަތައަށް ބަދަލުކުރުމާއި ގަސްގަހާއިގެހި އިންދުން ފަދަ މަސައްކަތްތައް ކޮށްގެންނެވެ.
ކާބަން މާކެޓުގެ ދެ ވައްތަރެއް އޮވެއެވެ. އެއީ ކޮމްޕައިލެންސް މާކެޓާއި ވޮލުންޓަރީ މާކެޓެވެ.
އޭގެ ތެރެއިން ކޮމްޕައިލަންސް މާކެޓުތަކަކީ ސަރުކާރުތަކުން އުފައްދާ ގާނޫނުތަކާއި ގަވައިދުތަކުގެ ދަށުން އުފައްދާ މާކެޓުތަކެވެ. އަދި ވޮލުންޓަރީ މާކެޓުތަކަކީ ކުންފުނިތަކާއި ފަރުދުންނާއި ސަރުކާރުތަކުން ވަކި ލަނޑުދަނޑިތަކެއް ހާސިލުކުރުމަށްޓަކައި އެތެރޭގެ ނުވަތަ ބައިނަލްއަގުވާމީ މާކެޓުތަކެވެ.
އެންމެ ބޮޑެތި ކާބަން މާކެޓުތަކުގެ ތެރޭ ވިލާތުގެ އިއްތިހާދުގެ އެމިޝަންސް ޓްރޭޑިން ސިސްޓަމް (އީޔޫއީޓީއެސް)އާއި ޗައިނާގެ ގައުމީ އެމިޝަންސް ޓްރޭޑިން ސިސްޓަމް ހިމެނެއެވެ.
ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކާބަން މާކެޓަށް ރާއްޖެ ވެއްދުމަށްޓަކައި މިނިސްޓްރީން މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ މިކަމަށް ބޭނުންވާ ރެގިއުލޭޝަން، މިހާރު ފުރަތަމަ ޑްރާފްޓް ތައްޔާރުކުރެވިފައި މި އޮތީ، ދެން އަޅުގަނޑުގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް އިރާދަކުރެއްވިޔާ އެ ގެޒެޓުކުރެވޭނެ ގޮތެއް ވޭތޯ ބެލުން، އެހެންވީމާ ފުރަތަމަ ޑްރާފްޓް ތައްޔާރުކުރެވި ރިވިއުކުރެވެމުން މި ދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އެ ގަވައިދުގައި، ކާބަން މަޝްރޫއުތަކަށް ހުއްދަދިނުމާއި ދެ ފަރާތުން އަދާކުރަންޖެހޭ އިދާރީ ޒިންމާތަކާއި ކާބަން ކްރެޑިޓު ބަލަހައްޓާނެ ގޮތުގެ ތަފުސީލު ވެސް ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ޓަކައި ނިންމަވައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ ޑިސެންބަރު 1، 2023ގައި އޮތް ކޮޕް28 ސަމިޓުގައި ތަގުރީރުކުރައްވަމުންނެވެ. ފަސް އަހަަރަށް ކަނޑައަޅައިފައިވާ އަމާޒަށް ވާސިލްވުމަށް ޓަކައި 600 މިލިއަން ޑޮލަރު ބޭނުންވާ ކަަމަށާއި ބައިނަލްއަގްވާމީ ދުނިޔޭގެ ކިބައިން އެ ކަމުގައި އެހީތެރިކަަން ބޭނުންވާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.